ޒަމާނަށް ގިނަ ބަދަލުތަކެއް އައިސްފައި ވީނަމަވެސް އަބަދުވެސް ދިވެހިންނަކީ ބައްޔެއްވެއްޖެ ނަމަ ނުވަތަ މާބަނޑުވެއްޖެ ނަމަ އެކަމަކަށް ވަރަށް ބަލައިގެން ފަރުވާތެރިކަމާ އެކީ އުޅޭ ބައެކެވެ. މާބަނޑުވެއްޖެ ނަމަ އޭރު އެކަމަށް ހާއްސަ ފޫޅު މައިންނަށް ގަވާއިދުން ދައްކާ ހަދާނެއެވެ. ބައްޔެއްވެއްޖެ ނަމަ ބޭސްވެރިންގެ އިރުޝާދު ހޯދާ އެގޮތަކަށް އަމަލުކުރާނެއެވެ. ޑޮކްޓަރުންނާއި ހޮސްޕިޓަލްތައް އަދި ޑޮކްޓަރީ ބޭސް ދިވެހިންގެ ތެރެއަށް އާންމުވުމުގެ ކުރިން އެ މަސައްކަތުގައި ބޭސްވެރިންނާއި ފޫޅޫމައިން ވަނީ ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރުމުގައި ބޮޑު ދައުރެއް އަދާކޮށްފައެވެ. އެ ޒަމާނަށް ބަލާއިރު އެކަކު ބޭސްވެރިކަމާއި ފޫޅުމައިކަން ކުރީވެސް މަދެއްކޮށެއް ނޫނެވެ.
އެގޮތުން ރ. މާކުރަތަށް އުފަން އުމުރުން 73 އަހަރުގެ އާއިޝަތު މަހުމޫދު (އައިސައްތަ) އަކީ ގިނަ ބަޔަކަށް ބޭސްހަދާ، ފަރުވާދީ އަދި އެތައް ބަޔަކު ވިއްސި ފޫޅުމައެކެވެ. އެ މަސައްކަތް ފެށުނު ގޮތް ކިޔައިދެމުން އައިސައްތަ ބުނީ އެ މަސައްކަތްތަކަކީ އޭނާގެ މަންމަ އާއި މަންމަގެ އެއްބަނޑު އެއްބަފާ ދައްތަ ކޮށް އުޅުނު މަސައްކަތްތަކެއް ކަމަށާއި އެކަންކަން ދަސްވީވެސް އެ މީހުންގެ ފަރާތުން ކަމަށެވެ. އެ މަސައްކަތްތަކަކީ އޭގެ ކުރިން އައިސައްތަ ޝައުގުވެރިކަން ހުރި ކަމެއް ނޫން ނަމަވެސް އެކަމަށް އޭނާ ޝައުގުވެރިކަން އުފެދުނީ އެ މަސައްކަތްތައް ކުރާތަން ފެންނަން ފެށި ފަހުންނެވެ.
އަލަށް މީހަކު ވިއްސީ އައިސައްތަގެ އުމުރުން 15 އަހަރުގައި
ޅަ އުމުރުގައި ބޭސްވެރިކަމާއި ވިއްސުމުގެ ކަންކަން ކުރަން ފެށި އައިސައްތަ ފުރަތަމަ މީހަކު ވިއްސީ އޭނާގެ އުމުރުން 15 އަހަރުގައެވެ. އޭގެ ކުރިން އެކަންކަމުގައި އެހީތެރިވެދޭން އައިސައްތަ އުޅުނުއިރު އޭނާގެ މަންމައާއި ދައްތަ ވިއްސާ ކުދިންގެ ފޫޅުކެނޑުމާއި ރޮދި އެއްސުން ފަދަ ކުދި ކުދި މަސައްކަތްތައް ހަވާލުކޮށް ހަދައެވެ. އައިސައްތަ ބޭސްވެރިކަން ދަސްކުރީވެސް އޭނާގެ ދައްތަ ބޭހަށް ބޭނުންވާ އެއްޗެހި ނަގާ ފުނޑުމުގެ މަސައްކަތް ހަވާލުކޮށް ބަލި މީހާއަށް ބޭސްކުރާނެ ގޮތުގެ ކަންކަން އޮޅުން ފިލުވަދޭން ފެށި ހިސާބުންނެވެ.
