މެލޭޝިއާގައި އެސްއެސްއީ އިމްތިހާނު ފެށުން މެލޭޝިޔާގައި ދިރިއުޅޭ ދަރިވަރުންނަށް މެލޭޝިޔާގައި އެސްއެސްސީ އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރު ވެއްޖެއެވެ.

މިއަދު މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި ހާއްސަ ރަސްމިއްޔާތުގައި މިކަން އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ.

މިނިސްޓްރީން ބުނީ މިއާއެކު ކުރިޔަށް އޮތް ޖޫން މަހުގެ 1 އިން 6 ގެ ނިޔަލަށް ކުރިއަށްދާ އެސްއެސްއީ އިމްތިހާނުގައި މެލޭޝިޔާގައި ދިރިއުޅޭ 6 ދަރިވަރަކު ބައިވެރިވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. މިކަމަށްޓަކައި މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުގެ ދެ މުވައްޒަފުން އެގްޒަމިނޭޝަން އޮފިޝަލުންގެ ގޮތުގައި ތަމްރީނުކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިސްލާމީ ތަރުބިއްޔަތާއި ދިވެހި ބަހަކީ، ދިވެހިވަންތަކަމުގެ އެންމެ މުހިއްމު ދެ ރުކުންކަމަށާއި އެއީ ދިވެހިރާއްޖޭގެ އައިޑެންޓިޓީގެ މުހިއްމު ދެ ތަނބު ކަމަށެވެ.

މެލޭޝިޔާގައި ކިޔަވަން އުޅޭ ދިވެހި ކުދީންގެ ތެރޭގައި ވަރަށް ތުއްތު އުމުރުން ފެށިގެން މިތަނުގައި ދިރިއުޅެ ބޮޑެތިވާ ކުދީން އެބަތިބި. ދިވެހިރާއްޖޭގައި ނޫޅުނު ކަމުގައިވިޔަސް މިކުދީންނަށް އަޅުގަނޑުމެންގެ ސަގާފަތާ ބަހާއި ދީން އުނގަންނައިދިނުމަކީ މުހިއްމުކަމެއް އަޅުގަނޑުމެންގެ ދިވެހި ކޮންމެ ދަރިވަރަކީ ބަހާއި ސަގާފަތަށް އަހުލުވެރި އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ތަރުބިއްޔަތުވެ ބޮޑެތިވާ ދަރިވަރުންކަމުގައި ހެދުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެއް
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ

މިނިސްޓްރީން ބުނީ ދެން ކޮންމެ އަހަރަކުވެސް މެލޭޝިއާގައި މި އިމްތިހާނު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އިމްތިހާނަށް ތައްޔާރުވުމަށްޓަކާ ދަރިވަރުންނާ މުދައްރިސުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށެވެ.

އަދި ދަރިވަރުންނަށް ބޭނުންވާ އިސްލާމް އަދި ދިވެހި ޓެކްސްޓް ފޮތްތައް ވެސް މިނިސްޓްރީއިން ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ރަސްމިއްޔާތު ނިންމާލުމަށް ފަހު މިނިސްޓަރު މެލޭޝިއާގައި ދިރިއުޅޭ ބައެއް ދިވެހިންނާ ބައްދަލުކުރައްވާ، އެ ގައުމުގައި ތިބި ދިވެހި ކުދިންނަށް އިސްލާމާއި ދިވެހި ކިޔަވައިދިނުމުގައި ދިމާވާ ދަތިތަކާ އަދި އެކަންތައް ހައްލުކުރުމަށް މިނިސްޓްރީއިން ކުރެވިދާނެ ކަންތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް މިނިސްތްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، މިނިސްޓަރު އަދި މިނިސްޓަރުގެ ޓީމް މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ޝާޒޭ ޑި އެފެއާޒް މަރިޔަމް މިޒްނާ ޝަރީފް އަދި ހައިކޮމިޝަންގެ އިސްވެރިންނާ ބައްދަލުކުރައްވާ މެލޭޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އިސްލާމާއި ދިވެހި މާއްދާ ކިޔަވައިދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.