ޒަމާނަށް އަންނަ ބަދަލާއެކު ދިވެހިންނަށްވެސް ބަދަލުތަކެއް އާދެއެވެ. އެ ބަދަލުތަކާއެކުވެސް ބަދަލު ނުވާ އެކި ކަންކަންވެސް ހުރެއެވެ. ދިވެހިންނަކީ އަމިއްލަ އުފެއްދުންތެރި ކަމަށް ލޯބިކުރާ ބަޔަކަށް ވާއިރު ކާބަފައިންގެ ޒަމާނުން ފެށިގެން ކުރަމުން އައި އެފަދަ މަސައްކަތްތައް މިއަދުވެސް ކޮށް އުޅެއެވެ. ވޫލުން ވިޔުމަކީ މީގެ އެތައް އަހަރެއް ކުރީއްސުރެ ފެށިގެންވެސް ދިވެހިންގެ ތެރޭގައި ކުރަމުން އަންނަ މަސައްކަތެކެވެ. ތަފާތު އެކި ކުލަކުލައިގެ ވޫލް ބަރަންޏާއި ކަށި ބޭނުން ކޮށްގެން ހިޔާލަށް ނުގެނެވޭ އެތައް ފަރުމާއެއްގައި އެކި ކަހަލަ އެއްޗެހި ވިޔުމަކީ ގެވެހިވަންތަ އަންބެއްގެ ކިބާގައި ހުރުން ލާޒިމު ސިފައަކަށް ވީ ޒަމާނެއްވެސް މި ގައުމު ދެކެފިއެވެ. ނަމަވެސް މި ހުނަރު މިއަދު ކުރިއަރައިގެން ގޮސްފައި ވަނީ ހަމަ އެކަނި އެ ބީދައަކުން ނޫނެވެ. ފަންނެއްގެ ގޮތުގައެވެ. ގޭގައި ތިބެގެން ނުވަތަ ވަޒީފާއަށް ގޮސް ދަރިން ބަލަމުން، އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ވޫލުން ވިޔުން މިއަދު ވަނީ ކުރި ހޯދާފައެވެ. މިފަދަ މަސައްކަތުގައި ކުރި ހޯދަމުން އަންނަ އެކަކީ ކ. މާލެ އުމުރުން 28 އަހަރުގެ މަރިޔަމް ސަމާ ހާލިދެވެ.
އަހުމަދިއްޔާ ސްކޫލުން އޯލެވެލް ނިންމާ، ސީއެޗްއެސްސީ އިން އޭލެވެލް ނިންމުމަށް ފަހު ޒަވާޖީ ހަޔާތެއް ފެށި ސަމާ ބޭނުންވީ ގޭގައި އިނދެ އަމިއްލަ އުފެއްދުންތެރި މަސައްކަތެއް ކުރުމަށެވެ. އުފެއްދުންތެރި މަސައްކަތްތަކެއް ކުރުމުގެ ނިޔަތުގައި ސަމާ ފެހުމުގެ މަސައްކަތުގެ އިތުރުން ކްރާފްޓް މަސައްކަތާއި އެކަމާ ގުޅޭ ކަންކަންވެސް ބަލާ ހެދިއެވެ.
ވިޔުމުގެ މަސައްކަތުގައި މެދުކެނޑުމެއް ނެތި 7 އަހަރު ދުވަސް ހޭދަކޮށްފައިވާ ސަމާ ބުނާ ގޮތުގައި އޭނާ އެ މަސައްކަތް ފެށީ ފޭސްބުކުން ފެނުނު ވިޔާ ވީޑިއޯއަކުން އުފެދުނު ޝައުގަކާއެކުގައެވެ. އެ ވީޑިއޯއިން ވިޔުމަށް ބޭނުންކުރާ އާލާތްތައް ދައްކާ އިރު އެ ވީޑިއޯ ފެނި އެ މަސައްކަތަކީ ކުރެވިދާނެ މަސައްކަތެއްތޯ ސަމާ އަޖުމަ ބެލިއެވެ. އަދި އިތުރު އެއްޗެހި ވިޔުމަށް ޔޫޓިއުބުން ވީޑިއޯ ބަލާ ހެދިކަމަށް ސަމާ ބުނެއެވެ.
އާއިލާ މެންބަރަކު މެދުވެރިކޮށް ވައިބާގައި އެ ވިޔަފާރި ފަށާ ކުޑަކުދިންގެ ބޫޓާ ހެދުން ފަދަ އެއްޗެހި ވިއްކަން މަސައްކަތް ކުރި ނަމަވެސް އެކަމަށް މާބޮޑު ކުރިއެރުމެއް އޭރު ސަމާއަކަށް ނުލިބުނެއެވެ. އަދި އާއިލާގެ އެކި މީހުންގެ ފަރާތުން ފުރަތަމަ އައި އޯޑަރުތަކާއެކު ސަމާއަށް ވިޔަފާރި ފަށައިގަނެވުނު އިރު ފިރިމީހާގެ ރަށް، ތޮއްޑޫ އިން ގިނަ ބަޔަކަށް އެ މަސައްކަތް ކަމުގޮސް ވަރަށް ގިނަ އޯޑަރު ލިބުނު ކަން ސަމާ ފާހަގަ ކުރިއެވެ.