ފޫޅުމައިންނަކީ އިހުގައިވެސް އެންމެ ބުރަކޮށް ބޭސްވެރިކަން ކުރަމުން އައި ބޭސްވެރިންނެވެ. ބަލިވެއިންކަން އެނގޭ ދުވަހުން ފަށައިގެން މާބަނޑު މީހާއާއި ބަނޑުގައިވާ ކުޑަދަރިފުޅަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށް އުޅުމަށް ނަސޭހަތްތެރިވެ ބަލިވެ އިންނަ މީހާ އަށް އެކިއެކި އިރުޝާދުތައް ދެއެވެ.
ގިނަ ބަޔަކު ވިއްސި އައިސައްތައަށް އޭނާ ވިއްސީ ކިތައް ކުދިން ކަމެއް ސީދާ ބުނެދޭން ނޭނގުނު ނަމަވެސް ބައެއް މީހުންގެ ހުރިހާ ކުދިން ވެސް ވިއްސައިފައި ހުންނާނެ ކަމަށް އައިސައްތަ ބުނެއެވެ. އެ ހުރިހާ މީހުން ވިއްސި އައިސައްތަ ބުނާ ގޮތުގައި އޭނާގެ އަތުން ދުވަހަކުވެސް މައިމީހާއަށް އަދި ތުއްތު ދަރިފުޅަކަށްވެސް ގެއްލުންވެފައެއް ނެތެވެ.
ކަނާއަތުގެ ކަށިތަކަށް ދިމާވި މައްސަލައަކާއެކު އެ އަތުގައި ބޭސް ފިލާގަނޑު އަޅައިގެން އިނދެވެސް މީހުން ވިއްސި އައިސައްތަ ބުނާ ގޮތުގައި އޭނާ އެންމެ ކަންބޮޑުވި ކަމަކަށް ދިމާވީ އެކޮޅު ކޮޅުން ކުއްޖަކު ވިއްސަަން ޖެހުމެވެ. އެހެންނަމަވެސް އަތު ފަރުވާއިން ދެމައިންނަށްވެސް ގެއްލުމެއް ނުވެ ވިއްސި ކަމަށް އައިސައްތަ ބުނެއެވެ. އައިސައްތަ ގަބޫލުކުރާ ގޮތުގައި ވިހެއުމުގެ ތެރޭގައި އަންހެން މީހާއަށް ގެއްލުން ވަނީ ވިއްސަން ހުންނަ މީހާގެ އިހުމާލުން ކަމަށާއި ޑޮކްޓަރެއް ވިޔަސް ފޫޅުމައެއް ވިޔަސް އެކަން އޮތީ އެހެން ކަމަށެވެ.
އައިސައްތަ ބުނީ ވިހާއިރު ހާލު ދެރަވާ ކުދިން ވަރަށް ގިނައިން ތިބޭ ކަމަށާއި އެކުއްޖާ ދެން ދުނިޔެއަށް ނޭވާ ނުލާނެއޭ ކައިރީގައި ތިބޭ މީހުން ބުނެ ހަދާ ކުދިންވެސް ފަރުވާއާއެކު ދުނިޔޭގައި ތިބި ކަމަށެވެ.
ފޫޅުމައިންނަކީ އޭރު މާބަނޑު އަންހެނުންގެ ހާއްސަ ޑޮކްޓަރުންގެ ރޯލު އަދާކުރާ ބަޔަކަށް ވާއިރު ވިހަން ބަނޑުގައި ރިހޭ އަންހެނުން ކައިރިއަށް ގޮސް ގިނަ ވަގުތެއް އެ މީހުން ހޭދަކުރަން ޖެހެއެވެ. އައިސައްތަ ބުނީ މީހުން ވިއްސަން ގޭގެއަށް ގޮސް 24 ގަޑިއިރުވެސް 3 ދުވަސްވެސް ހޭދަކުރަން ޖެހޭ ކަމަށާއި ވިހެއުމަށް ރިހުމުގެ 3 ރާޅެއް އަންނައިރު ގިނަ ވަގުތު އެތަނެއްގައި ހޭދަވަނީ ސީދާ ރިހުމާ ނުވާތީ ކަމަށެވެ.
އޭރު ދިމާވި މަޖާ ކަމެއް ކިޔައިދެމުން އައިސައްތަ ބުނީ އޭރު ކުދިން ގަބޫލު ކުރަނީ ކުޑަކުދިންނަކީ ރާޅާއެކު އަތިރިމައްޗަށް ލައްގާ އެއްޗެއް ކަމަށާއި އެ ކުދިން ނެގުމުގެ ހުއްދަ އޮންނަނީ އޭނާއަށް އެކަނި ކަމަށެވެ. އަދި މަގެއް މަތިން އައިސައްތަ ފެނިއްޖެނަމަ ކޮއްކޮއިން ގެނެސްދޭން ބުނެ އާދޭސްކޮށް މަންމަމެން ކައިރި ބުނެ ހަދިޔާދީ ހަދާ ކުދިންވެސް އުޅޭ ކަމަށް އައިސައްތަ ބުނެއެވެ.
