ޑަބްލިން އިންޓަނޭޝަނަލް އެއާޕޯޓަށް 2021 ވަނަ އަހަރު ލިބިފައިވާ ޝަކުވާތަކުގެ 90 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހިއްސާ ކުރަނީ ހަމަ އެންމެ ފަރުދެއް ކަން ހާމަވެއްޖެއެވެ.

ކާކުކަން ހާމަ ކޮށްފައި ނުވާ އެމީހަކު ވަނީ، ޑަބްލިން އިންޓަނޭޝަނަލް އެއާޕޯޓާ ދެކޮޅަށް، 1272 ޝަކުވާ ހުށަހަޅާފައެވެ. އެއީ ދުވާލެއްގެ މައްޗަށް ބަލާނަމަ އެވަރޭޖު ކޮށް 34 ޝަކުވާއެވެ.

2021 ވަނަ އަހަރަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން، އެއާޕޯޓްތަކުގެ ރެކޯޑް މާ ރަނގަޅު ނޫން އަހަރަކަށް ވީ ނަމަވެސް، އެ މީހަކު ވަނީ ޑަބްލިން އިންޓަނޭޝަނަލް އެއާޕޯޓުގައި އޮޕަރޭޓް ކުރި މަތިންދާބޯޓުތަކުގެ ސަބަބުން އަޑުގެ އުނދަގުވާ ކަމަށް ބުނެ، އެތައް ޝަކުވާ އެއް ހުށަހަޅާފައެވެ.

2020 ވަނަ އަހަރާ އަޅާ ބަލާއިރު ވައިގެ އުތުރުންތަކުގެ އަދަދު 2021 ވަނަ އަހަރު އިތުރުވީ އެންމެ 10 ޕަސެންޓަށް ކަމުގައި ވީ ނަމަވެސް، އެ މީހަކު ވަނީ، 2021 ވަނަ އަހަރު ޝަކުވާ ހުށަހެޅި ނިސްބަތް، 2020 ވަނަ އަހަރާ އަޅާ ބަލާއިރު 2 ގުނަ އިތުރު ކޮށްފައެވެ.

2019 ވަނަ އަހަރާ ހަމައަށް ޑަބްލިން އިންޓަނޭޝަނަލް އެއާޕޯޓަށް އަހަރެއްގެ ތެރޭގައި ލިބެނީ ގާތްގަނޑަކަށް 1500 އެއްހާ ޝަކުވާއެވެ. ނަމަވެސް 2021 ވަނަ އަހަރު އެ އަދަދު 13569 އަށް އިތުރުވިއެވެ. ގިނަ އަދަދަކަށް ޝަކުވާ ހުށަހެޅި މީހާގެ ޝަކުވާތައް ނުގުނާ ކަމުގައި ވަނީ ނަމަ، 2021 ވަނަ އަހަރު ޑަބްލިން އިންޓަނޭޝަނަލް އެއާޕޯޓަށް ހުށަހަޅާފައި ވަނީ 1296 ޝަކުވާގެ ކޯލެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެހާ ހިސާބުން އަދި ހުއްޓާލީއެއް ނޫނެވެ. މި އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ލިބުނު 5573 ޝަކުވާގެ ތެރެގައިން 5276 ޝަކުވާއަކީ ހަމަ އެމީހާ ހުށަހަޅާފައިވާ ޝަކުވާތަކެކެވެ.

ޑަބްލިން އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ވަކި ފަރުދުގެ ކޭހާ ބެހޭ ގޮތުން އެއްޗެއް ބުނަން އިންކާރު ކޮށްފައެވެ. ނަމަވެސް އެ އެއާޕޯޓަށް ހުށަހަޅާފައިވާ ހުރިހާ ޝަކުވާއަކަށްވެސް އެއާޕޯޓް އޮޕަރޭޓަރުން ޖަވާބުދާރީ ވެފައި ވާނެ ކަމަށާ، އެމީހަކު/ އެ ބަޔަކު ތެރަޕީއަށް ދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ޑަބްލިން އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.