އަލީ އިނާން ސައީދު، އައްޔުގެ އަޑަކީ މިހާރު ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އަޑެކޭ ބުނުމަކުން ދޮގަކަށް ނުވާނެވެ. މާލެއަށް އުފަން، އުމުރުން 22 އަހަރުގެ އައްޔު އަކީ އޭނާގެ އަޑުން އެތައް ބައެއްގެ ހިތްތައް ކަތިލާފައިވާ ފަންނާނެކެވެ. އެހާ ވެސް ލަވަ ކިޔުން ފުރިހަމައެވެ.

މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަންއިން ލަވަ ކިޔާފައިވާ އައްޔު އެ ޝޯ އިން ވަކިވެގެން ދިޔައީ ތިއޭޓާ ރައުންޑާ ހިސާބުންނެވެ. ނަމަވެސް މިއީ ނިމުމެއް ނޫނެވެ. އެއީ އަދި ފެށުމެވެ. އޭރު ވެސް ގިނަ ބަޔަކަށް އޭނާގެ އަޑު ކަމުދިޔައިރު ލިބެމުން ދިޔައީ ވެސް ޕޮޒިޓިވް ކޮމެންޓެވެ.

އަލީ އިނާން ސައީދު (އައްޔު)

އައިޑަލްގެ ދަތުރަށްފަހު އޭނާ ދެން ގުޅުނީ ގުރަހަލި ބޮޑުބެރު ގްރޫޕާއެވެ. އެއަށްފަހު އޭނާ ވަނީ "ޓްރައިބް" ބޭންޑަށް ޖޮއިން ކޮށްފައެވެ.

މިހާރު ގިނަ ބައެއްގެ ހިތްތައް އަތުލާފައިވާ އައްޔު، މިހާތަނަށް ފަސް ލަވައެއް ވަނީ ކިޔާފައެވެ. މި ފަސް ލަވަ ވެސް ގިނަ ބަޔަކަށް ކަމުގޮސްފައި ވާއިރު އޭނާ ކިޔި ލަވަތަކުގެ ތެރޭގައި "ލޯބިވާޔާ ނުލާ"، "ބީވެދާނެބާ"، "ތީ ލޯބި ޖަވާހިރެކޭ" އަދި "އޭ މިރޭ" ފާހަގަ ކޮށްލެވޭ އިރު އައްޔު ބުނިގޮތުގައި މިހާތަނަށް އޭނާއަށް ކިޔި ލަވަތަކުގެ ތެރެއިން އެންމެ ހިތްހަމަޖެހޭ ލަވައަކީ "ތީ ލޯބި ޖަވާހިރެކޭ" އެވެ.
https://www.youtube.com/watch?v=5p63EXmuBaQ

މި ލަވައެއް އޭނާ އެންމެ ފުރަތަމަ ލީ އިންސްޓަގްރާމް ސްޓޯރީއަށެވެ. މި އޯޑިއޯކޮޅަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، ސަޕޯޓަރުންގެ އެދުމުގެ މަތިން އެލަވައިގެ ފުލް އޯޑިއޯ ވާޝަން ވަނީ އެހުންތެރިންނަށް ދޫކޮށްލާފައެވެ. މިލަވަ ވެގެންދިޔައީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް މަގުބޫލު ވެގެން ދިޔަ ލަވައަކަށެވެ. މިގޮތުން ޓިކްޓޮކްއާއި އެކި އެކި ކައިވެނި ހަފްލާތަކުގައި ވެސް އެ ލަވައިގެ ކަޑިތައް އަޑު އިވޭލެއް ގިނަވާން ފެށިއެވެ.

"އެންމެ ލަވަކިޔަން ބޭނުން ވަނީ ރާފިޔަތާއެކު"

ކޮންމެ މީހަކީ ވެސް މަޝްހޫރު ފަންނާނުންނާއެކު ލަވައެއް ކިޔާލަން ބޭނުންވާނެ ބައެއްކަން ޔަގީނެވެ. މިގޮތުން އައްޔު ވެސް އެކުގައި ލަވައެއް ކިޔާލަން ބޭނުންވާ ބައެއް ފަންނާނުން އެބަހުއްޓެވެ. މިގޮތުން ރާއްޖެއިން އޭނާ އެންމެ ލަވަކިޔަން ބޭނުންވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާއާއެކު ކަމަށް އައްޔު ބުނެއެވެ.

