ސިންގަޕޫރަށް ޑްރަގް އެތެރެ ކުރަން އުޅުނު ކަމުގެ ކުށް، 2010 ވަނަ އަހަރު ސާބިތުވި، މެލޭޝިއާގެ ނުކުޅެދޭ މީހެއް ކަމަށް ވާ ނާގައެންތުރަން ދަރުމަލިންގަމް (ނާގަ) ދަންޖައްސާ މަރާލައިފިއެވެ.

ނާގަ ދަންޖައްސައިގެން އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރީ ސިންގަޕޫރުގެ ޗަންގީ ޖަލުގައެވެ. އޭނާ ދަންޖައްސައިގެން މަރާލާފައި ވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ކަމަށް އާއިލާއިން ހަބަރު ދެއެވެ. ނާގައަކީ އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

ނާގަ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނާގެ ފަލަމަސްގަނޑުގައި ބަނދެގެން، 42.7 ގުރާމްގެ ހެރޮއިން އެތެރެ ކުރަން އުޅުނު ކަމުގެ ކުށުގައެވެ.

އުމުރުން 34 އަހަރު ފުރިފައި ވާ ނާގަ، ދަންޖައްސައިގެން މަރާލާފައި ވަނީ، ހުކުމް ތަންފީޒު ކުރުން ހުއްޓުވުމަށް އޭނާގެ މަންމަ ކުރި މަސައްކަތުގެ ތެރެއިން އިސްތިއުނާފީ ކޯޓަށް ވެއްދި މައްސަލަ، ވަގުތުން ވަގުތަށް ބޭރު ކޮށްލުމަށް ފަހުގައެވެ. އެންމެ ފަހު ވަގުތު އިސްތިއުނާފަށް ހުށަހެޅީ ޝަރިއަތް ކާމިޔާބު ކުރެވޭނެ ކަމުގެ މާ ބޮޑު ހެއްކެއްވެސް ނެތީސް، ދައުވާ ކުރި ފަރާތަށް ފުރައްސާރަ ކުރުމުގެ ރޫހުގައި ކަމަށް ފަނޑިޔާރުން ވަނީ ސިފަ ކުރައްވާފައެވެ.

މަރުގެ ހުކުމް ތަންފީޒު ކުރަން އޮތް އޮތުން ހުއްޓުވުމަށް ނުވަތަ ފަސް ކުރުމަށް މަސައްކަތް ކުރުމަކީ އެކަށީގެން ވާ ގޮތެއް ނޫން ކަމަށް ހުސްވި މަހު ކޯޓުން ވަނީ ބުނެފައެވެ.

ސިންގަޕޫރަކީ އެ ގައުމަށް ޑްރަގް އެތެރެ ކުރަން މަސައްކަތް ކުރާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާ ގައުމެކެވެ. ދަންޖައްސައިގެން ނާގަ މަރާލަން ހުކުމް ކުރި ކޭހަށް ބައިނަލްއަގުވާމީ ސަމާލުކަން ހުއްޓިފައި ވަނީ، އެއީވެސް ޑްރަގްގެ މައްސަލައެއްގައި ސިންގަޕޫރުން މަރުގެ ހުކުމް ތަންފީޒު ކުރި ކަމަކަށް ވާތީއެވެ.

ދަންޖައްސައިގެން ނާގަ މެރުމާ ދެކޮޅަށް މަދު އަދަދެއްގެ ބަޔަކު އިހުތިޖާޖު ކުރިއެވެ. މެލޭޝިއާ ސަރުކާރުގެ އިތުރުން އދގެ ތަޖުރިބާކާރުންނާއި، ވިލާތުގެ އިއްތިހާދުގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި، ރިޗާޑް ބްރޭންސަން ފަދަ ސެލެބްރިޓީއިން ވަނީ ނާގައިގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރިޔަ ނުދީ ވޭތޯ މަސައްކަތް ކޮށްފައެވެ.

ކަން މިހެން އޮތް ނަމަވެސް ސިންގަޕޫރުން މިހާރުވެސް ތައްޔާރު ވަމުން ދަނީ ޑްރަގްގެ މައްސަލައެއްގައި މެލޭޝިއާގެ އިތުރު މީހެއްގެ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ތައްޔާރު ވަމުންނެވެ. އެމީހާ ދަންޖައްސަން ތާވަލު ކޮށްފައި ވަނީ ހުކުރު ދުވަހަށެވެ. އދއިން ބުނާ ގޮތުގައި ސިންގަޕޫރުގައި މަރުގެ ހުކުމް އިއްވާފައި ވާ 50 މީހަކު އެބަތިއްބެވެ.