ށ. ފުނަދޫ ދަނޑު އަޅަން އެއަތޮޅު ފޯކައިދޫ އިން ވެލި ވިއްކާ ވާހަކަ ފޯކައިދޫ ކައުންސިލުން ދޮގުކޮށްފިއެވެ.
ފުނަދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ކުރުމަށް ފޯކައިދޫން 1.7 މިލިއަން ރުފިޔާއަށް ވެލި ގަނެގެން ފުނަދޫއަށް ގެންދާ ކަމަށް ބުނެ ފޯކައިދޫ ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް، އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.
ވެލި ވިއްކި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާ ފޯކައިދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ސަލީމް "ދަ ޕްރެސް" އަށް ވިދާޅުވީ، މިއީ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިނގާފައިނުވާ ކަމެއް ކަމަށާއި ފުނަދޫއަށް ވެލި ގެންދަނީ ޔޫތް މިނިސްޓްރީގެ ބޭނުމަކަށް އެރަށު ބަނދަރު ހަދަން ހިއްކި ވެލިން ކަމަށެވެ. އަދި އެއީ ކައުންސިލުން ހުއްދަ ނަގައިގެން ކުރާ ކަނެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތުން 25 ލޮރީގެ ވެލި ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވިގޮތުގައި އިހްތިޖާޖު ކުރަން ނުކުމެ އުޅެނީ ހަވަރަވަރަކަށް މީހުންނެވެ. އަދި އެއީ ސިޔާސީ ކަމެއްގެ ގޮތުގައި ދެކިގެން ކުރާ ކަމެއް ކަމަށް ވެސް ސަލީމް ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން ފުނަދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ސުވާލުކުރުމުން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވީ ފުނަދޫން ބޭނުންވާ ވެލި ނުލިބުމުގެ ސަބަބުން އެހެން ރަށަކުން ވެލި ގަނެގެން ފުނަދޫއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.