މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް 1 އަހަރު ވެގެން ދިޔައިރު މަސައްކަތް ކުރެވުނީ ވަރަށް ދަތި މާހައުލެއްގައި ކަމަށާއި އެ މަސައްކަތަށް އެންމެ ބޮޑު ހުރަހެއް އަޅާ މުއައްސަސާއަކީ ސިވިލް ސާވިސް ކޮމިޝަން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް 1 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ، އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައި ވަނީ މުވައްޒަފުން ނެގުމުގައި ކަމަށެވެ. މޭޔަރު ވިދާޅުވީ މުވައްޒަފުން ނެގުމުގައި ދަތިތައް ކުރިމަތި ކުރުވަނީ ސިވިލްސާވިސް ކޮމިޝަނުން ކަމަށާއި ނަމަވެސް އެލްޖީއޭ އާއި ފިނޭންސް މިނިސްޓްރީގެ އެއްބާރުލުން ލިބޭ ކަމަށެވެ.
ސިވިލް ސާވިސުން ހުރަސް އަޅާ އިރު އެ ކަމަށް ހަރަދު ކުރަނީ ކައުންސިލްގެ ރެވެނިއުއިން ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ. ސިވިލް ސާވިސް ކޮމިޝަނުން އަމަލު ކުރަނީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށާއި ވަޒީފާތަކަށް މީހުން ނެގުމުގައި ވެސް ކަނޑަ އެޅިގެން ދެކޮޅު ހަދަމުން ދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެތަނުގެ މަސައްކަތް ކުރާ ގޮތް ޕްރޮފެޝަނަލް ނޫން ކަމަށާއި ސިޔާސީ އެކްޓިވިސްޓުން މަސައްކަތް ކުރާ ގޮތަށް މަސައްކަތް ކުރަމުން ދާ ޒިންމާދާރު ކަން ކުޑަ މުއައްސަސާއެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މޭޔަރުގެ އިތުރުން ޑެޕިއުޓީ މޭޔަރު ނަރީޝް ވެސް ވަނީ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް އަމަލު ނުކުރާ ކަން ފާހަގަ ކުރައްވާފައެވެ. ސަރުކާރުގެ މުއައްސަސާތަކުން ލިބެން ޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުން ބޮޑެތި ޗެލެންޖްސްތަކާ ކުރިމަތިލާން ޖެހޭ ކަމަށް ނަޜީސް ވިދާޅުވިއެވެ.
މީގެ އިތުރުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު ޝުޖާއު ވެސް ވަނީ ލާމަރުކަޒީ ގާނޫނަށް އެއްބާރުލުން ނުދޭ ވާހަކައަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައެވެ. ޝުޖާއު ވިދާޅުވީ ކައުންސިލަށް ދިމާވެގެން އުޅޭ އެންމެބޮޑު އެއް ގޮންޖެހުމަކީ ސަރުކާރުގެ ބައެއް ވުޒާރާތަކުން، ބައެއް އެސްއޯއީތަކުން އަދިވެސް މި ނިޒާމު ރަނގަޅަށް ގަބޫލު ނުކުރާ ކަމެވެ. އެގޮތުން ހުޅުމާލޭގެ އިހްތިސޯސް ގާނޫނުގައި ކަނޑައެޅިފައި އޮންނައިރު، އިހްތިސޯސީ ބާރު ނުދީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ކުންފުންޏެއްގެ ދަށުގައި ތާށިވެފައި އޮތް އޮތުމަކީ ވަރަށް ކަންބޮޑުވެ ހިތާމަ ކުރައްވާ ކަމަށެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ކައުންސިލް ހިންގުމުގައި ދިމާވާ މިފަދަ ދަތިތައް ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލަށް އެއްބާރުލުން ދޭ ހުރިހާ ފަރާތްތަކާއި އެކު ވެސް ކުރިއަށް ވަޑައިގަންނަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ނިޒާމު ބައްޓަންވެގެން ވަނީ ކައުންސިލްތަކަށް ލިބެން ޖެހޭ އެއްބާރުލުން ހުރިހާ ފަރާތްތަކުން ވެސް ދީގެން ކަމަށް އޭނާ ވިދާޅުވިއެވެ. މޭޔަރު ވާހަކަ ނިންމަވާލައްވަމުން ވަނީ މާލެ ސިޓީ ކައުންސިލަށް އެކި ގޮތްގޮތުން އެހީތެރިވެދޭ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.