ޕޯސްޓަލް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 1.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، މިދިޔަ މަހުގެ 28 ގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތު އަތުލައިގެންފައިވަނީ ޕޯސްޓަލް މެދުވެރިކޮށް އެތެރެކުރި ފޮށިތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ތަކެތި ހުރުމުން، އިތުރަށް ބަލައި ފާސް ކުރުމަށް ފަހު ކަމަށެވެ.

އެ އިދާރާއިން ބުނި ގޮތުގައި، އެ ތަކެތީގެ މަގުމަތީ އަގު ބައި މިލިއަން ރުފިޔާއަށް އަރައެވެ. އަދި އެ ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ނުލިބުނު ނަމަވެސް، ޑީއެޗްއެލް މެދުވެރިކޮށް ގެނައި ދެ ޕެކޭޖެއްގައި މަސްތުވާތަކެތި ހުރުމުން، އެ ޕެކޭޖުތަކާ ހަވާލުވާން ދިޔަ ދެ މީހަކު މީގެ ދެ ދުވަސް ކުރިން ހައްޔަރުކޮށްފައިވެއެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ:

  • މުހައްމަދު ޝާމް، ކ. މާލެ (38އ)
  • އަހްމަދު މާއިޝް، ނ. ހޮޅުދޫ (18އ)

ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައެވެ. އެ އަމުރުގައިވާ ގޮތުން، އެ ތަކެއްޗާ ހަވާލުވާން ދެ މީހުން ދިޔައީ އެހެން މީހަކު ބުނެފައިވާތީ ކަމަށް އެ ދެ މީހުން ބުންޏެވެ. ނަމަވެސް ބަންދުގެ މުއްދަތު އިތުރުކުރީ ހެކި ހުރުމުން ކަމަށް އެ ހުކުމުގައި ވެއެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ބަލައި ތަހްގީގު ކުރަމުންނެވެ.

މީގެ ކުރިންވެސް ޕޯސްޓަލް މެދުވެރިކޮށް ފޮށިތަކުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަމުން ދާ ކަމަށް ފުލުހުން ބުނެފައިވާއިރު، މިގޮތަށް މަސްތުވާތަކެތި އެތެރެކުރާތީ، އެ ތަކެތި އަތުލުމަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް، ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.