ޒީނަތްތެރިވުމަކީ ކޮންމެ މީހަކު ވެސް ދިރިއުޅުމުގައި ވަރަށް އަޙައްމިއްޔަތުކަން ދޭ ކަމެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ހާއްސަކޮށް މޫނުމަތި ރީތި ކުރުމާއި މޭކަޕް ކުރުމާއި، ބޮލުގެ އިސްތަށިގަނޑު ރީތިކޮށް، އެކި ސްޓައިލްތައް ކޮށް، ކުލަޖައްސަން ބޭނުންވާ މީހުން ވެސް މަދެއް ނުވާނެއެވެ. މިއީ މިހެން ކިޔާލަން ފަސޭހަ ކަންތައްތަކޭ ބުނި ނަމަވެސް މިއީ ވަރަށް ބުރަ އަދި ގިނަ ވަގުތެއް ދާ ކަމެކެވެ.

ސެލޫންއަކަށް ގޮސް ގޮނޑީގައި ރީއްޗައް އިންނަ މީހާއަށް އިސްތަށިގަނޑު ޒީނަތްތެރި ކުރަމުން ދާ މީހާ ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރެވިދާނެއެވެ. ދައްކަން މިއުޅެނީ އެމީހުން ކުރާ ބުރަ މަސައްކަތުގެ ވާހަކައެއް ނޫނެއެވެ. ދައްކަން މިއުޅެނީ މޭކަޕް އަދި ހެއާ ސްޓައިލިސްޓެއް ކަމަށްވާ ސިޔާނާ އަލީ(ޝިނާ)ގެ ވާހަކައެވެ.

މީގެ އަހަރުތަކެއް ކުރިން މޭކަފް ކޯހެއް ހެދުމަށް ފަހު ސެލޫންއަކަށް ގުޅުނު ޝިނާ އަކީ މިހާރު މިދާއިރާއިން ފާހަގަކޮށްލެވޭ، ގިނަ ބަޔަކަށް ކަމުދާ މީހެކެވެ.

އުމުރުން 31 އަހަރުގެ ޝިނާ ފުރަތަމަ މިކަން ކުރީ ހޮބީއެއްގެ ގޮތުގައެވެ. ސްކޫލު ޒަމާނުގައި ވެސް އާއިލާ ކުދިންނާއި ރަހުމަތްތެރިންނަށް އޭނާ މޭކަޕް ކޮށްދެއެވެ. އަދި ހަމައެހެންމެ އިސްތަށިގަނޑުގައި ކުލަ ޖައްސައިދީ ބޯ ފަންކޮށް ދިނުމަކީ އޭނާ އޭރުން ސުރެ ވަރަށް ކުރާ ހިތްވާ ކަމެކެވެ.

ޝިނާ ކްލައިންޓެއްގައި އިސްތަށިގަނޑުގައި ދޮވެ ދެނީ

އޭރުވެސް އެމީހުންގެ ފަރާތުން ލިބެމުން ދިޔައީ އޭނާއަށް ޕޮޒިޓިވް ކޮމެންޓެވެ. އަދި މި ދާއިރާއިން އޭނާއަށް ކުރިއަށް ދެވޭނެ ކަމަށް އާއިލާ އަދި ރަހުމަތްތެރިން ވެސް ދިޔައީ ބުނަމުންނެވެ.

ޝިނާ އެންމެ ކުރާ ހިތްވާ ކަމަކީ ބޯ ކޮށައިދިނުން!

މޭކަޕް ކޯސް ހެދުމަށް ފަހު، ސެލޫންއަށް އޭނާ ޖޮއިން ކުރީ މޭކަޕް ކޮށްދިނުމަށް ހުރި ޝައުގުވެރިކަމުންނެވެ. އެތަނުގައި އުޅެމުން ކްލައިންޓުގެ އިސްތަށިގަނޑު ކޮށައިދިނުމާއި އިސްތަށިގަނޑުގައި ކުލަ ޖައްސައިދޭން ފެށިއެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިކަމަށް ހުރި ޝައުގުވެރިކަން އިތުރުވެގެން ދިޔައެވެ.

މި މަސައްކަތުގައި ޝިނާ ދުވާލަކު 8 ގަޑިއިރު ހޭދަކުރާއިރު ސެލޫން ނިންމާލުމަށް ފަހު ވެސް ގާތް މީހުންގެ އެދުމަށް ޝިނާ ގޭގެއަށް ގޮސްވެސް މި މަސައްކަތް ކުރެއެވެ.

