ހުޅަނގުގެ ނުފޫޒާ އެއްގޮތަށް ފިރިހެނުންގެ ތުނބުޅި، ވަކިން ހާއްސަކޮށް ކިޔަވާ ކުދިންގެ ތުނބުޅި ކޮށާ ނުދިނުމަށް، އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައިވާ ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން، ހީރާތު ޕްރޮވިންސްގެ ސެލޫންތަކަށް އަންގާފައި ވާ ކަމަށް، ބޭރުގެ ބައެއް ނޫސް އެޖެންސީތަކުން ރިޕޯޓު ކޮށްފިއެވެ.

މީގެ އިތުރުން އޮފީސްތަކަށް ދާ ފިރިހުންވެސް ތުނބުޅި ބަހައްޓާ، ދިގު ކުރުމަށް އެގައުމުގެ ދީނީ ރޫހާ ބެހޭ ވުޒާރާއިން އަންގާފައި ވާ ކަމަށާ، އެ ނޫން ގޮތަކަށް އަމަލު ބަހައްޓާ މީހެއްގެ ވަޒީފާ ގެއްލުމުގެ ބިރު އޮންނާނެ ކަމަށް އިންޒާރު ކޮށްފައި ވާ ކަމަށްވެސް އިންޑިއާގެ ދުވަހު ނޫސް ޓައިމްސް އޮފް އިންޑިއާ (ޓީއޯއައި)ގެ އިތުރުން ބީބީސީގައިވެސް ރިޕޯޓް ކޮށްފައި ވެއެވެ.

އެ ހަބަރުތައް ބުނާ ގޮތުން، އިސްލާމީ ޝަރީއަތާ އެއްގޮތަށް ހެދުން އެޅުމުން ބަރީއަ ވާ މީހުންނަށް ވަޒީފާއަށް ވެސް ހާޒިރު ނުވެވޭނެ ކަމަށް ވަނީ އަންގާފައެވެ.

ތޯލިބާނުންގެ ވެރިކަމެއްގައި އަނެއްކާވެސް ދީނީ ހަރުކަށި ފިކުރު ތަންފީޒު ކުރާ މަންޒަރު ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ހުޅަނގާއި ޣައިރު ދީންތަކުގެ އަޣުލަބިއްޔަތު އޮންނަ ގައުމުން ދަނީ އިންޒާރު ކުރަމުންނެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން