ކިންގް ސަލްމާން މިސްކިތުގައި ދީނީ ދަރުހެއް ބާއްވަން ޕީޕީއެމް އަށް ހުއްދަ ނުދީ އަދާލަތު ޕާޓީއަށް އެ ހުއްދަ ދިނުމުން މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ރ. މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރެވެ.
އެ މައްސަލާގައި ބުނެފައިވަނީ މި ރޯދަ މަހު މިސްކިތްތަކުގައި ދަރުސް ދިނުމުގެ ހުއްދަ ސިޔާސީ ޕާޓީތަކަށް ދޫކުރާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވި ކަމަށް ރާއްޖޭގެ ނޫސްތަކުގައި އާންމުކުރުމާ ގުޅިގެން، ޕީޕީއެމްގެ ފަރާތުން ސަލްމާން މިސްކިތުގައި ދަރުހެއް ބޭއްވުމުގެ ހުއްދަ އަށް އެދި މި މަހުގެ ހަވަނަ ދުވަހު ސިޓީއެއް ފޮނުވާފައި ވާނެ ކަމަށެވެ.
އެ ސިޓީއާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ ލޯގޯ ޖަހައިގެން ދަރުސް ދިނުމުގެ ހުއްދަ ނުދިނުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ފޯނުން އެންގެވި ކަމަށާއި އެހެންނަމަވެސް މި މަހުގެ އަށްވަނަ ދުވަހުގެރޭ އަދާލަތު ޕާޓީން ޝަހީދު އަލީ މިސްކިތުގައި އެ ޕާޓީގެ ލޯގޯ ޖަހައިގެން ދަރުހެއް ބާއްވާފައިވާ ކަމަށް ވެސް އެ ހުށައެޅުމުގައި ވަނީ ބުނެފައެވެ.
އެ މައްސަލާގައި ވަނީ ޕީޕީއެމުން ފޮނުވި ސިޓީއަށް މިއަދާ ހަމައަށް ވެސް ޖަވާބު ދީފައި ނުވާތީ އާއި ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅެނީ ކީއްވެގެންތޯ އާއި ދީނީ ދަރުސް ދިނުމަށް މިސްކިތްތައް ދޫކުރާ އުސޫލެއް ކަނޑައަޅާފައިވޭތޯ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބަލައިދިނުމަށް އެދިފައެވެ.
ޕީޕީއެމް މިހާރު އެއީ ދީނީ ޕާޓީ އެއްތަ