ނުވާނެއޭ ކިޔާ ދޫކޮށްލުމުގެ ބަދަލުގައި އަމިއަލައަށް އެ މަސައްކަތް ދަސްކުރި ސަމާ މީގެ ކުރިން ގިނަ ވަގުތުތަކެއް އެ މަސައްކަތުގައި ހޭދަކުރެއެވެ. އެހެންނަމަވެސް މިހާރު ދެ ދަރިން ގޮވައިގެން ގިނަ ޒިންމާތަކެއް އުފުލަން ޖެހިފައިވާ މަންމައަކަށް ވުމާއެކު އެ މަސައްކަތުގައި ހޭދަކުރަން ލިބޭ ވަގުތުވެސް ވަނީ މަދުވެފައެވެ. ސަމާ ބުނީ މިހާރުގެ ބައެއް ދުވަސް ދުވަހު 3 ގަޑިއިރު އެ މަސައްކަތަށް ހޭދަކުރެވޭ ކަމަށާއި އެހެންނަމަވެސް އަބަދުވެސް 8 ގަޑިއިރު މަސައްކަތް ކުރެވޭތޯ ބަލާ ކަމަށެވެ.
ކުޑަކުދިންގެ ހެދުމާއި ބޮލުގަ އަޅާ ބޭންޑުގެ އިތުރުން ބޫޓާއި ކަރުގަ އަޅާ ފަށާ، އެ ކުދިން ތުއްތު އިރު ބާއްވާނެ ފޮތިގަނޑުވެސް ސަމާ ވިޔެ ހަދާ އިރު ކާޓޫނުތަކާ އެއްގޮތަށް ހެދުން ވިޔުމަކީވެސް އޭނާއަށް މިއަދު މާބޮޑު ކަމަކަށް ނުވެއެވެ. ސަމާގެ މަސައްކަތަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައި ވާއިރު ސަމާ ހަދާ "ބޭބީ ކޮސްމެޓިކް ބާސްކެޓާއި ބޭބީ ޕޮންޕޮން" ތޮތްފަކީ މިހާރު ވަރަށް މަޝްހޫރު އެއްޗަކަށް ވަނީ ވެފައެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ސަމާ ފެށި އެ ބާސްކެޓުގެ މަސައްކަތަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައި ވާއިރު ރެޑީމޭޑް އެއްޗެއްސާ ހިލާފަށް ބޭނުން ކުލައަކުން ބޭނުން ޑިޒައިނަކުން ބޭނުން ސައިޒަކަށް ތައްޔާރު ކޮށްލެވެއެވެ. އެ ބާސްކެޓު ވިޔުމަށް ޓީޝާޓް ފޮތި ކަފާ، ވޫލު ސަމާ ތައްޔާރު ކުރާއިރު އޭގެ އެތެރޭގައި އޮންނަ ފިލާކޮޅު ވެސް ތައްޔާރުކުރަނީ އަމިއްލައަށެވެ. އަދި ބާސްކެޓްގެ މަސައްކަތުގައި ފިރިމީހާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަން ސަމާ ވަނީ ފާހަގަ ކޮށްފައެވެ.
ސަމާގެ މަސައްކަތުގެ ތެރެއިން އޭނާ އެންމެ ގިނަ ވަގުތު ހޭދަކުރާ މަސައްކަތަކީ ގިނަ ކުޑަކުދިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކާޓޫނު ކެރެކްޓާ، މޮއާނާގެ ކޮސްޓިއުމް ވިޔުމަށެވެ. ސަމާ ބުނާ ގޮތުގައި މޮއާނާގެ ކޮސްޓިއުމްއަކީ އޭނާގެ އަމިއްލަ ޑިޒައިނެއް ކަމަށާއި ޔޫޓިއުބު އަދި ޕޭޖަކުންވެސް އޭނާ އެ ޑިޒައިން ބަލައިފާ ނުވާނެ ކަަމަށެވެ. ވީހާވެސް ކާޓޫނު މޮއާނާއާ އެންމެ ވައްތަރު ހެދުމެއް ވިޔުމަށް މަސައްކަތް ކުރާ ސަމާ ބުނާ ގޮތުގައި މޮއާނާގެ އެ ހެދުމަށް 11 ނުވަތަ 12 ގަޑިއިރު ހޭދަވެއެވެ.
މިދިޔަ 2017 އަދި 2018 ވަނަ އަހަރު ސަމާ އުޅުނީ އޭނާގެ ދޮށީ ދަރިފުޅު ގޮވައިގެން ފިރިމީހާ އާއި އޭނާގެ މަންމަ ދަނޑުވެރިކަން ކުރާ ފަޅުރަށެއް ކަމަށްވާ ބ. އަންހެނުންފުށީގައެވެ. އޭރުވެސް އޯޑަރު ނެގުން ހުއްޓާ ނުލާ، ލިމިޓް ކޮށްގެން ހަފްތާއަކު 4 ނުވަތަ 5 އޯޑަރު އޭނާ ނެގިއެވެ.
