ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ އަަދަދު އިތުރުވާތީ އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.

އެޗްޕީއޭއިން ބުނީ، މިދުވަސްވަރު މާލެއާއި އަތޮޅުތަކުން ޑެންގީހުން ޖެހިގެން ރިޕޯޓް ކުރެވެމުންދާ އަދަދު އިތުރުވާ ކަމަށް ފާހަގަކުރޭ ކަމަށެވެ. އަދި ކުރިޔަށް އޮތީ ޗުއްޓީ ބަންދު ދުވަސްތަކަކަށް ވާތީ ރާއްޖޭގެ އެކިހިސާބުތަކަށް މީހުން ދަތުރުކޮށް އުޅޭ މިންވަރު އިތުރު ވާނެ ކަމަށްލަފާކުރެވޭތީ ޑެންގީ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލި ޖެހިއްޖެނަމަ ރައްކާތެރިވުމުގެ ގޮތުން އިތުރު ސަމާލުކަން ދިނުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ޑެންގީ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް:

  • މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި ރެޕެލެންޓްބޭނުން ކުރުން. ރެޕެލެންޓް ބޭނުން ކުރުމުގައި ތިރީގައި ދެންނެވިފައިވާ މާއްދާތައް ހިމެނޭ ރެޕެލެންޓް ބޭނުންކުރުން މުހިންމު
  • ޑެންގީ ފަތުރާ މަދިރިއަކީ ދުވާލުގެ ހުރިހާ ވަގުތުގައިވެސް ހަފާ މަދިރިއެއް، އަދި ގެއާއި ގޯތިތެރޭގައި ގިނަ އިރުއުޅޭ މަދިރިއަކަށް ހާއްސަކޮށް ފަތިސް ގަޑީގައި އަދި ހަވީރު އިރު އޮއްސޭ ވަގުތު ގިނަވާތީ ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް އެ ގަޑިތަކުގައި ލައްޕާފައި ބެހެއްޓުން.
  • ޑެންގީފަތުރާ މަދިރި އާލާވާ ތަންތަން ނައްތާލުން: މިގޮތުން ގޭތެރޭގައި ފެނުގައި ހައްދާސް، ތަށިޓްރޭފަދަ ފެންހަރުލާ ތަންތަން ސާފުކުރުމާއި ގޯތިތެރޭގައި ހުންނަ ގަސްމުށި، ފެންތާނގީ ފަދަތަކެތި ސާފުކުރުން އަދި އާއްމު ތަންތަނަށް ހުސްފުޅިއާއި ދަޅު ފަދަ ފެންހަރުލާ ތަކެތި އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގެންގުޅޭފެންހަރުލާ ތަކެތި އުކާ ނުލުން ހިމެނެއެވެ.
  • ކުޑަކުދިންނާއި މާބަނޑުމީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ބައެއް ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޑެންގީ ޖެހުމުން އިތުރު ނުރައްކާތައް ކުރިމަތިވުން އެކަށީގެންވެއެވެ. އަދި މަދުން ނަމަވެސް މައިމީހާގެ ބަނޑުގައިވާ ދަރިފުޅުގެ ފުރާނައަށް ނުރައްކާވާ ފަހަރު އާދެއެވެ.
  • 03 ދުވަހަށްވުރެ ގިނައިން ހުން އަންނަނަމަ، ނުވަތަ ޑެންގޫގެ ނުރައްކާތެރި އަލާމާތްތައް (ކުޑަކަމު ދެވޭ މިންވަރު މަދުވުން، އާދަޔާ ހިލާފަށް ވަރުދެރަވުން، ބަނޑުގައި ރިއްސުން، ކުޑަކުދިންނަށް ކައިރިން ނުގޮވުން) ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްނުވަތަ ސިއްޙީ އެހީތެރިއެއްގެ ލަފައާއި އިރުޝާދު ހޯދުން.
  • ޑެންގީފަދަ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރެވޭނީ މަދިރި އުފެދޭގޮތަށް ހުރި ތަންތަން ނައްތާލާ މަދިރިއާލާވުން މަދުކުރެވިގެން ކަމަށް ވުމާއެކު ހުރިހާ ފަރާތަކުންވެސް މިކަމަށް ސަމާލުކަން ދިނުން.

ޑެންގީގެ އިތުރުން، އަރިދަފުސް ރޯގާއާއި ވައިރަލްހުން ފަދަ ބަލިތައް އިތުރުވެގެން ދިޔުމުގެ ފުރުސަތު އޮތުމުން ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުން މުހިންމު ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.