ހަބޭސް އިއްބެ އޭ ބުނުމުން އެއީ ކާކުކަން ނޭނގޭ މީހުން ވަރަށް މަދުވާނެއެވެ. އިބްރާހިމް މަހުދީ ހުސައިން (އިއްބެ) ނުވަތަ ހަބޭސް އިއްބެއަކީ ފުޓްސަލްގައި މުޅި ރާއްޖެއިން ހޮވާލެވޭ ހުނަރުވެރި މޮޅު ކުޅުންތެރިއެކެވެ.

މިނިވަން 50 ޗެމްޕިއަންޝިޕް މުބާރާތުގައި ފޭދޫ ޓީމުގައި ކުޅުނު ހުނަރުވެރި މޮޅު ކުޅުމުގެ ސަބަބުން ފުރަތަމަ ޑިވިޝަނަށް ކުޅުމުގެ ފުރުސަތު އިއްބެއަށް ތަނަވަސްކޮށްދިނީ ކޯޗު ނިޒާމްބެއެވެ. ނިޒާމްބެގެ އިރުޝާދުގެ ދަށުން އިއްބެ ވަނީ ޓީސީގައި މޮޅަށް ކުޅެ އެޓީމަށް ބޮޑެތި ކާމިޔާބީތައް ހޯދާދީފައެވެ.

އިއްބެ މިކާމިޔާބީ ކެރިއާ ފެށުނު ގޮތް ބަލާލަމާ ހެއްޔެވެ. މިހާރު އުމުރުން 28 އަހަރުގެ އިއްބެ ކުޑައިރުންސުރެ ފުޓުބޯޅަ ކުޅުމަށް ޝއުގުވެރިކަން ހުރެއެވެ.

ކުޑައިރު 9 އަހަރުން ދަށުގެ ކުދިންގެ ފުޓްބޯޅަ މުބާރާތުގައި ކުޅެންގޮސް ކުޅޭ ހިތްވީ، އިނގޭ ކުޅެވޭނެ ކަން ކުޅެން ފެށީމަ، އުޅޭނެ ދެ ބޭބެ ވަރަށް މޮޅަށް ފުޓުބޯލަކުޅޭ، އެމީހުން ފުޓްބޯޅަކުޅޭތައް ފެނުނީމަ ވެސް އިނގޭ މިކަން ކުރެވޭނެ ކަން
އިއްބެ

ކެރިއާ ފެށުނު ގޮތް:

އިއްބެ ފުރަތަމަ ކުޅުނީ ރަށުގައި "ހަބޭސް ޓީމަށެވެ. އިއްބެ ފުރަތަމަ ކުޅުނީ ފުޓްސެލްއެވެ. އެއަށްފަހު އަތޮޅު މުބާރާތާ ޒޯން މުބާރާތްތައް ކުޅުނުއިރު ދެން އޭނާ ކުޅެން ފެށީ ފޭދޫ ޓީމަށެވެ. ފޭދޫ ޓީމަށް އޭނާ ކުޅުނީ ފުޓުބޯޅައެވެ.

އޭރު އިިއްބެ ގިނަ ބަޔަކަށް ނޭނގެއެވެ. ނަމަވެސް މިނިވަން 50 ގައި އައްޑޫގައި އޮތް މުބާރާތުގައި ގިނަ ބަޔަކަށް ވަނީ އޭނާގެ މޮޅު ކުޅުން ދައްކާ އާޝޯހު ކޮށްލާފައެވެ. މި މެޗުގައި ފައިނަލްއަށް ގޮސް، އޭނާ ވަނީ މޮޅު ގޯލެއް ޖަހާ އެތައް ބަޔަކު ހައިރާން ކޮށްލާފައެވެ.

އިބްރާހިމް މަހުދީ ހުސައިން (އިއްބެ)
މިނިވަން 50އަށް އައިސް ކުޅުނު މެޗުން އަސްލު ގިނަ ބަޔަކަށް އިނގުނީ، އޭގެން ފައިނަލް މެޗުގައި މޮޅު ގޯލެއް ޖެހީ، އެމެޗަށް ފަހު މެޗުތައް ކުޅެން އޮފާސްތައް ލިބެން ފެށީީ، އޭރު ވެސް ވަޒީފާގައި އުޅުނީ ރިސޯޓުގައި،
އިއްބެ

މި މެޗަށްފަހު އިއްބެ ވަނީ ޕްރެޒިޑެންޓް ކަޕަށް މާލެ އައިސްފައެވެ. ފޭދޫ ޓީމަށް ކުޅުނު މި މެޗުގައި އިއްބެ މާރިޔާ ކޮޅަށް ގޯލެއް ޖަހާ ހުނަރުދައްކާލިއެވެ.

