ރަޝިއާއާއި ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ދެ މަހުގެ މެދުކެނޑުމަކަށް ފަހު، ރަޝިއާގެ ގައުމީ އެއާލައިން އެއިރޯފްލޮޓް އިން ރާއްޖެއަށް ކުރާ ދަތުރުތައް އަލުން ފަށައިފިއެވެ.
ދުވާލަކު 300 އެއްހާ ފަތުރުވެރިން ގެންނަ އެއިރޯފްލޮޓްގެ ދަތުރުތައް ރާއްޖެއަށް ހުއްޓާލާފައި ވަނީ މިދިޔަ މާޗު 8 އިން ފެށިގެންނެވެ. ނަމަވެސް އެ އެއާލައިންގެ ބޯޓުތަކަށް ހުރަހެއް ކުރިމަތި ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނުމުން، އެ އެއާލައިންގެ ދަތުރުތައް ވަނީ ފަށައިފައެވެ.
އެގޮތުން، ދެ މަސް ދުވަހަށް ފަހު އެއިރޯފްލޮޓުގެ ދަތުރުތައް އަލުން ފެށުމުގެ ގޮތުން ބޭއްވި ފުރަތަމަ ފްލައިޓް ވެލާނާ އެއާޕޯޓަށް ޖައްސާފައިވަނީ މިއަދު ހެނދުނު 8:15 ހާއިރެވެ. އެ ފްލައިޓުން 296 މީހަކު އައިސްފައިވެއެވެ.
އެއިރޯފްލޮޓުން ރާއްޖެއަށް ދުވާލަކު ދަތުރެއް ކުރަން ހަމަޖެހިފައިވާއިރު، އެ އެއާލައިނުން ފަސިންޖަރުން އުފުލަމުން ދާނީ 300 މީހުންގެ ޖާގައިގެ އެއާބަސް އޭ-330 މަރުކާގެ ބޯޓުތަކުގައެވެ.
ރަޝިއާ އާއި ޔޫކްރައިން ހަނގުރާމައިގެ ކުރިން އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކީ ރަޝިއާއެވެ. ނަމަވެސް އެ ހަނގުރާމައިގެ ސަބަބުން ރަޝިއާ ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ލިސްޓުގެ ތިންވަނަ އަށް ވެއްޓިފައެވެ. މިހާތަނަށް އެ ގައުމުން 54،624 ފަތުރުވެރިން އައިސްފައިވެއެވެ.