ބޮލީވުޑުގެ ލަވަތައް ކިޔާ ފަންނާނުންގެ ތެރެއިން އައްޔު ލަވައެއް ކިޔާލަން ބޭނުންވަނީ އަރްޖިތު ސިންގް އާއެކު ގައެވެ. އިނގިރޭސީ ލަވަކިޔުން ތެރިންނާއެކު ވެސް ލަވަކިޔަން ބޭނުންވާ އައްޔުއަށް މިފަންނާނުންނާއެކު ލަވައެއް ކިޔާލަން ލިބުމަކީ އޭނާގެ ސަޕޯޓަރުންގެ އެންމެ ބޮޑު އެއް އެދުމޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

މިވާހަކަތައް ދައްކާއިރު ސަޕޯޓަރުންގެ ހިތުގައި މިހާރު އުފެދޭނެ އެއް ސުވާލަކީ ފިލްމަކުން ފެންނާނެ ތޯ ކަން ޔަގީނެވެ. މި ސުވާލަށް އައްޔު ބުނަނީ ފިލްމީ ދާއިރާއިން ނުފެންނާނެ ކަމަށެވެ. ނަމަވެސް ފިލްމުތަކަށް ލަވަ ކިޔާދޭނެ ކަމަށް އޭނާ ބުނެއެވެ.

ސައުންޑްކުލައުޑުގައި އައްޔުގެ

އައްޔު ކައްކަން ވެސް މޮޅު!

ލަވަކިޔުމުގެ އިތުރުން އައްޔު އަކީ ތަފާތު ވައްތަރު ވައްތަރުގެ އެއްޗެހި ކައްކަންވެސް މޮޅު މީހެކެވެ. އައްޔު ބުނިގޮތުގައި އޭނާއަށް ގާތްގަނޑަކަށް ހުރިހާ އެއްޗެއްވެސް ކައްކަން އިނގެއެވެ.

ކާން އެންމެ މީރު އެއްޗެއް ބުނާކަށް ނޭންގޭ، ކައްކާ އުޅޭން ހަމަ، ގާތްގަނޑަކަށް ހުރިހާ އެއްޗެއް ވެސް ކައްކަން އިނގޭނެ
އައްޔު

އައްޔުގެ ލޯބީގެ ހަލާޔައް ބަލާއިރު އަންހެން ބައެއް ސަޕޯޓަރުންނަށް އޮތީ ހިތާމަވެރި ހަބަރެކެވެ. އެއީ އައްޔު ސިންގަލްއެއް ނޫނެވެ. ނަމަވެސް ކައިވެނި ކުރާނެ ދުވަހެއް އަދި ބުނަން ނޭންގޭ ކަމަށް އޭނާ ބުނެއެވެ.

އަންހެން ކުއްޖެއްގެ ގައިގައި އެންމެ ހުންނަން ބޭނުންވާ ސިފަތަކަށް ބަލާއިރު އައްޔު އަށް "މަޑުމައިތިރި" އަދި "ލަދުރަކި" ކުދިން ވަރަށް ކަމުދާކަމަށް އޭނާ ބުނެއެވެ.

ލަވަކިޔުމުގެ އިތުރުން އައްޔުއަކީ ފުޓްބޯޅަ ކުޅެން ވެސް ޝައުގުވެރިކަން ހުންނަ މީހެކެވެ. އޭނާ ބުނިގޮތުގައި ކުރި ވަރަށް ގިނައިން އޭނާ ފުޓުބޯޅަ ކުޅެއުޅެއެވެ. ނަމަވެސް ފުޓުބޯޅަ ކުޅެން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާއެއް ސަބަބުން އެކަން ހުއްޓާލީ ކަމަށް އޭނާ ބުނެއެވެ.އައްޔު މިހާރު އަންނަނީ އަމިއްލަ ރާގުގެ އަލްބަމެއް ނެރުނުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ އައްޔު އެންމެ ދެކެން ބޭނުންވާ ދުވަސް ވެސް މެއެވެ. އަދި އައްޔު ގަބޫލު ކުރާގޮތުގައި މިއީ މިދާއިރާގައި އޭނާއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ވެސް މެއެވެ.

އައްޔު މަދަހަ ކިޔާ ވެސް އުޅެއެވެ. އޭނާ ބުނގޮތުގައި ވަރަށް އަވަސް މުސްތަގުބަލެއްގައި އޭނާގެ މަދަހައެއް ފެންނާނެ ކަމަށެވެ.

އައްޔު ބުނިގޮތުގައި މިދާއިރާއިން އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ލަވަކިޔުންތެރިިޔާ ޔާމިން ރަޝީދުގެ ފަރާތުންނެވެ.ލަވަކިޔުމުގައި އައްޔު އެންމެ ދާން ބޭނުންވާ ހިސާބަށް ބަލާއިރުު އޭނާ އެންމެ ބޭނުންވަނީ އެންމެން ވެސް ބަލައިގަންނަ، މި ދާއިރާގައި އެންމެން ވެސް ލޯބިކުރާ މީހަކަށް ވުމެވެ.