ބައި ގަރުނަށް ވުރެ ގިނަ ދުވަސްތަކެއް ވަންދެން ބޭސްވެރިކަން ކުރި ބޭސްވެރިއެއް
މިހާރުވެސް ކޮންމެވެސް ވަރަކަށް ބޭސްވެރިކަމުގެ މަސައްކަތްކޮށް އުޅޭ އައިސައްތަ ބުނާ ގޮތުގައި ޑޮކްޓަރީ ބޭސް ތައާރަފްވުމަށްފަހު ވެސް އާންމުކޮށް ބައެއް މީހުން ބޭސްކުރަން އާދެއެވެ. މިހާރު 70 ގެ އަހަރުތައް ގުނަމުން އަންނަ އައިސައްތަ ވަނީ 50 އަށްވުރެ ގިނަ އަހަރުތަކެއް ވާންދެއް އެ މަސައްކަތް ކޮށްފައެވެ.
ތަދުވުމާއި ބިނދުމުން ފެށިގެންގޮސް ހަމުގެ ބަލިތަކާއި ގޮހޮރުގެ ބަލިތަކަށް ބޭސްހަދަން ދަންނަ އައިސައްތަ ވާގިނެތޭ ބައްޔަށްވެސް ބޭސް ހަދާއުޅުނެވެ. ގިނަ ބަޔަކަށް ބޭސް ހެދި އައިސައްތަ ބުނީ އޭނާގެ ގާތަށް ވާގިނެތިގެން ފަރުވާކުރުމަށް 4 މީހަކު އައި ކަމަށާއި އެ އެންމެންވެސް ދިޔައީ ރަނގަޅުވެގެން ކަމަށެވެ. އަދި މިހާރުވެސް ބައެއް މީހުން ބޭސްކުރަން އައިސް އުޅޭއިރު، މާބަނޑުމީހުންގެ ދަރިފުޅު ހާނަން މިހާރުވެސް ގޮސް އުޅޭ ކަމަށް އައިސައްތަ ބުނެއެވެ.
1977 ވަނަ އަހަރު އަތޮޅަށް ލިބުނު ހެލްތް ވޯކަރު ކޯހުގައި ގިނަ ބައެއްގެ އެދުމާއެކު ބައިވެރިވެ، އެ ކޯސް އައިސައްތަ ވަނީ ފުރިހަމަ ކޮށްފައެވެ. އެ މަސައްކަތުގައި 9 އަހަރަށް ވުރެ ގިނަ ދުވަހު އައިސައްތަ މަސައްކަތް ކުރިއިރު ރަށުތެރޭގެ ގޭގެގަށް ގޮސް މީހުންގެ ހާލު ބެލުމާއި ބަލިވެ އުޅެނީ ކޮންބައެއްތޯ ބަލާ ހެދިއެވެ. މީގެއިތުރުން ރ. އުނގޫފާރުގައި ކުރިއަށް ގެންދިޔަ އިންޖެކްޝަން ޖަހަން ދަސްކޮށްދޭ ކޯހެއްވެސް އައިސައްތަ ވަނީ ފުރިހަމަ ކޮށްފައެވެ.
މާކުރަތު މަދަރުސާގެ އިތުރުން ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހުން ތައުލީމު ހާސިލްކުރި އައިސައްތަ ފުރަތަމަ ކައިވެންޏެއް ކޮށްފައި ވަނީ އޭނާގެ އުމުރުން 13 އަހަރުގައެވެ. އަދި އުމުރުން 22 އަހަރުގައި އަލަތު ދަރިއަކު ލިބުނު އައިސައްތަގެ 5 ދަރިންނާއި 21 މާމަ ދަރިންގެ އިތުރުން 13 މުނިމާމަ ދަރިން މިހާރު ދުނިޔޭގައި އެބަތިއްބެވެ. އައިސައްތަގެ ހުރިހާ ދަރިންނަށްވެސް ބޭސްވެރިކަމުގެ ކޮންމެވެސް މިންވަރެއް އެނގޭނެ ކަމަށް އޭނާ ބުނެއެވެ.
