އަހަރެމެންގެ މި ކުޑަކުޑަ ރާއްޖެއަކީ ޒަމާނަށް އަންނަ ބަދަލުތަކާ އެއްގޮތަށް ރީތިވުމަށް ލޯބި ކުރާ ގިނަ ބަޔަކު ދިރިއުޅެމުންދާ ގައުމެކެވެ. ހާއްސަ ހަފްލާތަކަށް ޒަމާނާ އެއްގޮތަށް ހެދުން އަޅާ، ރީތިވެ، މޭކަޕް ނުކޮށް ދާނީ އަތުން ގުނާލެވޭހާ މަދު ބައެކެވެ. އެ ހުރިހާ ނަލަ ހެދުމުގެ ފަހަތުގައި އެއިން ކޮންމެ ކަމަކަށްވެސް ކުޅަދާނަ ހުނަރުވެރިން ތިބެއެވެ. މޭކަޕް ކޮށް ނިމޭއިރު ބުރުގާ ނުވަތަ ބޮލުގެ އިސްތަށިގަނޑު ނަލަކޮށްލާ ގޮތުން ކްލައިންޓުން އަންތަރީސް ކޮށްލާވަރުގެ ހުނަރުވެރި މޭކަޕް އާޓިސްޓުން ރާއްޖޭގައި ތިބި ކަމަކީ ފާހަގަކޮށްލަން ޖެހޭ ވަރުގެ ކަމެކެވެ.
އެގޮތުން ހއ. މޮޅަދުއަށް އުފަން ރިޝްފާ އަބްދުއް ސަމަދު (ރިޝް) އަކީ އެފަދަ އާޓިސްޓެކެވެ. ރިޝްގެ މޭކަޕްގެ ދުނިޔެ އޭނާ ޖަރީކޮށްފައި ވަނީ އޭނާގެ ހުނަރުވެރިކަމާ އެކު ފިހިތަކުން ކުރެހި ރީތި ކުރެހުންތަކުންނެވެ.
އަބަދުވެސް ކެއްކުމާއި ކުރެހުމާއި އަމިއްލަ އުފެއްދުންތެރި މަސައްކަތްތަކަށް ޝައުގުވެރިކަން ހުންނަ ރިޝް ބުނާ ގޮތުގައި އޭނާ އެހާ ކިޔަވާ ހިތެއް ނުވެއެވެ.
މޭކަޕްގެ ދުނިޔެއަށް ރިޝް ވަނީ ކިހިނެއް؟
ސްކޫލް ދައުރުން ފެށިގެން ކުރެހުމަށް ޝައުގުވެރިކަން ހުންނަ ރިޝް މޭކަޕްގެ ދުނިޔެއަށް ތައާރަފްވީ "އުޒާނީ ސެލޫން" އިން 2014 ވަނަ އަހަރެވެ. ވަޒީފާއަކަށް ރިޝް ފުރަތަމަ ވަނީވެސް އެ ސެލޫންއަށް ބިއުޓީޝަނެއްގެ ގޮތުގައެވެ. އަދި އެތަނުން ތިން މަސް ދުވަހުގެ ތަމްރީނެއްވެސް އޭނާ ވަނީ ފުރިހަމަ ކޮށްފައެވެ. މީގެ އިތުރުން ރިޝް ވަނީ އިންޑިއާ ބަޔަކު މާލެ އައިސް ހިންގި އެއް މަސް ދުވަހުގެ ކޯހެއްވެސް ފުރިހަމަ ކޮށްފައެވެ. ރިޝް ބުނާ ގޮތުގައި އޭނާ އަދި އިސްތަށިގަނޑު ރީތިކޮށްދޭން ހާއްސަ ހެއާ ކޯހެއް ހަދަން ވަރަށް ބޭނުންވެއެވެ.
ގިނަ ބަޔަކަށް ރިޝް އެނގިގެން ދިޔައީ 2019 ވަނަ އަހަރު އޭނާ އަމިއްލައަށް ގޭގައި އެ މަސައްކަތް ކުރަން ފެށި ހިސާބުންނެވެ. ގޭގައި އެ މަސައްކަތް ފެށިގޮތް ކިޔައިދެމުން ރިޝް ބުނީ ދަރިއަކު ލިބުމަށް ފަހު ވެސް ވިސްނައިގެން ހުރީ ސެލޫނަށް ދާން ކަމަށާއި އެހެންނަމަވެސް އެ ވިސްނުން ބަދަލުވީ ކުޑަ ދަރިއަކު ގޮވައިގެން ސެލޫނަށް ގޮސް ވަގުތު ދޭން އުނދަގޫވާނެކަން އެނގޭތީ ކަމަށެވެ.