މި މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެއިން ލިބެން ނުހުރުމަކީ ސަމާއަށް ކުރިމަތި ވި ބޮޑު ގޮންޖެހުމެކެވެ. މަސައްކަތް ފެށިއިރު ވޫލުވެސް ލިބެނީ ވަރަށް މަދު ފިހާރައަކުން ކަމަށާއި އެހެންނަމަވެސް މިހާރު ހުރިހާ ބުކްޝޮޕެއްގެ އިތުުރުން ފޮތި ފިހާރަތަކުން ލިބޭ ކަަމަށް ސަމާ ބުނެއެވެ. މިހާރުވެސް އެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެއިން ލިބެން ނެތް އިރު އެެ ސާމާނު ސަމާ ގެންނަނީ ބޭރުންނެވެ.
ކޮންމެ ހަފްތާއަކުހެން ވިޔުމަށް ހާއްސަ ކޯހެއް ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ގިނަ ބަޔަކު ސަމާއަށް މެސެޖު ކުރާއިރު އެ ފަދަ ކޯހެއް ކުރިއަށް ގެންދިއުމުގެ ވިސްނުން އޭނާ ހުރެއެވެ. އެހެންނަމަވެސް އެ ވިސްނުން ސަމާ ގެންގުޅެނީ އެ މަސައްކަތުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދެވޭނެފަދަ ގޮތަކަށް ކޯހެއް ކުރިއަށް ގެންދިއުމަށެވެ.
7 އަހަރު ވަންދެން މެދުނުކެނޑި ސަމާގެ މި ވިޔުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އޭނާގެ ކަސްޓަމަރުންގެ ދައުރުވެސް ވަރަށް ބޮޑެވެ. އެއް ކަސްޓަމަރަކު އެކި ފަހަރު މަތިން އެކި އެއްޗެއްސަށް އޯޑަރުކުރާކަން ފާހަގަކޮށް ސަމާ ބުނީ ވިޔެގެން ގެންދާ ތޮފި ބޭނުން ކުރަނިކޮށް ކުޑަވުމުން އިތުރު ފަސް ތޮތްޕަށް އޯޑަރުކުރާ މީހުންވެސް ތިބޭ ކަމަށެވެ.
މި މަސައްކަތަށް ބޭނުންވާ އެއްޗެހި ހޯދުމުން ފެށިގެން ހިޔާލު ދިނުމާ ހަމައަށް އާއިލާ އެންމެންގެ އެހީތެރިކަން ސަމާއަށް ލިބޭއިރު އޭނާގެ އެންމެ ބޮޑު ހިތްވަރަކީ އޭނާގެ ފިރިމީހާއެވެ. ފިރިމީހާގެ ފަރާތުން ފެށުނީންސުރެ އެހީތެރިކަމާއި ހިތްވަރު ލިބޭކަން ފާހަގަކޮށް ސަމާ ބުނީ ވިޔުމުގެ މަސައްކަތް ދަސްކުރި ދުވަސްވަރު ނުވާނެއޭ ކިޔާ ދޫކޮށްލަން އުޅުނު ނަމަވެސް ވާނެ ކަމަށް ބުނެ އަބަދުވެސް ކުރިއަށް ދިއުމަށް ފިރިމީހާ ހިތްވަރު ދޭ ކަމަށެވެ. ސަމާ ވަނީ ފިރިމީހާއާއި ދެ ފަރާތުގެ އާއިލާގެ އިތުރުން ރައްޓެހިންނާއި ކަސްޓަމަރުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
"އެންޑްލެސް ނޮޓް އެމްވީ ބައި ސަމާ ހާލިދު"ގެ ނަމުގައި ވިޔުމުގެ މަސައްކަތް ކުރިއަރުވަމުން އަންނަ ސަމާ ދެކޭ ހުވަފެނަކީ އެ ވިޔަފާރި ބްރޭންޑަކަށް ވުމެވެ. އަދި ކޮންމެ އަހަރަކުވެސް ވޫލުން ތަފާތު އުފެއްދުމެއް ތައްޔާރުކޮށް ވިޔަފާރި ފުޅާކުރުމުގެ މަސައްކަތް ވެސް އޭނާ ކުރެއެވެ. ކޮންމެ މަސައްކަތެއް ކުރި ނަމަވެސް އެ މަސައްކަތެއް ކުރާ މީހަކަށް އެކަން ނުވާނެއޭ ބުނެ، އެ މީހެއްގެ ހިތްވަރުއެލުވާލަން މަސައްކަތް ކުރުމުގެ ބަދަލުގައި ކެނޑިނޭޅި އެ މީހަކަށް ހިތްވަރު ދީފިނަމަ ކުރިއަށް ދާނެ ކަމަށް ސަމާ ބުނެއެވެ.