ފާއިތުވީ 17 މަސްދުވަހުގެ ތެރޭގައި ނުދާހާ މައްޗަށް، އަވަށްޓެރި އިންޑިއާގެ ބާޒާރުތަކުގައި ތަކެތީގެ އަގު އުފުލިއްޖެއެވެ.

އެގޮތުން މިދިޔަ މާޗް މަހު، އިންޑިއާގެ ބާޒާރުގައި އިންފްލޭޝަން ރޭޓް ވަނީ 6.95 ޕަސެންޓަށް އިތުރުވެފައެވެ. މިއީ އިންޑިއާގެ އިންފްލޭޝަން ރޭޓް މައްޗަށް ދިޔަ، ވިދިވިދިގެން 3 ވަނަ މަހެވެ.

އިންޑިއާއިން މީގެ ކުރިން މިހާ މަތީ މިންވަރެއްގެ އިންފްލޭޝަން ރޭޓެއް ރެކޯޑް ކޮށްފައިވަނީ އޮކްޓޯބަރު 2020 ގައެވެ. އޭރު އިންފްލޭޝަން ހުރީ 7.61 ޕަސެންޓްގައެވެ.

އިންޑިއާގެ އިންފްލޭޝަން ރޭޓަށް ބަލާއިރު ކާބޯޓަކެތީގެ އިންފްލޭޝަން ރޭތް ވަނީ 7.68 ޕަސެންޓަށް އިތުރު ވެފައެވެ. އަދި ރީޓެއިލް އިންފްލޭޝަން ވަނީ 5.52 ޕަސެންޓަށް އިތުރު ވެފައެވެ. އިންފްލޭޝަންގެ ޕްރެޝަރު އެންމެ ބޮޑަށް ފޯރި ދާއިރާތަކުގެ ތެރޭގައި ތެލާއި ފެޓްގެ އުފެއްދުންތަކުގެ ދާއިރާ ހިމެނެއެވެ. މި ދަނޑިވަޅަކީ ދުނިޔޭގެ ބާޒާރަށް އެންމެ ފުޅާ ދާއިރާއެއްގައި ސަންފުލާވާ އޮއިލް އެކްސްޕޯޓް ކުރަމުން ދާ ޔޫކްރައިންގައި ރަޝިއާއިން ވަރުގަދަ ހަނގުރާމައެއް ކުރާ ދަނޑިވަޅެއްކަން ފާހަގަ ކުރަން ޖެހެއެވެ.

ތަރުކާރީގެ އަގުތައް އުފުލިފައި ވާއިރު އެ ގިންތީގެ އިންފްލޭޝަން ރޭޓް ކުރީ 11.64 ޕަސެންޓްގައެވެ. ފެބުރުއަރީ މަހާ އަޅާ ބަލާއިރު މާޗް މަހު، އެއްގަމު މަހާއި ކަނޑުމަހުގެ އަގުތައް ވަނީ 9.63 ޕަސެންޓް އުފުލިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ލުނބޯގެ އަގުވެސް ވަނީ އަތް ނުފޯރާ ހިސާބަށް އުފުލިފައެވެ. އިންޑިއާގައި ލުނބޯ ހެއްދުމަށް ހާއްސަ ސަރަހައްދުތައް ކަމުގައި ވާ ގުޖުރާތު، މަހާރާޝްތުރާ އަދި އަންދްރަޕްރަދޭޝްއާށް އާދަޔާ ހިލާފަށް ހޫނު ގަދަވެ، ދަނޑުބިންތައް ހަލާކުވުމަކީ ލުނބޯގެ އަގު އުފުލުމުގެ ސަބަބެއް ކަމުގައި ބުނެވިދާނެއެވެ. އިންޑިއާގެ ބާޒާރުތަކުގައި ލުނބޯ ކިލޯއެއްގެ އަގު 300 ރުޕީޒްއަށް ވުރެވެސް މައްޗަށް އަރާފައިވެއެވެ.

މީގެ އިތުރުން އިންޑިއާގައި ދަތުރުފަތުރުގެ އަގުތައްވެސް އުފުލެމުން ދިއުމުގެ ނަތީޖާ، އެއްތަނުން އަނެއް ތަނަށް ތަރުކާރީ އުފުލުމުގެ ދާއިރާއަށްވެސް ފޯރާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.