ގްރެޖުއޭޝަން އަދި ވެޑިންސީޒަންގެ ދުވަސްކޮޅު ރިޝްގެ މޭކަޕް ކުރުމުގެ ތާވަލަށް ބާރުބޮޑުވެފައި ވާއިރު، އޭނާ ހެނދުނު 6 އިން 8 އަށް އަދި މެންދުރު 12 އިން 7:30 އަށް ވެސް ބައެއް ދުވަސް ދުވަހު މަސައްކަތުގައި ހޭދަކުރަން ޖެހެއެވެ. އަދި އެފަދަ ބިޒީ ދުވަސް ދުވަހު އޭނާ 10 ކްލައިންޓުންގެ މޭކަޕް ކުރެއެވެ. އެހެންނޫން ނަމަ އާންމު ގޮތެއްގައި ދެތިން ބްރައިޑްސްގެ މޭކަޕްގެ އިތުރުން 4 ބްރައިޑް މެއިޑުންގެ މޭކަޕް ރިޝް ކުރެއެވެ. ގިނަ ބައެއްގެ މޭކަޕް މިހާތަނަށް ކޮށްފައި ވާ ރިޝް ކައިރިޔަށް ތަކުރާރުކޮށް އެކަކު އެތައް ފަހަރަކު މޭކަޕް ކުރަން އަންނަ ކަމަށް އޭނާ ފާހަގަކުރެއެވެ. އަދި އޭނާ އެންމެ ކުރާ ހިތްވަނީ ބްރައިޑަލްގެ މޭކަޕް ކަމަށް ރިޝް ބުނެއެވެ.
ހެދުން ފަހަންވެސް މޮޅު
މޭކަޕްކުރުމުގެ އިތުރުން ރިޝް އަކީ ފެހުމުގައިވެސް ހުނަރުވެރި ޒުވާނެކެވެ. ސްކޫލުގައި ގްރޭޑް 6 ގައި އުޅުނުއިރު ވެސް ފަހާ ކަމަށާއި ފަހާ ހިތްވަނީ ހޮބީއެއްގެ ގޮތުން ކަމަށްވެސް ރިޝް ބުނެއެވެ. ފެހުމުގެ މަސައްކަތް ފެށިގޮތް ކިޔައިދެމުން އޭނާ ބުނީ މަންމަ ފަހާފޮށި ކައިރިން ދުރަށް ދިއުމުން ރިޝް ގެންގުޅޭ ކުޑަކުޑަ ޑޯލްއަށް ހެދުން ފަހާ ކަމަށާއި އެއީ އެއްވެސް ތަމްރީނެއް ލިބިގެން ކުރަން ފެށި ކަމެއް ނޫން ކަމަށެވެ.
ރިޝްގެ ފެހުމުގެ ހުނަރުތަކުގެ ތެރެއިން އޭނާއަށް އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިީމާއި އޭނާގެ އަންހެނުން ޝިފާ އިބްރާހިމްގެ "ފަތްމިނި" ލަވައިގެ ކޮސްޓިއުމެވެ. 3 ދުވަސް ތެރޭގައި އެ ލަވައިގެ ކޮސްޓިއުމް ޑިޒައިންކޮށް ފަހާފައި ވަނީ ރިޝް އަމިއްލައަށެވެ. އަދި އެ ލަވައިގައި ޝިފާގެ މޭކަޕް ވެސް ކޮށްފައިވަނީ ރިޝްއެވެ.
ފިލްމާއި ލަވަޔާއި ޑްރާމާތަކުގައި ވެސް ރިޝް!
މިހާތަނަށް 3 ލަވައަކާއި ފިލްމެއްގެ އިތުރުން ޑްރާމާއެއްގައި މޭކަޕް އާޓިސްޓެއްގެ ގޮތުގައި ރިޝް މަސައްކަތް ކޮށްފައި ވާއިރު ރިޝް ބުނާ ގޮތުގައި އޭނާއަށް އެ ދާއިރާގެ މީހުންގެ ފަރާތުން ލޯބި ލިބިފައިވާ ކަމަށާއި އެގޮތުން މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ނަން އޭނާ ވަނީ ފާހަގަކޮށްފައެވެ. ނިއުމާގެ އިތުރުން ފިލްމީ ތަރިންގެ ތެރޭގައި ފާތިމަތު ފަރީލާ އަދި ޓިކްޓޮކުން މަޝްހޫރު ވެފައިވާ ތަރި ޗުވީޓް އާޝާގެ މޭކަޕްގެ އިތުރުން ޝަފާ އިބްރާހިމްގެ މޭކަޕް ވެސް އޭނާ ވަނީ ވަރަށް ގިނަ ފަހަރު ކޮށްދީފައެވެ.