އިއްބެ ބުނިގޮތުގައި އަލަށް ގަލޮޅު ދަނޑުގައި ކުޅުނު ދުވަހު ވެސް ފުޓުބޯޅަ ކުޅެވޭނެ ކަން އެނގުނުނެވެ.

އޭރު ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ އިއްބެއަށް ޓީސީއާ ގުޅުމުގެ ފުރުސަތު ލިބުނެވެ. އަދި ރިސޯޓުން ކެނޑިގެން ޓީސީއާ ގުޅެން އޭނާ ނިންމިއެވެ.

ޓީސީއާ ގުޅުނު ފަހުން އޭނާ އަލަށް ވެސް ކުޅުނީ އިންޓަނޭޝަނަށް މުބާރާތެކެވެ.

ދެންދިޔައީ ޓީސީއާއެކު ބޭރުގައި އޮތް މެޗަކަށް، އޭގަ ވެސް ފުރަތަމަ މެޗުގައި މެއިން އޮފް ދަ މެޗް ހޯދިން، ގޯލް ޖެހިން
އިއްބެ

މިމުބާރާތުގައި އޭނާ ދެއްކި ކުޅުމަށް ގިނަ ބައެއްގެ ސަމާލު ކަމަށް ލިބިފައި ވާއިރު މިއީ އިއްބެގެ ކެރިއަރަށް ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއަކަށް ވިއެވެ. މި މެޗަށް ފަހު އިއްބެއަށް ވަނީ ގައުމީ ޓީމަށް ކުޅެން ފުރުސަތު ލިބިފައެވެ. ގައުމީ ޓީމަށް ވަނުމުގެ ފުރުސަތު ލިބުނު ނަމަވެސް އިއްބެ އޭރު އިންނަނީ ބެންޗުގައެވެ. ބަދަލު ކުޅުންތެރިއަކަށް ވެސް އަރަން ޗާންސް ނުލިބުނު އިއްބެ ގައުމީ ޓީމަށް ފުރަތަމަ ވެސް ކުޅުނީ ސާފު ޗެމްޕިއަންޝިޕް ގައި 2018ގައެވެ.

ބަންގްލަދޭޝް އާއި ރާއްޖެ ވާދަ ކުރި ފައިނަލް މެޗުގައި ގޯލެއް ޖަހާ ގިނަ ބަޔަކަށް އަނެއްކާ ވެސް ސާބިތުކޮށް ދިނީ އޭނާގެ މޮޅު ކުޅުމެވެ. ސާފުގައި ރާއްޖެއަށް ތަށި ހޯދައިދިނުމައި އިއްބެގެ ރޯލު ވަރަށް ވެސް ބޮޑެެވެ.

އެއަހަރު އިއްބެ ވަނީ މާޒިޔާ އާ ގުޅިފައެވެ. ފުޓުބޯޅައިގެ މިކެރިއަރުގައި މިހާތަނަށް އިއްބެ ވަނީ ގައުމީ ޓީމަށް 5 ލަނޑު ޖަހާދީފައެވެ. ޓީސީގައި އުޅުނުއިރު އިއްބެ ވަނީ ފުރަތަމަ ސީޒަންގައި 17 ގޯލު ޖަހާފައެވެ. ދެވަނަ ސީޒަންގައި 16 ގޯލު ވަނީ ޖަހާފައެވެ.

އިންޖަރީއެއް ވެގެން ވަރަށް މުހިންމު އަދި ކުޅެން ވަރަށް ބޭނުންވި މެޗަކަށް އެންމެ ފުރިހަމަ ކުޅުން ނުދެއްކުނު މެޗެއް ކަމަށް އިއްބެ ބުނަނީ މިއަހަރުގެ ސާފު ޗެމްޕިއަންޝިޕް މުބާރާތް ކަމަށެވެ.

