މަދިރި ކޮންޓްރޯލް ކުރުމަށް އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭ އެއްބަޔަކީ ކޮންސްޓްރަކްޝަން ސައިޓްތަކުގެ ވެރިން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިހެން ވިދާޅުވީ އެޗްޕީއޭއިން އިސްނަގައިގެން ހުޅުމާލޭގައި މަދިރިއާލާވާ ތަންތަން ނައްތާލުމަށް ކުރިޔަށް ގެންދާ ކެމްޕެއިން "މަދިރި ހޯހޯ" އިފްތިތާހް ކޮށްދެއްވަމުން ދެއްކެވި ވާހަކަގައެވެ.

މޭޔަރު ވިދާޅުވީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު އިންޑަސްޓްރީ އަކީ ކޮންސްޓްރަކްޝަން ދާއިރާ ކަމަމަށާއި އެފަދަ މަސައްކަތް ކުރާ ތަންތަނަކީ ހާއްސަ ގޮތެއްގައި މަދިރި އާލާވާގޮތަށް ހުންނަ ތަންތަން ކަމަށެވެ. އެހެންކަމުން މިކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮންސްޓަރަކްޝަން މަސައްކަތް ކުރާ ތަންތަނަކީ ޚާޢްސަ ގޮތެއްގައި މަދިރި އާލާވާގޮތަށް، ފެންހަރުލާގޮތަށް ހުންނަ ތަންތަން. ރާއްޖޭގަ ދެވަނައަށް އެންމެ ބޮޑު އިންޑަސްޓްރީ އަކީ ކޮންސްޓްރަކްޝަން ދާއިރާ. އަދި މި އިންޑަސްޓްރީގެ އެންމެ ގިނަ މަސައްކަތް ހިނގަނީ މާލެ ސިޓީގައި
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މޭޔަރު ވިދާޅުވީ ކޮންސްޓްރަކްޝަން މަސައްކަތްތައް އެންމެ ގިނައިން ހިނގާ އެއްތަނަކީ މާލެ ސިޓީކަމަށްވުމުން މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކުގެ ވެރިން ޒިންމާވާން ޖެހޭގޮތަށް މިކަންކަން ރާވާ ހިންގަން ޖެހޭ ކަމަށެވެ.

ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ އަަދަދު އިތުރުވާތީ އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ މަހު ތެރޭ ވެސް ވަނީ އަންގާފައެވެ.

ޑެންގީގެ އިތުރުން، އަރިދަފުސް ރޯގާއާއި ވައިރަލްހުން ފަދަ ބަލިތައް އިތުރުވެގެން ދިޔުމުގެ ފުރުސަތު އޮތުމުން ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުން މުހިންމު ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.