ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން މުޅި ދައުލަތުގެ ޕޭ ހާމަނައިޒްކޮށް ދައުލަތުގެ ހުރިހާ ދާއިރާތަކެއްގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ޓީޗަރުންގެ މުސާރަ ބޮޑު ކުރުމާއެކު ލެކްޗަރަރުންގެ މުސާރަ ބޮޑު ނުވާތީ އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރަމުން ގެންދާތީ އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ވިސްނުން ފުޅަކީ ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން މުޅި ދައުލަތުގެ ޕޭ ހާމަނައިޒް ކުރުން ކަމަށެވެ. އަދި މިހާރު އެ މަސައްކަތް ދަނީ ފެށިގެން ކުރިޔަށް ކަމަށާއި އެ މަސައްކަތުގެ ދަށުން ފުރަތަމަ ޓީޗަރުންގެ މުސާރަ ބޮޑު ކުރެވުނަސް ދައުލަތުގެ ހުރިހާ ދާއިރާތަކެއްގެ މުސާރަތަކުގެ މަސައްކަތްވެސް ކުރިޔަށްދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ، ފުރަތަމަ ކަމަކަށް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ރަނގަޅު ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށާއި ކުރީގައި އެއް މަގާމެއްގައި އެއް މަސައްކަތެއް ކުރާ ފަރާތްތަކަށް ލިބޭ އަސާސީ މުސާރައިގެ ފަރަގު ނައްތާލެވޭނެ ކަމަށެވެ. އެގޮތުން މި މަސައްކަތަކީ ދިރާސާތައް ކޮށް އަދި ބަޖެޓުކޮށްގެން ވަކި ޕްރޮސެސްއެއްގެ ތެރެއިން ކުރިޔަށް ގެންދާ މަސައްކަތެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ޓީޗަރުންގެ މުސާރަ ބޮޑު ކުރުމާ ހަމައިން މި މަސައްކަތް ނުނިމޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ކަނޑައެޅިފައިވާ ޕްރޮސެސްގެ ތެރެއިން މި މަސައްކަތް ކުރިޔަށް ގެންގޮސް ދައުލަތުގެ ހުރިހާ އިދާރާއެއްގެ ޕޭ ހާމަނައިޒް ކުރާއިރު، ލެކްޗަރާ އިން އާ ޕޭ ފްރޭމް ވޯކަށް ބަދަލުކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން ދާދި ފަހުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ވަނީ ލެކްޗަރާ އިން އާ ޕޭ ފްރޭމް ވޯކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ނިމުމަކާ ހަމައަށް އަންނާނެ ކަމަށް ވިދާޅުވެފައެވެ.
ހަމައެއާއެކު ޓީޗަރުންގެ މުސާރަ ބޮޑުކުރައްވައި އެކަން އިއުލާން ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވެސް އެމަނިކުފާނު ވަނީ ތައުލީމީ ދާއިރާގެ އިތުރުން ސިއްހީ ދާއިރާއާ އެ ނޫން ދާއިރާތަކަށް ވެސް މި ބަދަލު އަންނާނެކަން ހާމަކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ސަރުކާރުން ދިރާސާ ކުރަމުން ގެންދާ ކަން ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން ނުކުޅެދޭ މީހުންގެ އުޖޫރަވެސް ބޮޑު ކުރުމަކީވެސް ހަމަ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ހިމެނުން.