ބީއެމްއެލްގެ ކްރެޑިޓް ކާޑުން ކުރާ ކޮންމެ ވިޔަފާރިއަކަށް ޕޮއިންޓް ލިބޭ ގޮތަށް ބޭންކުން ތައާރަފްކުރި ރިވާޑްސް ޕްރޮގްރާމަށް އަލަށް ރަޖިސްޓްރީކުރާ ކޮންމެ ކަސްޓަމަރަކަށް 10،000 ޕޮއިންޓް ލިބޭ ޕްރޮމޯޝަނުގެ މުއްދަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ 'ބީއެމްއެލް ރިވާޑްސް' ޕްރޮގްރާމްގެ ދަށުން ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ލިބޭ ޕޮއިންޓް ބޭނުންކޮށްގެން އެއާލައިނުން ޓިކެޓު ނެގުމާއި ހޮޓެލް ބުކް ކުރުމާއި ކާރު ކުއްޔަށް ނެގުމާއި މަޝްހޫރު ބްރޭންޑްތަކުގެ ގިފްޓްކާޑު ވެސް ގަނެވޭނެ ކަމަށެވެ.

މި ގޮތުން އެމޭޒަން، އެޕްސްޓޯ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ މަގުބޫލު ބްރޭންޑްތަކުގެ ގިފްޓް ކާޑު ގަތުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ރިވާޑްސް ޕްރޮގްރާމާ ގުޅޭ މައުލޫމާތު އަޅުގަނޑުމެން މިދަނީ އީމެއިލް މެދުވެރިކޮށް ފޮނުވަމުން. ބީއެމްއެލް އިން ދޫކޮށްފައިވާ ކޮންމެ ކްރެޑިޓް ކާޑެއް ބޭނުންކުރައްވާ ކަސްޓަމަރަކަށް ވެސް މި ޕްރޮގްރާމުގައި ވަރަށް ފަސޭހައިން ރަޖިސްޓްރީ ކުރެއްވޭނެ.
ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު

ބީއެމްއެލް އިން ބުނީ، މި ލިންކް މެދުވެރިކޮށް ކޮންމެ ކްރެޑިޓް ކާޑު ކަސްޓަމަރަކަށް ވެސް ރަޖިސްޓްރީކޮށްލެވޭނެ ކަމަށެވެ.

ބީއެމްއެލް ރިވާޑްސް އަކީ ދުނިޔޭގެ 55 ގައުމެއްގައި ލޯޔަލްޓީ ޕްރޮގްރާމް ހިންގާ "ގިފްޓް" އާ ގުޅިގެން ހިންގާ ޕްރޮގްރާމެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ. މިއީ ރާއްޖޭގައި ތައާރަފުކުރި މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.