ކަރަންޓުގެ ހިދުމަތާއި ޔުޓިލިޓީ ހިދުމަތް ދޭ ސަރުކާރު ކުންފުނި، ސްޓެލްކޯ ފުޅާކޮށް އިތުރު ވިޔަފާރިތަކުގެ ތެރެއަށް ވަނުމުގެ ވިސްނުން ހުރި ނަމަވެސް ކޮންސްޓްރަކްޝަން ދާއިރާއަށް ވަނުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އަހްމަދު ޝަރީފް މިހެން ވިދާޅުވީ އެކި ނޫސްތަކަށް ޝަރީފް ދެއްވި އިންޓަވިއުގައި ހައުސިން ސްކީމްގެ ތެރެއިން ލަކްޒަރީ ހައުސިން އަޅާ ވާހަކައާއި، ސަރުކާރު މިނިސްޓްރިތަކާއި މުއައްސަސާތަކާއި ވިޔަފާރިތަކަށް އަމާޒުކޮށް އޮފީސް އިމާރާތެއް އަޅާ ވާހަކަތަކާ ގުޅިގެން ބައެއް މީހުން ކަންބޮޑުވުން ފާލުކުރާ ކަމަށް ބައެއް މީޑިއާތަކުގައި ލިޔާތީއެވެ.

ޝަރީފް ވިދާޅުވީ، ސްޓެލްކޯއިން އިމާރާތް ކުރުމުގެ މަޝަރޫއުތަކަށް ބިޑް ނުކުރާ ކަމަށާއި ކޮންސްޓްރަކްޝަން މާކެޓަށް ވަނުމުގެ ވިސްނުމެއް ވެސް ނެތް ކަމަށެވެ.

ދާދި ފަހުން "ދަ ޕްރެސް" އަށް ޝަރީފް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވަނީ އެކި ވިޔަފާރިތަަކަށް ވަނުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސްޓެލްކޯއިން ކުރަން ނިންމާފައި ހުރި ވިޔަފާރިތަކާ ބެހޭ ގޮތުން ޝަރީފް ވިދާޅުވީ، ރިއަލް އެސްޓޭޓް ބިޒްނަސް ގެ ތެރެއަށް ވަރަށް އަވަހަށް ވަންނާނެ ކަމަށެވެ. ހަމައެއާއެކު ކުރިންވެސް ސްޓެލްކޯއިން ދެމުން އައި ތިން ހިދުމަތެއް / މަސައްކަތެއް ކަމަށްވާ ސޭލްސް ސެންޓަރާއި ސާވިސް ސެންޓަރާއި އަދި ފެން އުފެއްދުން ވެސް ވަކި ތިން ވިޔަފާރިއަށް ހަދާ 3 ކުންފުންގެ ގޮތަށް ހިންގަން ފައްޓާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ވެއާހައުސް ވިޔަފާރީގެ ތެރެއަށް ވެސް ވަންނަން ސްޓެލްކޯއިން ހިޔާލު ކުރާ ކަމަށް ވިދާޅުވިއެވެ.

މި އިންޓަވިއުގައި އެ މަސައްކަތްތައް ކުރަން މިހާރު ހަދާފައިވާ ޕްލޭންތައް ވެސް އޭނާ ވަނީ ހިއްސާ ކުރައްވާފައެވެ. އަދި އެ ވިޔަފާރިތައް ފެއްޓުމުން ކުންފުންޏަށް ކުރާނެ ފައިދާތަކާއި އެކަމުން ރައްޔިތުންނަށް ލިބޭނެ ފައިދާގެ ވާހަކަތައް ވެސް ޝަރީފް ވަނީ ހިއްސާ ކުރައްވާފައެވެ. ނަމަވެސް އެ އއިންޓަވިއުގައި ވެސް ކޮންސްޓްރަކްޝަން މަސައްކަތުގެ ތެރެއަށް ވަންނަ ފަދަ މޭރުމަކުން ޝަރިފް ވާހަކަ ދައްކަވާފައެއް ނުވެއެވެ.