ޕާކިސްތާނުގައި ތިބި ޗައިނާގެ ރައްޔިތުންނާއި ޕާކިސްތާނުގައި ހިންގާ ޗައިނާގެ މަޝްރޫއުތަކުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށާއި، ޓެރަރިޒަމްގެ މުލުގައި ވާ ހަގީގީ މައްސަލައަށް ހައްލު ހޯދުމަށް ޗައިނާ ސަރުކާރުން ޕާކިސްތާނުގެ ސަރުކާރަށް ގޮވާލައިފިއެވެ.

ޗައިނާ ސަރުކާރުން މިފަދަ ކަމަކަށް ގޮވާލީ، އަންގާރަ ދުވަހު ކަރާޗީގައި ބާރުގަދަ އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާ ގައި، ޗައިނާގެ 3 މީހެއްގެ ފުރާނަ ގެއްލުނު ހާދިސާއާ ގުޅިގެންނެވެ. ކަރާޗީގައި ހުންނަ ޔުނިވާސިޓީ އޮފް ޕާކިސްތާންގެ ސަރަހައްދުގައި އޮތް އެއްގަމު އުޅަނދެއްގައި އެއްޗެއް ގޮއްވާލައިގެން އަންގާރަ ދުވަހު ދިން ހަމަލާގައި 4 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ގޮއްވާލާފައި ވަނީ، ޗައިނާ ބަސް ކިޔަވާދޭ މަރުކަޒު ކައިރީގައި އޮތް އުޅަނދެކެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ވަނީ ހަމަލާ ކުށްވެރި ކޮށްފައެވެ. އަދި ޕާކިސްތާނުގައި ތިބި ޗައިނާގެ ރައްޔިތުންނާއި އެ ގައުމުގައި ހިންގާ ޗައިނާގެ މަޝްރޫއުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޕާކިސްތާނުން އިތުރު މަސައްކަތްތަކެއް ކުރުމަށްވެސް ޗައިނާއިން ވަނީ ޑިމާންޑް ކޮށްފައެވެ. އަދި އެފަދަ ހަމަލާތައް ދިނުމަކީ އަމިއްލަ ނަފުސުގެ މައްޗަށް ހަލާކު ގެނެސްގަތުން ކަން، އެ ފަދަ ހަމަލާތައް ދޭ ޖަމާއަތްތަކަށް އަންގައިދިނުމަށްވެސް ޗައިނާއިން ވަނީ އިންޒާރު ކޮށްފައެވެ.

އަންގާރަ ދުވަހުގެ ހަމަލާގެ ޒިންމާ އުފުލާފައި ވަނީ ބަލޫޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިންނެވެ. އެ ޖަމާއަތަކީ ޕާކިސްތާނުގައި ހިންގާ ޗައިނާގެ ކުށްފުނިތަކާއި، އެ ގައުމުގައި ތިބި ޗައިނާގެ ރައްޔިތުންނަށް ހަމަލާ ދޭނެ ކަމަށް، ތަކުރާރު ކޮށް އިންޒާރު ދެމުން ދާ ޖަމާއަތެކެވެ.

ބީއެލްއޭއިންވަނީ ކަރާޗީގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓަށް، 2018 ވަނަ އަހަރު ހަމަލާ ދީ، އޯގަސްޓް 2021 ގައި، ގްވާދާރު ޕޯޓް ސަރަހައްދުގައިވެސް ހަމަލާއެއް ދީފައެވެ.

ޗައިނާގެ ވެރިކަން ކުރާ ޕާޓީގެ ތާއީދު އޮންނަ ގްލޯބަލް ޓައިމްސްގެ އެޑިޓޯރިއަލްގައި ވާ ގޮތުން، ޕާކިސްތާނުގައި ތިބި ޗައިނާގެ ރަށްވެހިންނަށް ރައްކާތެރިކަން ދިނުމަށް ޕާކިސްތާނުން އިތުރު މަސައްކަތްތަކެއް ކުރި ނަމަވެސް، ހަގީގީ މައްސަލައަށް ރިއާޔަތްކޮށް، ހައްލު ހޯދުމަށް ވަނީ ފެއިލްވެފައެވެ. އެކަން ނުކުރާހާ ހިނދަނކު، ފޫ ނުބެދިވާ ބާގަނޑުތައް ހުންނާނެ ކަމަށްވެސް ޗައިނާއިން ވަނީ ބުނެފައެވެ.