ގޮންޖެހުންތަކާއެކު ވެސް ކުރިއަށް
މި މަސައްކަތުގައި އޭނާއަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންވާ ޕްރޮޑަކްޓް ރާއްޖެއިން ނުލިބުމެވެ. އެހެންކަމުން މޭކަޕްކުރަން ބޭނުން ކުރާ ގިނަ ތަކެތި އޭނާ ހޯދަނީ ފިރިމީހާ ރާއްޖެއިން ބޭރަށް ދާ ފަހަރުތަކުގައި ކަމަށް ރިޝް ބުނެއެވެ.
2018 ވަނަ އަހަރު ޒަވާޖީ ހަޔާތެއް ފެށި ރިޝްގެ މިހާރު 2 އަހަރުގެ ދަރިއެއް ހުރެއެވެ. އޭނާ ކައިވެނީގެ ގޮތުން ގުޅިފައިވަނީ ކުޑަފޫޅުގެ ނަމުން އާއްމުންގެ މަގުބޫލުކަން ހޯދައިފައިވާ މަޝްރޫހު ފިލްމީ ތަރި އަދި ޑައިރެކްޓަރު ހުސައިން މުނައްވަރާއެވެ. ރާއްޖޭގައި މީހުން ބަލައިގަންނަ، މީހުންގެ ލޯބި ލިބޭ އަދި ނަން ވިދާލާ ފަދަ އާޓިސްޓަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ ރިޝްގެ މަސައްކަތުގައި އޭނާގެ ކްލައިންޓުންނާއި ފިރިމީހާއާއި މަންމަގެ އިތުރުން އާއިލާ މެންބަރުންގެ އެހީތެރިކަން ލިބޭކަން ފާހަގަކޮށް އޭނާ ވަނީ އެ އެންމެންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
އޭގެ އިތުރުން ރިޝް ވަނީ މޭކަޕްގެ ދާއިރާއަށް ވަދެގެން އައި ދުވަސްވަރު އުޒާނީ ސެލޫންގެ ނާޒި މިސް އަދި ހައްވަ ވެދިން އެހީތެރިކަން ފާހަގަކޮށް އެ މީހުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
މޭކަޕްކުރުމުގެ ދާއިރާގައި 8 ވަނަ އަހަރު ގުނަމުން އަންނަ ރިޝް ވަނީ ރަށްރަށަށް ގޮސް ކައިވެނި ހަފްލާތަކާއި އެހެނިހެން ހާއްސަ ހަފްލާތަކަށް ގިނަ މޭކަޕްތަކެއް ކޮށްދީފައެވެ. އެހެންނަމަވެސް މިހާރު ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން މޭކަޕް ކޮށްދޭން އޭނާ ގޮސް އުޅެނީ މާލެ ކައިރި ރަށްރަށެވެ. ޑިޒައިނަރަކާއި ޕޮޓޯގްރަފަރެއްގެ އިތުރުން މޭކަޕް އާޓިސްޓަކާ އެއްކޮށް މަސައްކަތްކޮށް ކޮލަބްރޭޝަން ފޮޓޯ ޝޫޓްތައް ޖައްސާފައިވާ ރިޝް ބުނީ އެކަމަކީ ވަރަށް ކުރާ ހިތުން ކުރާ ކަމެއް ކަމަށާއި ބައެއް ފަހަރު ބޭނުންވާ ނަތީޖާ ނެރެވެނީ ވަރަށް މަސައްކަތް ކޮށްގެން ކަމަށެވެ.
މޭކަޕްގެ ދާއިރާއަކީ ރަނގަޅު އާމްދަނީއެއް ލިބޭ، މަސައްކަތް ކުރާ ހިތުން ކޮށްފިނަމަ ކުރިއަށް ދެވޭނެ ދާއިރާއެއް ކަމަށާއި ރާއްޖޭގައި އެ ދާއިރާއިން ކުރިއަށް ދިއުމުގެ މަގު ތަނަވަސްވެފައި އޮތް ކަމަށް ރިޝް ބުނެއެވެ. މި ދާއިރާއިން ކޯސް ހިންގުމަށް ގިނަ ބަޔަކު އެދުނު ނަމަވެސް އެކަހަލަ ޕްލޭނެއް އަދި ކުރެވިފައި ނުވާ ކަމަށް ބުނެއެވެ. ނަމަވެސް އޭނާގެ ފަރާތުން މި މަސައްކަތާ ގުޅޭ މައުލޫމާތެއް ހޯދަން މީހަކު އެދިއްޖެ ނަމަ އެ މައުލޫމާތެއް އެ މީހަކަށް ފޯރުކޮށްދޭން އޭނާ ހުރީ ތައްޔާރަށް ކަމަށް ބުނެއެވެ.