އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން މިދިޔަ ބުދަ ދުވަހުގެރޭ ބޭއްވި އިހުތިޖާޖު ކަވަރު ކުރަން ތިބި ނޫސްވެރިންނަށް ފުލުހުން އިންޒާރުދިން މައްސަލައެއް، ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ބޭރުގެ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)ގެ ސަމާލު ކަމަށް އަތުވެއްޖެއެވެ.
އައިއެފްޖޭގެ ސަމާލުކަމަށް މި މައްސަލަ އައުމުން އެ ޖަމިއްޔާއިން އިއްޔެ ބަޔާނެއް ނެރެފައިވަނީ "އިންޑިއާ އައުޓް"ގެ ދަށުން ބޭއްވި އިހްތިޖާޖު ކަވަރުކުރަމުން ދިޔަ ނޫސްވެރިންތަކަކަށް "ސޯލިހު" ނަމަކަށް ކިޔާ ފުލުހަކު ބިރު ދައްކައި އިންޒާރު ދިން މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
އެ އިހުތިޖާޖު ކަވަރު ކުރަން ތިބި ނޫސްވެރިންނަށް އިންޒާރުދިން މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި އައިއެފްޖޭއިން ބުނީ، މިދިޔަ މޭ މަހުން މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ރާއްޖޭގައި ނޫސްވެރިންގެ ހައްގުތަކަށް އަރައިގަނެގެން ރިޕޯޓުކޮށްފައި ވަނީ އެންމެ ދެ މައްސަލަ ކަމަށާއި، ނަމަވެސް މީޑިއާތަކާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް އަދަބު ނުދެވޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ޖަމިއްޔާއިން ވަނީ، ނޫސްވެރިންނަށް އިންޒާރު ދީ ފުރައްސާރަ ކުރުމަކީ ރާއްޖޭގެ ގާނޫނުއަސާސީ އާ ވެސް ހިލާފު ކަމެއް ކަން ފާހަގަ ކޮށްފައެވެ. އަދި އަނިޔާއެއް ދީފާނެ ކަމުގެ ބިރެއް ނެތި ހަރަކާތްތެރިވުމުގެ ފުރުސަތު ނޫސްވެރިންނަށް އޮންނަން ޖެހޭނެ ކަމަށް ވެސް އެ ޖަމިއްޔާއިން ފާހަގަކޮށްފައި ވެއެވެ.
"ނޫސްވެރިންތަކަކަށް އިންޒާރު ދިން މައްސަލަ ބަލައި، ކުށްވެރިވާ ފަރާތްތައް ލަސްނުކޮށް ހައްޔަރު ކުރުމަށް ގޮވާލަން." އައިއެފްޖޭގެ ބަޔާނުގައި ވެއެވެ
އެކަމާ ގުޅިގެން މީޑިއާ ކައުންސިލުން މީގެ ކުރިން ބުނެފައިވަނީ އެކަން އެ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ މައްސަލަ ބަލައިދިނުމަށާއި ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ހިއްސާކޮށްދިނުމަށް އެދި ފުލުހުންނަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.
މީގެ އިތުރުން، އެމްޖޭއޭ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އިހުތިޖާޖު ކަވަރު ކުރަން ތިބި ނޫސްވެރިންނާ މެދު ފުލުހުން އަމަލު ކުރަމުންދިޔަ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ބަޔާނުގައި ވަނީ މުޒާހަރާ ކަވަރުކުރަން ތިބި ނޫސްވެރިންނަށް ފުރައްސާރަކޮށް، އިންޒާރުދީ، އަނިޔާކޮށްފައިވާ މައްސަލަތައް ސީރިއަސްކޮށް ބަލައި، ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް ކަމާ ގުޅުން ހުރި އެންމެހާ މުއައްސަސާތަކަށް ގޮވާލައިފައެވެ.