ތަޣައްޔަރު ކަމުގެ ސަބަބުން އަވަށްޓެރި އިންޑިއާގައި 2019 ވަނަ އަހަރު، 2.3 މިލިއަނަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައި ވާ ކަމަށް، މެޑިކަލް ޖާނަލްއެއް ކަމަށް ވާ ދަ ލޭންސެޓްގެ ދިރާސާއަކުން ދައްކައިފިއެވެ.
ވައި ތަޣައްޔަރު ވުމުގެ ސަބަބުން އެކަނިވެސް 1.6 މިލިއަން މީހެއްގެ ފުރާނަ ގެއްލިފައި ވާ އިރު، ފެން ތަޣައްޔަރުވުމާ ގުޅިފައިވާ މަރުގެ ކޭހުގެ އަދަދު 5 ލައްކައަށްވުރެ މައްޗަށް އަރައެވެ.
ލޭންސެޓް ކޮމިޝަން އޮން ޕޮލޫޝަން އެންޑް ހެލްތު ރިޕޯޓްގައި ވާ ގޮތުން، މުޅި ދުނިޔެއަށް ބަލާއިރު، ތަޣައްޔަރު ކަމާ ގުޅިފައިވާ މަރުގެ ކޭހުގެ އަދަދު 9 މިލިއަނަށް އަރައެވެ. ވައި ތަޣައްޔަރުވުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް މިލިއަނަކަށްވުރެ ގިނަ މީހުން މަރުވަމުން ދާ އިންޑިއާއަކީ، މި ކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ފޯރާފައި ވާ ގައުމު ކަމަށްވެސް ލޭންސެޓް ރިޕޯޓްގައިވެއެވެ.
އިންތިހާ ފަގީރު ކަމުގެ ސަބަބުން ގޭބިސީ ފެންވަރުގައި މެދުވެރިވާ ވަޔާއި ފެނުގެ ތަޣައްޔަރު ކަމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ދަށްވިއިރު، ސިނާއީ ފެންވަރުގައި އުފެދުނު ތަޣައްޔަރު ކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.
ދިރާސާގެ އިތުރު ހޯދުންތަކަށް ބަލާއިރު ތަޣައްޔަރު ކަމާ ގުޅިފައިވާ މަރުގެ ކޭސްތަކުގެ 90 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހިއްސާ ކުރަނީ ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުންނެވެ. 2.36 މިލިއަން މަރުގެ ރިޕޯޓާއެކު 1 ވަނާގައި އިންޑިއާ އޮތް އިރު، 2.1 މިލިއަން މަރުގެ ކޭހާ އެކު 2 ވަނާގައި އޮތީ ޗައިނާއެވެ.
2000 ވަނަ އަހަރާއި 2019 ވަނަ އަހަރާ ދެމެދު ޒަމާނީ ތަޣައްޔަރު ކަމުގެ ސަބަބުން ލިބުނު އިގުތިސޯދީ ގެއްލުންވެސް އިންޑިއާގައި ވަނީ އިތުރު ވެފައެވެ. ކެމިކަލް އަދި ލެޑްގެ ތަޣައްޔަރުކަން ފަދަ ޒަމާނީ ތަޣައްޔަރު ކަމުގެ ސަބަބުން ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގެ 1 ޕަސެންޓް ހާ ގެއްލުން އިންޑިއާއަށް ވެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
ޔުނިވާސިޓީ އޮފް ޗިކާގޯގެ އެނާޖީ ޕޮލިސީ އިންސްޓިޓިއުޓް އިން މިދިޔަ އަހަރު އާންމު ކުރި ދިރާސާއެއް ލަފާ ކުރި ގޮތުގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ވައި ސާފުކޮށްފި ކަމުގައި ވަނީ ނަމަ، އިންޑިއާގެ ވެރިރަށް ނިއުދިއްލީއްގެ ރަށްވެހިން ދިރިއުޅޭނެ ކަމަށް ލަފާ ކުރާ އެންމެ ދޮށީ އުމުރަށް 10 އަހަރު އިތުރުވުމުގެ ފުރުސަތު އެބަ އޮތެވެ.