ބައިނަލްއަގުވާމީ ފެންވަރުގައި އެ ގައުމަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ތަންފީޒު ކުރަމުން ދާ ރަޝިއާ އަތުން، އިންޑިއާގެ އޮއިލް އެންޑް ނެޗުރަލް ގޭސް ކޯޕަރޭޝަން (އޮންޖީސީ)އިން ގަނެފައިވާ 7 ލައްކަ ފީފާގެ ސާފު ނުކުރާ ތެޔޮ އުފުލާނެ ބޯޓެއް ހޯދުމުގައި އިންޑިއާއަށް ތަކުލީފުތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ރަޝިއާއިން ގަދަ ބާރާއެކު ޔޫކްރައިން އަށް އަރާ ހަނގުރާމަ ފެށި ފަހުން، އެހެން ގައުމުތަކުން ރަޝިއާ އަތުން ތެޔޮ ގަންނަ މިންވަރު ދަށް ކުރި ނަމަވެސް، ރަޝިއާ އަތުން އިންޑިއާއިން ތެޔޮ ގަންނަމުން ދިޔަ މިންވަރު ވަނީ އިތުރު ކޮށްފައެވެ.

ރަޝިއާގެ ތެލުގެ ވިޔަފާރިއަކީ އިންޑިއާގެ ބޮޑު ހިއްސާއެއްވެސް އޮންނަ ވިޔަފާރިއެކެވެ. ސަކާލިން 1 ޕްރޮޖެކްޓަކީ ސޮކޯލްގެ ނަމުގައި ތެޔޮ އުފައްދާ މަޝްރޫއަކަށް ވާ އިރު، އެ މަޝްރޫއުގައި އިންޑިއާގެ 20 ޕަސެންޓް ހިއްސާ އޮވެއެވެ. އޮންޖީސީއިން ސޮކޯލް ވިއްކަނީ ޓެންޑާ އުސޫލުން ކަމަށް ވާއިރު، އާންމުކޮށް މި ވިޔަފާރީގައި މުއާމަލާތު ކުރަނީ އުތުރު އޭޝިއާގެ ފަރާތްތަކުންނެވެ.

ސޮކޯލް ތެލަކީ ވަކި ފެންވަރެއްގެ ތެލަކަށް ވާ އިރު، އެ ޒާތުގެ ތެޔޮ އުފުލަން ޖެހެނީވެސް ވަކި ފެންވަރެއްގެ ބޯޓުފަހަރުގައެވެ. އެއީ ގަނޑުފެން ކަފަމުން ދުއްވޭ ޒާތުގެ ބޯޓު ފަހަރަށް ވާން ޖެހޭ އިރު، ހުޅަނގުން ތަންފީޒު ކުރަމުން ދާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް އެ ފެންވަރުގެ ބޯޓުފަހަރުގެ އަދަދު މަދެވެ.

ރަޝިއާގެ ތެޔޮ އުފުލުމުގައި ބައިވެރިވެގެން ގަދަރަށް ލިބިދާނެ އުނިކަމަކެއްގެ ސަބަބުން އެ ސޮކޯލް ތެޔޮ އުފުލައި ދިނުމަށް ބޯޓުފަހަރު ފަސްޖެހޭއިރު، ރަޝިއާގެ ބޯޓުފަހަރަށް ވަނީ އިންޝުއަރަންސްގެ މައްސަލަތައް ދިމާވެފައެވެ. މިދިޔަ މަހު، ސޮކޯލް ތެޔޮ އުފުލައި ދިނުމަށް އެއްވެސް ފަރާތަކުން ބިޑް ކޮށްފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ. ސަބަބެއް ކަމަށް ވަނީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކެވެ.

ކަން މިހެން އޮތް އިރު އިންޑިއާއިން ވަނީ ރަޝިއާ އަތުން ގިނަ އަދަދަކަށް ތެޔޮ ގަނެފައެވެ. އެގޮތުން މުޅި 2021 ވަނަ އަހަރުގެ ތެރޭގައި ތެޔޮ ގަތް މިންވަރުގެ 2 ގުނަ އިތުރަށް، ޔޫކްރައިން ހަނގުރާމާގައި ފާއިތުވީ 2 މަހެއްހާ ދުވަހުގެ ތެރޭގައި އިންޑިއާއިން ވަނީ ރަޝިއާ އަތުން ތެޔޮ ގަނެފައެވެ.