ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ 4 ވަނަ ރާޅެއްގެ އިންޒާރުގެ ރަނގަބީލު ޖަހަމުން އަންނަ އިންޑިއާއިން، އޮމިކްރޯން ވޭރިއަންޓްގެ އިތުރު ބާވަތްތަކެއް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެއްޖެއެވެ.

މި ރޮނގުން ތަހުލީލުތައް ކުރިއަށް ދާ އިރު، އޮމިކްރޯންގެ އިތުރު ވޭރިއަންޓްތަކެއް، ވަކިން ހާއްސަކޮށް، ވެރިރަށް ނިއުދިއްލީއިން ފެނުމުގެ ނުރައްކާ ބޮޑު ކަމަށް، ސިއްހީ ތަޖުރިބާކާރުން ވަނީ އިންޒާރު ކުރައްވާފައެވެ.

މިދިޔަ ބުދަ ދުވަހު އެކަނިވެސް ނިއުދިއްލީއިން ވަނީ 1000 އަށްވުރެ ގިނަ ކޭސް ރެކޯޑް ކޮށްފައެވެ. އެއީ ފެބުރުއަރީ 10 ވަނަ ދުވަހަށް ފަހު ނިއުދިއްލީއިން ރިޕޯޓް ކުރި ރެކޯޑް އަދަދެކެވެ.

އިންޑިއާގެ މަސްރަހުން ލިބެމުން ދާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، އޮމިކްރޯން ވޭރިއަންޓްގެ 8 ބާވަތެއް އުޅޭ ކަމަށް ސިއްހީ ތަޖުރިބާކާރުން ވަނީ ވަކާލާތު ކުރައްވާފައެވެ. މި 8 ބާވަތުގެ ތެރެއިން ކުރީގައި އުޅެނީ 1 ބާވަތެއް ކަމަށާ، ކޭސް އިތުރު ވަމުން ދަނީ އެ ވޭރިއަންޓްގެ ސަބަބުން ކަމަށްވެސް ސިއްހީ ތަޖުރިބާކާރަކު ވަނީ ވިދާޅުވެފައެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އާ ވޭރިއަންޓެއް ކަމަށް ވާ އޮމިކްރޯން ވޭރިއަންޓް ފެނިގެން އެންމެ ފުރަތަމަ ރިޕޯޓް ކުރީ، ދެކުނު އެފްރިކާއިން، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ފަހުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކޮވިޑް-19ގެ ވަރުގަދަ ރާޅުތައް ދަނީ ބިންދަމުންނެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ބޮޑެތި މީހުންގެ އާބާދީގެ ބޮޑު ބައެއް ވެކްސިން ޖަހާފައި ވާ އިރު، އާވޭރިއަންޓްތަކާ އެކު، ވެކްސިން ނުޖަހާ ކުޑަކުދިންނަށް ނުރައްކާ ބޮޑުވުމުގެ ފުރުސަތު އޮވެއެވެ. ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އަދިވެސް ގެންދަވަނީ ކޮވިޑުން ދިފާއުވާން ފަރުދީ ފެންވަރުގައި ތަންފީޒު ކުރަމުން ދިޔަ ފިޔަވަޅުތައް ދެމެހެއްޓުމަށް ގޮވާލަމުންނެވެ. އަދި ކޮވިޑް-19 އަކީ އާލަމަކީ ބަލިމަޑުކަމެއްގެ ދަރަޖައިން، ވަކި ސަރަހައްދަކަށް ހާއްސަ ބަލިމަޑުކަމެއް ކަމަށް ދަށް ކުރެވެން ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ވަނީ އިންޒާރު ކޮށްފައެވެ.