މުޅި ދުނިޔެއަށް ކާބޯތަކެތީގެ ސަޕްލައި ކަށަވަރު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ވަނިކޮށް، އިންޑިއާއިން ގޮދަން އެކްސްޕޯޓް ކުރުން މަޑުޖައްސާލުމަށް ނިންމުމާ ގުޅިގެން، އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ގައުމުގެ އިއްތިހާދު (ޖީ7) އިން އިންޑިއާއަށް ފާޑު ކިޔައިފިއެވެ.

އިންޑިއާގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި އެ ގައުމުން ގޮދަން އެކްސްޕޯޓް ކުރުން މަޑުޖައްސާލާފައި ވަނީ އެކްސްޕޯޓް ރެގިއުލޭޝަންގައި މައްސަލަތަކެއް ހުރުމުގެ ސަބަބުން، ގޮދަނުގެ އަގު އިންތިހާއަށް އުފުލިގެން ދިއުމާ ގުޅިގެންނެވެ.

މި ދަނޑިވަޅަކީ ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ވަރުގަދަ ހަނގުރާމައާ ގުޅިގެން ބައިނަލްއަގުވާމީ ގޮދަނުގެ ބާޒާރުގައި ހީނަރުކަން އުފެދިފައިވާ ދަނޑިވަޅެކެވެ. ޔޫކްރައިންގެ ވެރިރަށް ކިއޭވްއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ފުޅާ ދާއިރާއެއްގައި ގޮދަން ހައްދާ ސިޓީއަކަށް ވާ އިރު، ރަޝިއާއިން ކުރަމުން ދާ ހަނގުރާމައިގެ ސަބަބުން ގޮދަނޑުގެ ދަނޑުވެރިކަން އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވޭ ކަން ފާހަގަ ކުރަން ޖެހެއެވެ.

މިފަދަ ދަނޑިވަޅެއްގައި އެކްސްޕޯޓް މަޑުޖައްސާލުމަކީ މިހާރު އުފެދިފައިވާ ކާރިސީ ހާލަތު ގޯހުން ގޯހަށް ދާނެ ކަމެއް ކަމަށް، ޖީ7ގައި ހިމެނޭ ޖަރުމަނުވިލާތުން ބުނެއެވެ. އަދި އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު (ޖީ20) ގެ މެންބަރު ގައުމެއްގެ ހައިސިއްޔަތުން، ގޮދަން އެކްސްޕޯޓް ކުރުމުގެ މަސައްކަތް އިންޑިއާއިން އަލުން ފެށުމަށްވެސް ޖަރުމަނުވިލާތުން ވަނީ ގޮވާލާފައެވެ.

ގޮދަން އެކްސްޕޯޓް ކުރުން މަޑުޖައްސާލި ނަމަވެސް، އިންޑިއާގެ ސަރުކާރުން ވަނީ ގައުމުތަކުގެ ކާބޯތަކެތީގެ ސަލާމަތްތެރިކަން ކަށަވަރު ކުރަން ބޭނުންވާ މިންވަރަށް، ސަޕްލައި ކޮށްދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް މީގެ ކުރިން އިންޑިއާއިން ވަނީ، ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި އުނިވެފައިވާ ބައި ފޫބެއްދުމަށް އެގައުމު ތައްޔާރު ކަމަށް ބުނެ، ހުވަފެންތަކެއް ދައްކާފައެވެ. ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންގައި ކުރަމުންދާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗޭނަށް އަރާފައިވާ ލޮޅުންތަކާއި، ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުން ދިއުމުގެ ސަބަބުން މުޅި ދުނިޔެއަށް ނުތަނަވަސްކަން ވެރިވެފައި ވާ މި ދަނޑިވަޅުގައި، ދުނިޔެއަށް ބޭނުންވާ ކާބޯތަކެތި ސަޕްލައި ކުރުމަށް އިންޑިއާ އޮތީ ތައްޔާރުގައި ކަމަށް، އެ ގައުމުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ދެންނެވީ ހުސްވި މަހުއެވެ.

އިންޑިއާގެ 1.4 ބިލިއަން މީހުންނަށް ބޭނުންވާ ކާބޯތަކެތި އެ ގައުމުގައި އެބަ ހުރި ކަމަށާ، ދުނިޔޭގެ ވިޔަފާރިއާ ބެހޭ ޖަމިއްޔާ (ޑަބްލިއުޓީއޯ) އިން ހުއްދަ ދީފި ކަމުގައި ވަނީ ނަމަ، "މާދަމައިން ފަށައިގެންވެސް މުޅި ދުނިޔެއަށް ކާބޯތަކެތި ސަޕްލައި ކުރަން" އިންޑިއާ ތައްޔާރު ކަމަށް މޯދީ އޭރު ވިދާޅުވިއެވެ.