އުމުރުގެ ބޮޑުބައެއް ވިއްސުމާއި ބޭސްވެރިކަމުގައި ހޭދަކުރި އައިސްތަ އެ ހުރިހާ މަސައްކަތެއް ކުރީ ހިލޭ ސާބަހަށެވެ. އައިސައްތަ ބުނާ ގޮތުގައި ދުވަހަކުވެސް މީހަކަށް އަގެއް ކިޔައިފައި ނުވާނެ ކަމަށާއި އެހެންނަމަވެސް ބައެއް މީހުން ހިތްހަލާލޭ ކިޔާފައި ދޭ ކަމަށެވެ.
ކުޅަދާނަ ފިލްމީތަރިއެއް
އައިސައްތަ އަކީ ހުރިހާ ކަމަކަށް ބޭސްކުރި ބޭސްވެރިއެކެވެ. ރެޔާއި ދުވާލު ނިދި ނަގާލައިގެން މާބަނޑު މީހުންނަށް ފަރުވާދިން ފޫޅުމައެކެވެ. އެ ރަށުގެ އިޖުތިމާއީ ހަރާކާތްތަކުގައި ދެ ގޮތެއް ނުވެ ހަރަކާތްތެރިވާ ފިސާރި އަންހެނެކެވެ. އަދި އެހާމެ ކުޅަދާނަ، ހުނަރުވެރި ފިލްމީ ތަރިއެއްވެސްމެއެވެ. ފިލްމްތަކާއި ސިލްސިލާ ޑްރާމާތައް މާކުރަތުގައި ކުޅެފައިވާއިރު އެއިން ކޮންމެ ފިލްމަކާއި ޑްރާމާއަކުވެސް އައިސައްތަގެ ހުނަރު ފެނިގެންދެއެވެ.
ދިވެހި ފިލްމް އުދަބާނި، ފަރިހިބެ 3، ސިޔާސީ ވެކްސިން، ލަފްޒު އަދި ބަލްގިޝް އިން އައިސައްތައަކީ ކުޅަދާނަ ފިލްމީތަރިއެއްކަން ސާބިތުވެގެންދެއެވެ. އެ މަސައްކަތް ފެށުނު ގޮތް ކިޔައިދެމުން އައިސައްތަ ބުނީ ފުރަތަމަ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އިތުރު ބަޔަކު އެރަށަށް ގޮސް "އުދަބާނި" ގެ ރޯލެއް ކުޅެދޭން އެދުނު ކަމަށާއި އޭރު އެކަހަލަ އެއްވެސް ކަމެއް ކުރުމުގެ ވިސްނުމެއް ހިޔާލެއް އަދި ކުރެވިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެހެންނަމަވެސް އެ ފިލްމުގެ ކުޑަކުޑަ ރޯލަކުން ފެނިގެން ދިޔަ އައިސައްތަ އެ ދުވަހު ދިޔައީ ޔޫއްޕެމެން ބުނި ބުނުމަށް ނޫނެކޭ ބުނަން ނުކެރިގެން ކަމަށް އޭނާ ބުނެއެވެ.
އޭގެ ފަހުން ކޮންމެ ފަހަރަކު ކޮންމެ ބަޔަކު ފިލްމު ކުޅެން އައިސް އައިސައްތަ ހޯދަން ދާ ކަމަށް އޭނާ ބުނެއެވެ.
އެއްވެސް ވިސްނުމެއްނެތި ފިލްމެއް ކުޅުނު އައިސައްތަ ބުނާ ގޮތުގައި މިހާރު އޭނާ ފިލްމު ކުޅެނީ ގިނަ ބަޔަކަށް މާކުރަތަކީ އޮންނަ ރަށެއްކަން ނޭނގޭތީ އެ ރަށަކީ އޮންނަ ރަށެއްކަން ގިނަ ބަޔަކަށް އަންގައި ދިނުމަށެވެ. ސިލްސިލާ ޑްރާމާ "ލަފްޒު"ގެ ބޮޑު ރޯލެއް ކުޅެފައިވާ އައިސައްތަ ބުނާ ގޮތުގައި އޭނާ އެ ޑްރާމާއަށް އަޑުއެޅުމަށް މާލެވެސް އައެވެ. އަދި ފިލްމު ކުޅުމުގައި ކުރިއަށް ދިއުމުގެ ވިސްނުން ހުރި އައިސައްތަ ހުރީ އެފަދަ ފުރުސަތެއް ލިބިއްޖެނަމަ އެ ފުރުސަތުގެ ބޭނުން ހިފާ ފިލްމު ކުޅެން ތައްޔާރަށެވެ.