މަސްރަހު އިންތިހާއަށް ނުތަނަވަސް ވެފައިވާ އަވަށްޓެރި ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ވެރިކަން ކުރާ ޕާޓީ ތަމްސީލު ކުރައްވަމުން ގެންދެވި މެންބަރަކު، ސަރުކާރާ ދެކޮޅު މުޒާހަރާގެ ބައިވެރިއެއްގެ ގަޔަށް ބަޑިޖަހާ މަރާލުމަށްފަހު، އަމިއްލައަށް މަރުވެއްޖެއެވެ.

ސްރީލަންކާގެ ފުލުހުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، މަޖިލީސް މެންބަރު އަމަރަކީރްތީ އަތުކޮރަލާ ވަނީ، އޭނާގެ އަވަށް ކަމުގައިވާ ނިއްތަމްބުވާއަށް ކާރު ވައްދަން އުޅުމުން އެކަމަށް ހުރަސް އެޅި މީހުންނާ ކުރިމަތިލައްވާފައެވެ. އެގޮތުން ބަޑިޖައްސަވާ، 2 މީހަކު ޒަހަމްކޮށްލެއްވި ކަމަށާ، ޒަހަމްކޮށްލެއްވި 2 މީހުންގެ ތެރެއިން އެކަކު، އެ ޒަހަމްތަކާއެކު މަރުވި ކަމަށް ފުލުހުން ބުނެއެވެ.

އެއަށް ފަހު ސީން ދޫކުރައްވާ، އެމްޕީ ވަޑައިގަތީ ކައިރީގައި ހުރި އިމާރާތަކަށް ކަމަށާ، އެތަނުގައި ހިމާޔަތް ހޯއްދަވަމުން ގެންދެވިއިރު، އާންމުންގެ އެތައް ހާސް ބަޔަކު އެ އިމާރާތް ވަށާލި ކަމަށް ހަބަރު ލިބެއެވެ. އޭގެ ފަހުން އޭނާ އަމިއްލަ ހަށިކޮޅަށް ބަޑިޖައްސެވީ ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާގެ މަސްރަހު އިންތިހާއަށް ނުތަނަވަސް ވާން ފެށީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަވެސް މަގާމުން އިސްތިއުފާ ދެއްވާފައި ވާ އިރު، އަންގާރަ ދުވަހުގެ އިރު އޮއްސި 07:00 ނިޔަލަށް އެގައުމުގައި ވަނީ ކާފިއު އިއުލާން ކޮށްފައެވެ.

ސްރީލަންކާގެ ރައީސް، ގޮތަބާޔާ ރާޖަޕަކްސައަށް ތާއީދު ކުރާ ފަރާތްތަކުން މަގުތަކަށް ނިކުމެ، ސަރުކާރާ ދެކޮޅު މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލުންތައް ހިންގަމުން ދާއިރު، ލާއިންސާނީ ބޮޑެތި އަނިޔާތައް ދޭ މަންޒަރުތައް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 138 މީހަކަށް އަނިޔާވެ، ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ހަބަރު ލިބެއެވެ. ހަގީގީ އަދަދުތައް މިއަށް ވުރެ މަތިވުން އެކަށީގެންވެއެވެ.

މީގެ އިތުރުން ސަރުކާރަށް ތާއީދު ކުރާ މެންބަރުން ދިރިއުޅުއްވާ ގެތަކާއި އެނޫންވެސް ތަންތަނުގައި ހުޅުޖެހުމާއި، ތާރީހީ ބިނާތަކަށް ގެއްލުން ދެމުންދާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ސްރީލަންކާގެ ކުރީގެ ރައީސް އަދި ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސަގެ ގެކޮޅުގައިވެސް މިހާރު ވަނީ ހުޅުޖަހާފައެވެ.