ޝިނާ ގަބޫލުކުރާ ގޮތުގައި އާމްދަނީ ހޯދުމަށް މިއީ ރަނގަޅު މަސައްކަތެކެވެ. ސެލޫންތަކުގައި ދިވެހިންނަށް ވުރެ ބޭރު މީހުން ގިނައިރު ޝިނާ ގަބޫލު ކުރާގޮތުގައި އެއީ އެކަމުގައި ހޭދަކުރަންޖެހޭ ވަގުތާއި ލިބޭ މުސާރަ ނުލިބޭތީއެވެ. މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ދިމާވާ ދަތިތައް ކިޔައިދެމުން ޝިނާ ބުނީ ރާއްޖޭގައި މިދާއިރާއިން ކިޔަވަން ބޭނުންވާ ކުދިންނަަށް އެކަމަށް އެންމެ އެކަށީގެންވާ ފުރުސަތު ނެތް ކަމަށެވެ.

ކޮވިޑް ޕެންޑަމިކް ތެރޭގައި މަސައްކަތްކުރީ ގޭގެއަށް ގޮސް!

ކޮވިޑް ޕެންޑަމިކް ތެރޭގައި ސެލޫންތައް ވެސް ހުރީ ބަންދުކޮށްފައެވެ. ނަމަވެސް މިކަމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑު ކަމުން ޝިނާއަކަށް މިމަސައްކަތް ހުއްޓައެއް ނުލެވުނެވެ. އެދުވަސްތަކުގައި ވެސް ގިނަ ކްލައިންޓުން އޭނާއަށް ލިބުނެވެ. ނަމަވެސް ގޭގައި މިމަސައްކަތް ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް އޭނާ ބުނެއެވެ. އެގޮތުން ގޭގޭގައި ބޭނުންވާ ވަރަށް ޖާގަ ނެތުމާއި ސެލޫން ފެސިލިޓީތައް ނެތުމާއި ގޭގޭގައި ހުންނަ ބައެއް ތަކެތި ބޭނުން ކުރަން ޖެހުން ހިމެނޭ ކަމަށް އޭނާ ބުނެއެވެ. އެހެން ނަމަވެސް އޭރުވެސް ޝިނާގެ މަސައްކަތް ގިނަ ބަޔަކު ބަޔަލައިގަތެވެ.

ޝިނާ ކުއްޖަކަށް މޭކަޕް ކޮށްދެނީ

ޝިނާގެ މަގްސަދަކީ ކޮންމެ ކްލަޔަންޓެއް ވެސް އެންމެ ފުރިހަމަ ސާވިސް ލިބިގެން އުފަލުގައި ނުކުމެގެން ދިޔުމެވެ. އެންމެ ރަނގަޅު ހިދުމަތްމަތްތައް ހެޔޮ އަގެއްގައި ލިބޭނެ ގޮތް ހެދުމެވެ.

ސެލޫންތައް ހުޅުވާ އަނެއްކާ ވެސް ސެލޫންގައި މަސައްކަތް ކުރަން ލިބުމުން ޝިނާ ވަރަށް އުފާވި ކަމަށް ބުނެއެވެ. އަދި އޭނާގެ ކްލައިންޓުން ފަރާތުން ލިބުނު ޕޮޒިޓިވް ކޮމެންޓުތައް އޭނާ ވަރަށް ބޮޑަށް ބަލައިގަނެއެވެ. މިއީ އޭނާ ގަބޫލު ކުރާގޮތުގައި އޭނާއަށް ލިބޭ އެންމެ ބޮޑު ކާމިޔާބީވެސް މެއެވެ.

ބޭނުންވަނީ އަމިއްލަ ސެލޫންއެއް ހުޅުވަން:

މިއީ ކޮންމެ ސްޓައިލިސްޓެއްގެ ވެސް ހުވަފެނެއްކަން ޔަގީނެވެ. ޝިނާ ވެސް އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ މިއީއެވެ. މިދާއިރާގައި ފަސް ވަރަކަށް އަހަރު މަސައްކަތް ކޮށްފައިވާ ޝިނާ، މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ "ކުރާ ހިތުން މިމަސައްކަތް ކުރާނަމަ ވަރަށް އަވަހަށް ކުރިއަށް ދާނެ،" ކަމަށެވެ.

ޝިނާގެ މިކެރިއާގައި އޭނާއަށް އެންމެ އެހީތެރިވީ އޭނާގެ އާއިލާ އަދި ރަހުމަތްތެރިން ކަމަށް އޭނާ ބުނެއެވެ.