މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެންބަރަކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަންގެ ވޯޓު އަލުން ގުނަން އެމްއެންޕީން އެދިފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުވާދު ތައުފީގް ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އާ ވާހަކަދައްކަމުން ފުވާދު ވިދާޅުވީ އެކަމާ އިލެކްޝަންގެ ކޮމްޕްލެއިންސް ކޮމިޓީއިން އެ މައްސަލަ ބަލަމުން އަންނައިރު އެކަމާމެދު ގޮތެއް ނިންމޭނީ ޝަކުވާ ހުށައެޅި ފަރާތުގެ ރިޕޯޓަކާއެކީ ކޮމިޝަންއަށް ހުށައެޅުމުން ކަމަށެވެ.

"އެކަމާ ބެހޭގޮތުން އަޅުގަނޑުމެންގެ އަދި ނިންމުމެއް ނުނިންމަން. އެއީ އެ ބޭފުޅުންގެ ޝަކުވާތަކާ އެކަންތައްތައް ބަލާނެ އަޅުގަނޑުމެންގެ ކޮމްޕްލެއިންސް ކޮމިޓީއިން ބަލާފަ އެ ބޭފުޅުންގެ ރިޕޯޓަކާއެކީގައި ކޮމިޝަންއަށް ހުށައެޅީމަ އަޅުގަނޑުމެން އެކަމާ ބެހޭ ގޮތުން ގޮތެއް ނިންމާނީ"
ފުވާދު ތައުފީގް

އެ ރިޕޯޓު ހުށައަޅަން ވަކި މުއްދަތެއް ދީފައެއް ނުވާނެ ކަމަށާއި އެހެންނަމަވެސް ލަފާކުރެވޭ ގޮތުގައި ދެ ދުވަހެއްގެ ތެރޭގައި ރިޕޯޓު ހުށައަޅާނެ ކަމަށް ފުވާދު ވިދާޅުވިއެވެ. އަދި ދާއިމީ ނަތީޖާ ނެރުންވެސް އާއްމުކުރުމާ ދެމެދު 2 ހަފްތާގެ މުއްދަތެއް ގާނޫނުން ދީފައިވާކަން ފާހަގަކުރައްވާ ފުވާދު ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ވީހާވެސް އަވަހަށް އިންތިހާބުގެ ކަންކަން ނިންމަން މަސައްކަތް ކުރައްވާ ކަމަށެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ކޮމިޓީގެ ތަމްސީލު ކުރެއްވި، އަދި އެ ކޮމިޓީގެ ނައިބު ރައީސްކަން ވެސް ކުރެއްވި އާމިނަތު އީމާން މިދިޔަ މާޗު މަހު ހިނގި އެކްސިޑެންޓެއްގައި ނިޔާވުމާ ގުޅިގެން އިއްޔެ ބޭއްވި އެ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަ ކުރީ، ޕީޕީއެމްގެ ފަރާތުން ފާތުމަތު ނާޒިމާ އައި އެމްއެންޕީގެ ފަރާތުން އާމިނަތު ޝީޒާ އެވެ. މި އިންތިހާބު ނާޒިމާއަށް 359 ވޯޓު ލިބިފައިވާ އިރު، ޝީޒާއަށް ލިބުނީ 358 ވޯޓެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ޝަރުތު ފުރިހަމަވެފައި ވަނީ 2،900 މީހުންނެވެ. ނަމަވެސް މި ވޯޓުގައި ބައިވެރިވެފައި ވަނީ 729 މީހުންނެވެ. އޭގެތެރެއިން 717 މީހުންގެ ވޯޓު ސައްހަ ވޯޓުގެ ގޮތުގައި ބަލާފައި ވާއިރު، 12 ވޯޓަކީ ބާތިލް ވޯޓުގެ ގޮތުގައި ވަގުތީ ނަތީޖާއިން ދައްކައެވެ.