އެމެރިކާގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުގެ ބިރާއެކު، ޗައިނާއިން ހިންގާ ނިއުކްލިއާ ހަތިޔާރުގެ މަޝްރޫއުގެ ދުވެލި، އެ ގައުމުގެ ސަރުކާރުން ހަލުވި ކޮށްފައި ވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި ޗައިނާއިން އެ ގައުމުގެ ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން އިތުރަށް ގަދަ ކުރަން ފަށާފައި ވަނީ، ރަޝިއާއިން ޔޫކްރައިންގައި ހަނގުރާމައިގެ ތެރެއަށް، ޗައިނާގެ ރައީސް ޝީ ޖީންޕިންގް ވަނުމަށް އެމެރިކާ ސަރުކާރުގައި އޮތް ދެކޮޅުވެރިކަމެއްގެ ސަބަބުންނެވެ.

ކަން މިހެން އޮތް އިރު، 2021 ވަނަ އަހަރު ނިމެން ދަނިކޮށް، އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ވަނީ، ޗައިނާގެ ނިއުކްލިއާ ބާރުވެރިކަން ޒަމާނީކޮށް، ސިންދަފާތު ކުރުމުގެ އިތުރުން، އަދިވެސް އިތުރަށް ފުޅާ ކުރުމަށް، ޗައިނާގެ ސަރުކާރުން އަމާޒު ހިފާފައި ވާ ކަން ފާހަގަ ކޮށްފައެވެ.

އެގޮތުން ޗައިނާއިން ފުޅާ ކުރަމުންދާ ނއުކްލިއާ ހަތިޔާރުގެ ބާރުވެރިކަމާ އެކަށީގެންވާ މިންވަރަށް އުމްރާނީ ގޮތުން ގެންނަން ޖެހޭ ތަރައްގީތައް ގެންނަމުން ދާ ކަމަށް ވެސް ޕެންޓަގަންގެ ރިޕޯޓްގައި ފާހަގަކޮށްފައި އޮތެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމެރިކާގައި ހުރި ނިއުކްލިއާ ވޯހެޑްތަކުގެ އަދަދު 3750 އަށް އަރައެވެ. ނަމަވެސް ޗައިނާގައި ހުރި ނިއުކްލިއާ ވޯހެޑްތަތަކުގެ އަދަދު ކަށަވަރެއް ނުވެއެވެ. ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަމަށް ބަލާއިރު އެންމެ ކުރީގައި އޮތީ ރަޝިއާއާއި އެމެރިކާއެވެ. ރަޝިއާއިން ޔޫކްރައިންގައި މިހާރު ކުރަމުންދާ ހަނގުރާމައާއެކު ދުނިޔޭގައި ނިއުކްލިއާ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ، އިންތިހާއަށް ބޮޑުވެފައެވެ.