ބޭންކް އޮފް މޯލްޑިވްސް ގެ މޯބައިލް ބޭންކިން އެޕް ގައި ބީއެމްއެލް ޕޭ ވޮލެޓްގެ ހިދުމަތް މިއަދު ތައާރަފް ކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ މި އަޕްގްރޭޑާއެކު، ކޮންޓެކްޓްލެސް ޕޭމަންޓްގެ ހިދުމަތް އަދި ވޮލެޓް-ޓު-ވޮލެޓް ޓްރާންސްފާ ގެ ހިދުމަތް އެޕް މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ.
އަލަށް ތައާރަފް ކުރި މި ހިދުމަތާއެކު، ބީއެމްއެލް މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް ހަލުވިކަމާއި ރައްކާތެރިކަމާއެކު ޕޭމަންޓް ފުރިހަމަ ކުރުމަށް ކަސްޓަމަރުންނަށް ސްކޭން ޓު ޕޭ ގެ ހިދުމަތް ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ހަމަ އެކަނި މޯބައިލް ނަންބަރު ބޭނުންކޮށްގެން އާއިލާ އާއި ރަހުމަތްތެރިންނަށް ފައިސާ ވެސް ފޮނުވޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ ރައްކާތެރިކަމާއި ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް މޯބައިލް ބޭންކިން އެޕަށް އާ ބަދަލުތަކަކާއި އިތުރު ފީޗާ ތަކާއެކު މިދިޔަ އަހަރު ގެނައި ކަމަށެވެ.
މިއަދު ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް މޯބައިލް އެޕް ގައި ހިމެނިގެންދިޔުމާއެކު ކަސްޓަމަރުންނަށް މިހާރު އެއް އެޕް މެދުވެރިކޮށް ފައިސާ ދެއްކުމާއި ބޭންކިން ހިދުމަތް ލިބިގެންދާނެ ކަމަށް ވެސް ޓިމް ސޯޔާ ވިދާޅުވިއެވެ.
އަދި ކަސްޓަމަރުންނަށް ފައިސާ ދެއްކުމަށް ސްކޭން ޓު ޕޭ މެދުވެރިކޮށް ނުވަތަ އެންއެފްސީގެ ހިދުމަތް އެކުލެވޭ ފޯނެއް މެދުވެރިކޮށް ޓެޕް ޓު ޕޭ ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި މާޗަންޓަކަށްވެސް އެޕް މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަށް މޯބައިލް ބޭންކިން ހިދުމަތް ބީއެމްއެލް އިން ތައާރަފްކޮށްފައިވަނީ 2015ގައެވެ. ބީއެމްއެލްއިން ބުނީ، މި ހިދުމަތް ތައާރަފްކޮށްފައިވަނީ ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު ކޮންމެތަނަކު ހުރެގެން ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ. މިގޮތުން ބޭންކުގެ 90 ޕަސަންޓް ކަސްޓަމަރުން އިންޓާނެޓް ބޭންކިން ހިދުމަތް ބޭނުންކުރާ ކަމަށް ބީއެމްއެލް އިން ފާހަގަކުރެއެވެ.