އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އަކީ "ބިރިޔާނި މަލާފަތެއް" ކަމަށް ޕީއެންސީގެ ނައިބު ރައިސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން ނެވެ.

ސައީދު ވިދާޅުވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް މިހާރު ދީފާއޮތް ކްރެޑިޓް ލައިނަކީ ބޮޑު ލޯނެއް ކަމަށާއި އެއީ ރަނގަޅު ބިރިޔާނީ މަލާފަތެއް ކަމަށެވެ. އަދި މިއަދު ސަރުކާތުގައި ތިބި މީހުން އަތުޖެހުނު ދިމާލަކުން އެ ކްރެޑިޓް ލައިނެއްގެ ތެރެއިން ފައިސާ ގެނެސްގެން ތަރައްގީކުރާ ވާހަކަ ދައްކާ ކަމަށް ސައީދު ވިދާޅޔވުއެވެ.

"އިންޑިއާ ސަރުކާރުން ރާއްޖެއަށް މިހާރު މިދީފައޮތް ކްރެޑިޓް ލައިނަކީ ރަނގަޅު ބިރިޔާނި މަލާފަތެއް"
މުހައްމަދުސައީދު

އިންޑިއާގެ ލައިން އޮފް ކްރެޑިޓަކީ ދަރަނީގެ ދަންތުރައެއްގައި ރާއްޖެ ޖެއްސުމަށް ކުރަމުންގެންދާ ކަމެއް ކަމަށް ތުހުމަތުކުރައްވާ ސައީދު ވަނީ އެ ކްރެޑިޓް ލައިން ވެފައިވަނީ އޭގެން ސަލާމަތް ނުވެވޭވަރުގެ އެއްޗަކަށް ކަމަށާއި ތިލަމާލެ ބްރިޖަށް ބޮޑު ހޭދައެއް ކުރާއިރު އެ ބްރިޖްގެ ތަނބުވެސް ފެންނަން ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެ ބްރިޖް އެޅޭނެކަމުގެ ޔަގީންކަމެއްވެސް ނެތްކަމަށް ވެސް ސައީދު ވިދާޅުވިއެވެ.