މުނިފޫހިފިލުވުމުގެ ކިޑިކީއިން ކުޑަ ރާސްތާއަކަށް ނަމަވެސް ބަލައިލި ކޮންމެ މީހަކަށްވެސް އެ އަޑެއް ކަންފަތުގައި ޖެހުމުން، އެއީ ފަރިތަ އަޑެއް ކަމަށް ބުނާ "ޝެރިއަޓްސް އޮފް ފަޔާ"ގެ ތީމް ކޮމްޕޯޒާ އަދި ގްރީސްގެ މަޝްހޫރު މިއުޒީޝަން ވޭންގެލީޒް ޕާޕަތަނާސިއޫ މަރުވެއްޖެއެވެ.

"ޝެރިއަޓްސް އޮފް ފަޔާ" އަދި "ބްލޭޑް ރަނާ" ފަދަ މަޝްހޫރު އުފެއްދުންތަކުގެ ތީމް ލަވަ ތައްޔާރު ކޮށްދިން ވެންގެލީޒް އަކީ އަދުގެ ޒަމާން ދެކޭ އިލެކްޓްރޯނިކް މިއުޒިކްގެ ބާނީއެވެ.

ވެންގަލީޒް،79، ފަރަންސޭސިވިލާތުގައި މަރުވީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ. ގްރީސްއަށް ނިސްބަތްވާ ވެންގަލީޒް، ފަރަންސޭސިވިލާތުގެ އިތުރުން ލަންޑަންގައިވެސް ދިރިއުޅޭ ފަހަރު އާދެއެވެ.

ވެންގަލީޒްގެ މަރުގެ ހަބަރު މީޑިއާއަށް ތިލަވެފައި ވަނީ އޭނާ މަރުވިތާ ދެތިން ދުވަސް ފަހުންނެވެ. ހަބަރު ލިބޭ ގޮތުގައި ވެންގަލީޒް މަރުވީ މެއި 17 ވަނަ ދުވަހުއެވެ.

މިއުޒިކީ ދާއިރާގައި ބައި ގަރުނަށްވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައި ވާ ވެންގަލީޒް ވަނީ، "ޝެރިއަޓްސް އޮފް ފަޔާ" އިން އޮސްކާ އެވޯޑް ހާސިލު ކޮށްފައެވެ.

ވެންގަލީޒް ބުނެފައި ވާ ގޮތުގައި އޭނާއަކީ މިއުޒިކްގެ ދާއިރާއިން ތައުލީމު ހާސިލު ކުރި މީހެއް ނޫނެވެ. އޭނާ މިއުޒިކްގެ ތަޖުރިބާތައް ކުރީ ތެލިތަށި ތަޅައިގެންނާއި، މޮހުރު ޖެހުން ފަދަ ކަންކަމުގެ ތެރެއިންނެވެ. ނަމަވެސް ޕިއާނޯ ކޮންސެޓެއްގައި އޭނާ އެންމެ ފުރަތަމަ ހުށަހެޅުމެއް ހުށަހަޅާ ދިނީ އުމުރުން އެންމެ 6 އަހަރުގައެވެ. ވެންގަލީޒް ތައުލީމު ހާސިލު ކުރީ ކުރެހުމުގެ ދާއިރާއިންނެވެ.