ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި ސިފަ ކުރަމުން އަންނަ އިންޑިއާގައި ދީނީ މިނިވަންކަމުގެ ހާލަތު، މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ގޯހުން ގޯހަށް ގޮސްފައި ވާ ކަމަށާ، އިންޑިއާއިން ހިންގާފައި ވާ ޖަރީމާތަކާ ގުޅިގެން އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަން ޖެހޭ ކަމަށް، އެމެރިކާގެ ޕެނަލަކުން ގޮވާލައިފިއެވެ.
ބައިނަލްއަގުވާމީ ދީނީ މިނިވަންކަމާ ބެހޭ އެމެރިކާގެ ކޮމިޝަން (ޔޫއެސްސާފް) އިން އާންމު ކުރި އަހަރީ ރިޕޯޓްގައި އޮން، "ވަކިން ކަންބޮޑުވާންޖެހޭ ގައުމުތަކުގެ" ލިސްޓުގައި އިންޑިއާ ހިމެނި، މިއީ ވިދިވިދިގެން 3 ވަނަ އަހަރެވެ.
އިންޑިއާއިން ދަނީ ދީނީ މިނިވަންކަމުގެ ހައްގު ނިގުޅައިގަންނަނިވި އެތައް ޖަރީމާއެއް ހިންގަމުން ކަމަށް، ވަކި ފަރާތަކަށް ނުޖެހޭ، އެމެރިކާގެ މިނިވަން ޕެނަލުން ވަނީ ބުނެފައެވެ.
އިންޑިއާގެ މައްސަލައާ ގުޅިގެން ފެންމަތިވެފައި ވާ ތުހުމަތުތަކަކާއި އެކަންކަން ހައްލު ކުރުމަށް ދޭ އިރުޝާދުތައް ބަޔާންކޮށް ޔޫއެސްސާފްއިން ރިޕޯޓް އެކުލަވާލި ކަމުގައި ވީ ނަމަވެސް، އެމެރިކާގެ ފަރާތުން އެކަމަށް އަމަލީ ސިފަ ގެންނާނީ އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓް ނުވަތަ ހާރިޖިއްޔާއިންނެވެ.
ޔޫއެސްސާފްއިން ފާހަގަ ކޮށްފައި ވާ ގޮތުގައި، މުސްލިމުންނާއި ނަސޯރާއިން ފަދަ، އިންޑިއާގައި އަގުލަބިއްޔަތު ނެތް ދީންތަކުގެ މީހުންނަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް، ހިންދޫ ފިކުރުގެ އެޖެންޑާ ޕްރޮމޯޓްކޮށް، އެފަދަ ސިޔާސަތުތައް ތަންފީޒު ކުރުމަށް އިންޑިއާގެ ސަރުކާރުން ކުރި މަސައްކަތް، ހުސްވި އަހަރު ވަނީ އިންތިހާއަށް އިތުރުވެފައެވެ.
އިންޑިއާގައި މިހާރުވެސް ހުރި ގާނޫނުތަކުގެ އިތުރުން، އާ ގާނޫނުތައް ހަދައިގެންވެސް ދީނީ ގޮތުން ބައިމަދު ފިކުރުގެ މީހުންނާ އަދާވާތްތެރިވަނިވި ރޫހެއްގައި، ގައުމީ އަދި ސްޓޭޓް ފެންވަރުގައި ހިންދޫ ނަޒަރިއްޔާ، ނިޒާމުގެ ތެރެއަށް ވެއްދުމުގެ ކަންކަން ކުރުމުގައި އިންޑިއާގެ ސަރުކާރު ދެމި އޮތް ކަމަށްވެސް އެމެރިކާގެ ޕެނަލުން ވަނީ ފާހަގަ ކޮށްފައެވެ.
ދީނީ މިނިވަންކަމަށް އުނިކަން ދެމުން ދާ ކަމަށް ބުނެ، އިންޑިއާ ބްލެކްލިސްޓް ކުރުމަށް އެމެރިކާގެ ކޮމިޝަނުން މީގެ ކުރި މަސައްކަތްތަކަށްވެސް އިންޑިއާއިން މީގެ ކުރިން ވަނީ ދެކޮޅުވެރިވެފައެވެ. އެގޮތުން އެ ޕެނަލް ހޯދުންތަކަކީ ވަކި ފަރާތަކަށް ބުރަވެފައި ވާ ހޯދުންތަކެއް ކަމަށް އިންޑިއާއިން ބުނެއެވެ.
2014 ވަނަ އަހަރު އިންޑިއާގެ ވެރިކަމާ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރުން ހަވާލުވި ފަހުން، އެ ގައުމުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ވަނީ އިތުރު ވެފައެވެ. އަދި މިފަހަކަށް އައިސް، ހިންގާ އެ ފަދަ ލާއިންސާނީ ޖަރީމާތަކުގެ އަދަދާއި މިންވަރުވެސް އިތުރު ވެފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.