ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ލޮކްޑައުންގެ ހަރުކަށި އަމުރުތަކެއް ތަންފީޒު ކުރަމުން ދާ ޗައިނާގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް، މިދިޔަ މަހު އިތުރު ވެފައި ވާ ކަމަށް ރަސްމީ ރެކޯޑްތަކުން ދައްކައިފިއެވެ.
މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ދުވަސްވަރު ފަހު ޗައިނާގައި ވަޒީފާ ނެތް މީހުންގެ އަދަދު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރު ކަމަށް މައުލޫމާތު ލިބެއެވެ.
ކަން މިހެން އޮތް ނަމަވެސް މި އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ޗައިނާގެ އިގުތިސޯދު ކުރިއަރާފައި ވަނީ ލަފާކޮށްފައި ވާ މިންވަރަށް ވުރެ ހަލުވި ދުވެލީގައެވެ. މި އަހަރުގެ ފުރަތަމ 3 މަސްދުވަހުގެ ތެރޭގައި ޗައިނާގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް 4.8 ޕަސެންޓަށް އިތުރުވި އިރު، މިއީ އެނަލިސްޓުންގެ އަންދާޒާތަކަށް ވުރެ މަތީ އަދަދެކެވެ.
ނަމަވެސް ޗައިނާގައި ރީޓެއިލް ވިޔަފާރި ކުރި މިންވަރު، މީގެ ކުރީ އަހަރާ އަޅާ ބަލާއިރު، މާޗް 2022 ގައި 3.5 ޕަސެންޓް ދަށް ވެފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ. މިއީ ޖުލައި 2020 އަށްފަހު ޗައިނާގައި ރީޓެއިލް ވިޔަފާރި ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
މި އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ޗައިނާގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް ވަނީ 5.8 ޕަސެންޓަށް އުފުލިފައެވެ. މިއީ މެއި 2020 އަށް ފަހު މި އަދަދު މިހާ މަތިން ރެކޯޑް ކުރި ފުރަތަމަ ފަހަރެވެ.
ޗައިނާއިން އަމާޒު ހިފާފައި ވަނީ 2022 ވަނަ އަހަރު ނިމޭއިރު އެ ގައުމުގެ އިގުތިސޯދީ ކުރިއެރުން 5.5 ޕަސެންޓަށް އިތުރު ކުރުމަށެވެ.