ރަޝިއާއާއި ޔޫކްރައިންއަކީ ދުނިޔޭގެ ބާޒާރަށް އެންމެ ފުޅާ ދާއިރާއެއްގައި ގޮދަން އެކްސްޕޯޓް ކުރަމުން ދާ 2 ގައުމެވެ. އަދި ދުނިޔޭގެ ފެންވަރުގައި ކުރާ ގޮދަނުގެ ވިޔަފާރީގެ 3 ބައިކުޅަ 1 ބައި ހިއްސާ ކުރާ 2 ގައުމުވެސްމެއެވެ. ސަންފުލާވާ ތެލުގެ އެކްސްޕޯޓްގެ 55 ޕަސެންޓް ހިއްސާ ކުރަނީ ރަޝިއާއާއި ޔޫކްރައިނުން ކަމަށް ވާއިރު، ޒުވާރިއާއި ބާރުލީގެ 17 ޕަސެންޓް އެކްސްޕޯޓް ހިއްސާ ކުރަނީވެސް އެ 2 ގައުމެވެ. ޔޫއެންއެފްއޭއޯއިން ބުނާ ގޮތުގައި ރަޝިއާއާއި ޔޫކްރައިނުން މި އަހަރު 14 މިލިއަންޓަނުގެ ގޮދަނާއި 16 މިލިއަން ޓަނުގެ ޒުވާރި އެކްސްޕޯޓް ކުރާނެ ކަމަށް އޮތީ ލަފާކޮށްފައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު އިންޑިއާއަކީ 2 ވަނައަށް އެންމެ ފުޅާ ދާއިރާއެއްގައި ހަނޑުލާއި ގޮދަން ހައްދާ ގައުމެވެ. އޭޕްރިލް މަހުގެ ކުރީކޮޅުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ހަނޑުލާއި ގޮދަނުގެ 74 މިލިއަން ޓަނުގެ ސްޓޮކެއް އިންޑިއާގައި އެބަހުއްޓެވެ. އޭގެ ތެރެއިން 21 މިއަން ޓަނަކީ އިންޑިއާގެ ސްޓްރެޓީޖިކް ރިޒާވް އަދި ޕަބްލިކް ޑިސްޓްރިބިއުޝަން ސިސްޓަމް (ޕީޑީއެސް) އަށް ދާނެ ބައެކެވެ. އެއީ 700 މިލިއަނެއްހާ ފަގީރުންނަށް ހެޔޮ އަގުގައި ކާބޯތަކެތީ ފޯރުކޮށްދޭ މަޝްރޫއެކެވެ. އިންޑިއާއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ހެޔޮ އަގުގައި ގޮދަނާއި ހަނޑޫ ސަޕްލައި ކުރާ ގައުމެއްވެސްމެއެވެ. އިންޑިއާއިން މިހާރުވެސް ދަނީ 150 ގައުމަކަށް ހަނޑޫ، އަދި 68 ގައުމަކަށް ގޮދަން އެކްސްޕޯޓް ކުރަމުންނެވެ.

2020-2021 ވަނަ އަހަރު އިންޑިއާއިން ވަނީ 7 މިލިއަން ޓަނުގެ ގޮދަން އެކްސްޕޯޓް ކޮށްފައެވެ. ބައިނަލްއަގުވާމީ ބާޒާރުގައި ޑިމާންޑް އުފުލެމުން ދާ ދިއުމާ ގުޅިގެން ބައެއް ވިޔަފާރިވެރިން ވަނީ އޭޕްރިލްއާއި ޖުލައި މަހާ ދެމެދު 3 މިލިއަން ޓަނުގެ ގޮދަން ގަތުމަށް އިންޑިއާއާއެކު ކޮންޓްރެކްޓް ހަދާފައި ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. އިންޑިއާގެ ދަނޑުބިންތަކުން އެކްސްޕޯޓް ކުރި މިންވަރު، 2021-2022 ވަނަ އަހަރު ވަނީ 50 ބިލިއަން ޑޮލަރަށް އަރާފައެވެ. ފާއިތުވީ ގަރުނަކަށް ވުރެ ގިނަ ދުވަހުގެ ތެރޭގައިވެސް ތަޖުރިބާ ކުރަން ޖެހިފައި ނުވާ މިންވަރަކަށް އިންޑިއާގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ ސަބަބުން އެ ގައުމުގެ ގޮދަނުގެ ދަނޑުވެރިކަން ހީނަރުވެ، ދާހިލީ ބޭނުންތައް ފޫބެއްދުމާއި، ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސަޕްލައިން އުނިވެފައި ވާ ބައި ފޫބެއްދުމަށް އިންޑިއާއިން ކަނޑައެޅި އެކްސްޕޯޓް އަމާޒަށް ވާސިލުވެވިދާނެ ކަމާ މެދުގައިވެސް ވަނީ ސުވާލު އުފެދިފައެވެ.