ސާފު ފެށުމުގެ ކުރިން ކުޑަކުޅަށް އެންޖަރީވެ، އެއްކޮށް ފިޓްނުވެ، ބެސްޓު ފޯމްގައި ހުރި އިރަކު ނޫން ސާފު އައީ، ވަރަށް ދެރަވި އެކަމަށް، އެންމެ ބެސްޓު ފޯމުގަ ނެތީމަ ރަނގަޅަށް ނުއެއް ކުޅެވޭނެ
އިއްބެ

އިއްބެ އަކީ ދަނޑުމަތީގައި ވެސް އަހުލާގު ރަނގަޅު ގިނަ ބަޔަކު ބަލައިގަންނަ މީހެކެވެ. ކޮންމެ މެޗެއްގައި ވެސް މޮޅު ކުޅުމެއް ކުޅެން އަޒުމުގައި ހުރި އިއްބެ އެންމެ ދެކެން ބޭނުންވާ ދުވަހަކީ އަނެއްކާ ވެސް ސާފު ޗެމްޕިއަންޝިޕްގައި ކުޅެން ލިބި، ރާއްޖެއަށް އަނެއްކާވެސް ތަށި ހޯދައި ދިނުމެވެ.

މިހާތަނަށް އިއްބެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ސާފު ޗެމްޕިއަންޝިޕް 2018ގައި ގޯލު ޖެހުން ކަމަށް އޭނާ ބުނެއެވެ.

އިއްބެ ގައުމީ ޓީމު މެޗެއްގެ ތެރެއިން

ބޭރުގެ ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން އިއްބެ އެންމެ ސަޕޯޓުކުރަނީ ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. އަދި އޭނާ އެންމެ ސަޕޯޓުކުރީ ރެއާލް މެޑްރިޑްއަށެވެ.

ފިޓްކޮށް ހުރުމަށް އިއްބެ ކެއުމަށް ވަރަށް ބަލާ!

އިއްބެ ބުނިގޮތުގައި އޭނާ ފިޓްކޮށް ހުރުމަށް މާބޮޑު ކަމެއް ނުކުރެއެވެ. ނަމަވެސް ފިޓްކޮށް ހުރުމަށް އޭނާ ކެއުމަށް ވަރަށް ބޮޑަށް ބަލާ ކަމަށް ބުންޏެވެ. މިގޮތުން ފަލަވާ ކަހަލަ އެއްޗެހި ވަރަށް މަދުން ނޫނީ ނުކައި ކަމަށް އޭނާ ބުނެއެވެ.

ފުޓުބޯޅަ ކުޅުމަކީ މިކަމަށް ހުސްވެގެން ކެރިއާ އެއްގޮތުގައި ކުޅެން އަދި އާމްދަނީ އާ ހުރިހާ އެއްޗަކަށް ބަލާފައި ކުޅެން ރަނގަޅު އެއްޗެއް ކަމަށް އިއްބެ ގަބޫލު ކުރެއެވެ.

މިސާލަކަށް ފުޓުބޯޅަކުޅެމުން ވަޒީފާއަށް ދަމުން، ދެކަންތައް ކުރަމުން ވަރަށް އުނދަގޫ ވާނެ، އޭރަށް ކުރިއެރުން ހޯދަން އުނދަގޫ ވާނެ، އެމީހަކު މޮޅަށް ކުޅެންޏާ ލިބޭނެ ހަމަ ރަނގަލު އާމްދަނީއެއް
އިއްބެ

އާމްދަނީ ހޯދުމަށް ފުޓުބޯޅަކުޅުމުގެ އިތުރުން އިއްބެ މަސައްކަތް ކުރަނީ ވެމްކޯގައެވެ.

އިއްބެ ގަބޫލުކުރާގޮތުގައި ޒުވާން ކުޅުންތެރިނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

މި ކާމިޔާބު ކެރިއަރަށް އިއްބެ އެންމެ ބޮޑު ޝުކުރެއް އަދާކުރަން ބޭނުންވަނީ އޭނާގެ އާއިލާއަށް އަދި ޓީސީގެ ކޯޗު، ނިޒާމްބެ އަދި އަބްދުﷲ ހަނީފް (ބެންޖޯ)އަށެވެ.

އިއްބެ ސަޕޯޓަރުންނަށް ބުނެލަން ބޭނުންވަނީ "އަބަދުވެސް ސަޕޯޓު ކުރާށޭ، އަބަދުވެސް އެންމެ ބެސްޓު ދައްކާނެ" ކަމަށެވެ.