ޔޫކްރައިންނަށް ބޭނުންވާ ޒަރޫރީ ބޭސްތަކާއި، ސިއްހީ އާލާތްތައް ހިމެނޭ ގޮތަށް 7725 ކިލޯގެ އިންސާނީ އެހީ އިންޑިއާއިން ހަދިޔާ ކޮށްފިއެވެ.

މި ތަކެތި ހަދިޔާ ކުރެއްވީ އިންޑިއާއިން ޔޫކްރައިންއަށް އަލަށް އައްޔަން ކުރި ސަފީރު ހަރްޝް ކުމާރު ޖެއިންއެވެ. އަދި މި ތަކެއްޗާ ހަވާލުވެވަޑައިގަތީ ޔޫކްރައިންގެ ސިއްހަތާ ބެހޭ ވަޒީރުގެ ނައިބު، އިންސާނީ އެހީއާއި އީޔޫ އިންޓެގްރޭޝަން ހިންގުމާ ހަވާލުވެ ހުންނެވި އެޗްއީ އޮލެކްސީ ޔަރެމެންކޯއެވެ.

ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު ވިދާޅުވީ، މިދިޔަ މާޗް މަހު އިންޑިއާއިން ޔޫކްރައިންއަށް 90 ޓަނުގެ ރިލީފް މެޓީރިއަލް ފޯރުކޮށްދީފައިވާ ކަމަށާއި، އިންޑިއާއިން ބޮޑަށް ފޯކަސް ކުރަނީ ޔޫކްރައިންއަށް އިތުރު ބޭސް ސަޕްލައި ކުރުމަށް ކަމަށެވެ.

އިންސާނީ އެހީގެ ފުރަތަމަ ޝިޕްމަންޓް އިންޑިއާއިން ޔޫކްރައިންއަށް ފޮނުވީ މިދިޔަ މާޗް މަހުގެ އެއްވަނަ ދުވަހުއެވެ. އެ ޝިޕްމަންޓުގައި ޓެންޓް، ބްލޭންކެޓް، ސާޖިކަލް ގްލޯވްސް، ޕްރޮޓެކްޓިވް އައި ގިއާ، ވޯޓާ ސްޓޯރޭޖް ޓޭންކް، ސްލީޕިން މެޓާ، ޓާޕައުލިން އަދި ބޭސް އަދި އެހެނިހެން ރިލީފް މެޓީރިއަލް ހިމެނޭ ގޮތަށް ދެ ޓަނުގެ އިންސާނީ އެހީ ހިމެނެއެވެ.

އޭގެ ފަހުން މިދިޔަ މާޗް މަހުގެ ނުވަ ވަނަ ދުވަހު އިންޑިއާ އިން ޔޫކްރައިންއަށް އިންސާނީ އެހީގެ ދެވަނަ ޝިޕްމަންޓެއް ފޮނުވީ އައިއޭއެފްގެ ފްލައިޓަކުންނެވެ. އެތަކެތި ހަވާލުކުރީ ރޫމޭނިއާގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލުކުރުމަށް ފަހުއެވެ.