ތުއްތު ކުދިންނަށް ދޭ ތައްޔާރީ ކިރު ނުވަތަ ބޭބީ ފޯމިއުލާގެ ދަތިކަން ކުރިމަތިވެ އިންތިހާ ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައި ވާ އިރު އެކަމަށް ހައްލު ހޯދުމުގެ ގޮތުން، އެމެރިކާގެ ރައީސް ޖޯ ބައިޑަން، ޑިފެންސް ޕްރޮޑަކްޝަން އެކްޓަށް އަމަލު ކުރެއްވުމަށް އަމުރު ކުރައްވައިފިއެވެ.
މީގެ އިތުރުން ބައިޑަން ވަނީ އެހެން ގައުމުތަކުން އެމެރިކާއަށް ބޭބީ ފޯމިއުލާ އިމްޕޯޓް ކުރުމުގެ އިޒުނަވެސް ދެއްވާފައެވެ.
އެމެރިކާއަށް ބޭބީ ފޯމިއުލާގެ ދަތިކަން ކުރިމަތިވީ، ސަލާމަތީ އެގައުމުގައި ބޭބީ ފޯމިއުލާ އުފައްދަމުން ދިޔަ އެންމެ ބޮޑު ކުންފުނި، ރައްކާތެރި ކަމާ ގުޅުން ހުރި މައްސަލައެއްގައި ބަންދު ކުރި ހިސާބުންނެވެ. ބޭބީ ފޯމިއުލާ ލިބުން ދަތިވެ، އެ މައްސަލަ ބޮޑުވެ، ރައީސްއަށް މިހާރު ސިޔާސީ ޕްރެޝަރާވެސް ކުރިމަތިލައްވަން ޖެހިވަޑައިގެންފައި ވާ ކަމަށް ހަބަރު ލިބެއެވެ.
އާއިލާތަކަށް މިވަގުތު އެންމެ ބޭނުން ޖެހިފައިވާ ބޭބީ ފޯމިއުލާ، ރައްކާތެރި ކަމާއެކު ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމަކީ މިވަގުތު އެންމެ އިސްކަމެއް ދެއްވާ ކަމެއް ކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ. އަދި ކޮމާޝަލް މަތިންދާބޯޓުތައް ބޭނުން ކޮށްގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެމެރިކާއަށް ބޭބީ ފޯމިއުލާ އިމްޕޯޓް ކުރުމުގެ މަސައްކަތް ކުރުމަށް ދިފާއީ ވުޒާރާއަށް ވަނީ ހުއްދަ ދޫކޮށްފައެވެ.
"އޮޕަރޭޝަން ފްލައި ފޯމިއުލާ"ގެ ނަމުގައި ހިންގާ މި ހާއްސަ އޮޕަރޭޝަންގެ ދަށުން، އެމެރިކާއަށް ބޭނުންވާ ރައްކާތެރި ބޭބީ ފޯމިއުލާ ހޯދުމުގައި އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިންވެސް މަސައްކަތްތަކެއް ކުރުމަށް ބައިޑަން ވަނީ އިރުޝާދު ދެއްވާފައެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސޯދުގެ ގޮތުގައި އޮތް އެމެރިކާއިން ބޭބީ ފޯމިއުލާ މުޅިންހެން ހުސްވެ، އެހެން ގައުމުތަކުން އެމެރިކާއަށް ބޭބީ ފޯމިއުލާ އިމްޕޯޓް ކުރަން ފެށުމަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އިތުރުން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗޭނަށް ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި، އެހެން ގައުމުތަކުންވެސް ސަޕްލައި ކަށަވަރު ކުރުމުގައި ސަމާލުވެ އޮންނަންޖެހޭ ކަމެކެވެ.