ޑީއެޗްއެލް މެދުވެރިކޮށް ގެނައި ދެ ޕެކޭޖެއްގައި މަސްތުވާތަކެތި ހުރުމުން އެ ތަކެއްޗާ ހަވާލުވާން ދިޔަ ދެ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޑީއެޗްއެލް އިން ގެނައި ދެ ފެކޭޖެއް ނަގަން ދިޔައިރު އޭގައި މަސްތުވާތަކެތި ހުރި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. މާލެ، އުމުރުން 38 އަހަރުގެ މުހައްމަދު ޝާމު އާއި ނ. ހޮޅުދޫ އުމުރުން 18 އަހަރުގެ އަހުމަދު މާއިޝްއެވެ.

މީގެ 2 ދުވަސްކުރިން އެ ދެ މީހުންވެސް ހައްޔަރުކޮށްފައިވާއިރު އެ މީހުންގެ ބަންދަށް އިތުރު 15 ދުވަސް ޖެހި އަމުރުގައި ބުނެފައިވަނީ އެ ދެ މީހުން ވެސް އެއާ ހަވާލުވާން ދިޔައީ އެހެން މީހަކު ބުނެގެން ކަމަށް ބުނި ނަމަވެސް ބަންދުގެ މުއްދަތު އިތުރުކުރީ ހެކި ހުރެގެން ކަމަށެވެ.

އެ އަމުރުގައިވާ ގޮތުން މާއިޝް ވަނީ މަސްތުވާތަކެތި ހުރިކަމަށް ބުނާ ފޮށިގަނޑާ ހަވާލުވާން ޑީއެޗްއެލްއަށް ގޮސް ޑެލިވަރީ ޝީޓްގައި ސޮއިކޮށް އެ ނަގާފައެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އޭނާ ބަންދުކުރީ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށްވެސް އެ އަމުރުގައި ވަނީ ބުނެފައެވެ.

ކޯޓުގައި މާއިޝް ވަނީ އެ ފޮށިގަނޑާ އޭނާ ހަވާލުވާން ދިޔައީ ކެޑެޓްކޯއަށް ދާއިރު އެތާ ކައިރިން ފެންނަ "ބޭބެ" އެެއް ބުނެގެން ކަމަށާއި ފޮށިގަނޑު މަޒާޑާ ރެސްޓޯރަންޓަށް ގެނައުމަށް އެ "ބޭބެ" ބުނި ކަމަށް ފުލުހުން ގާތު ބުނި ކަމަށްވެސް ބުނެފައެވެ. އަދި އެ ވާހަކަ ފުލުހުން ގާތު ބުނުމުން އެ ހަދަނީ ދޮގު ކަމަށް ބުނެ ހައްޔަރުކުރީ ކަމަށް މާއިޝް ވަނީ ބުނެފައެވެ.

ޝާމު ބަންދުކުރަން ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މަސްތުވާތަކެތި ބަލައި އޭނާ ދިޔައިރު އަތުގައި އޮތް ފޯނުގައިވާ ސިމް ނަމްބަރާއި ފޮށިގަނޑުގައިވާ ނަމްބަރު ދިމާވާ ކަަމަށާއި އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ދެ ބާވަތަކަށް ޕޮޒިޓިވްވެފައިވާއިރު ފޮށިގަނޑު އެޑްރެސްކޮށްފައިވާ ފަރާތުގެ އައިޑީކާޑުގެ އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.

އެހެންނަމަވެސް ކޯޓުގައި ޝާމު ވަނީ އައިޑީކާޑާއި ފޯނަކީ "ފިޓޭ" ކިޔާ މީހަކު އޭނާ އަތަށް ދިން އެއްޗެއް ކަމަށެވެ.