އެމްޑީޕީގެ މެނިފެސްޓޯގައި މި ސަރުކާރު ނުކުތީ މަސްވެރިންނަށް ގިނަ ކަންކަން ކޮށްދޭނެ ކަމަށް ވައުދުވެގެން ކަމަށާއި، އެ ވައުދުތައް ފުއްދައި ދިނުމަށް އެމްޑީޕީގެ ނޫއިގްތިސޯދު ބިނާ ކުރުމަށް މެނިފެސްޓޯގެ މަގަށް ރުޖޫއަވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރޭގެ ވަގުތެއްގައި ވަރަށް ގިނަ މަސްވެރިން ފޯނުން ގުޅައި ވަރަށް ގިނަ ޝަކުވާތައް އުފުލި ކަމަށެވެ. އެއީ މަސްވެރިން ބޭނި މަސް ނުކިރި އެތައް ތަކުލީފެއްގައި އުޅެން ޖެހުމުން ކުރާ ހައްގު ޝަކުވާއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
މަސްވެރިން ތަކުރާރުކޮށް ފާހަގަ ކުރާ އެއް ނުކުތާއަށް އަލިއަޅުވައި ލައްވަމުން ނަޝީދު ވިދާޅުވީ، އެ މަސްވެރިން އިޝާރާތް ކުރަނީ 2018 ވަނައަ އަހަރުގެ އެމްޑީޕީ މެނިފެސްޓޯގައި ހުށަހަޅާފައިވާ ތަސައްވުރު ބަލައިގަނެ އަދި އެމީހުން އެހެން މަސްވެރިން ގާތު އެވާހަކަތައް ދައްކާ، އޭގެ ސަބަބުން އެމްޑީޕީއަށް ވޯޓް ދިން މިންވަރުގެ ވާހަކަ ކަމަށެވެ.
އަހަރު ދެކޮޅު ރާއްޖޭގައި މަސްވެރިކަން ރަނގަޅުވާ ކަމަށާއި މަސްވެރިކަން ރަގަޅު މޫސުން އަންނަ ކޮންމެ ފަހަރަކު ބާނާ މަސްގިނަވެ އެއަށް ހަދާނެ ގޮތް އޮންނަނީ ހުސްވެފައި ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. އެމްޑީޕީން ކޮންމެ އިންތިހާބަކަށް ނުކުންނަ ކޮންމެ މެނިފެސްޓޯއެއްގައި ވެސް މަސްވެރިން ބާނާ މަސް ގަނެވި އަދި އެއަށް ހަމަ އަގު ލިބޭނޭ ގޮތްތައް ރައްޔިތުންނަށް ހުށަހަޅާ އިރު، މަހުގެ ހަމަ އަގު ހޯދުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލާ ތަންފީޒު ކޮށްދޭނެ ކަމަށް ވައުދު ވި ނަމަވެސް 2018 ވަނަ އަހަރުގެ މުޅި މެނިފެސްޓޯ ވެސް ވަރަށް ބޮޑު ދަރަޖައަކަށް އެކުލަވާ ލެވުނީ ކަނޑުގެ ރޯދި ހޯދުމުގެ ހުށަހެޅުމެއްގެ ގޮތުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތުގައ ސަރުކާރުން ބައިވެރިވާ މިންވަރު ކުޑަ ކުރުމަށް ތައްޔާރު ކުރި މެނިފެސްޓޯގައި ހިމެނޭ "ގޭދޮށު މަސް ޕްލާންޓް" ގެ ސިޔާސަތު ހިލާފަށް ކަންކަން ކުރިއަށް ގެންދާ ކަމަށް އެ މަނިކުފާނު ތުހުމަތު ކުރެއްވިއެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކުން ބޮޑުތި މަސްފިނިކުރާ ގުދަންތަކާއި މަސްބަންދުކުރާ ކާރުހާނާތައް ހައްދައިގެން މަސްވެރިކަމުގެ ސިނާއަތްކުރިއަށް ގެންދެވެން ނެތްކަން ވަރަށް ބޮޑަށް ސާފުވަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ
އެހެންކަމުން އެމްޑީޕީ މެނިފެސްޓޯގެ މަގަށް ރުޖޫއަވުމަށާއި ވީވައުދު ފުއްދުމަށް މަސައްކަތް ކުރުމަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ. ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި ބޮޑުކޮށް ކާރުހާނާތަކުގެ ޖާގަ ބޮޑު ކުރުން ހުއްޓާލުމަށާއި ކުދި މަސްފެކްޓަރީތައް ހެދުން އަވަސް ކުރުމަށް ނަޝީދު ގޮވާލެއްވިއެވެ.
ރައްޖޭގެ މަސްވެރިކަމުގެ ސިނާއަތް އަބަދުވެސް އޮންނަނީ ދައުލަތުގެ ކޮންޓްރޯލް" ގައި ކަމަށް ވިދާޅުވެ ރައީސް ނަޝީދު މަހުގެ އަގަށް ގެނެސްފަިއވާ ބަދަލުތަކާ ގުލޭ ގޮތުންވެސް ވާހަކަ ދެއްކެވިއެވެ. އެގޮތުން ރޯމަސް ގަތުމުގެ ހުއްދަ އާންމު ފަރާތްތަކަށް ދޫކުރަން ފެއްޓީ 2003 ވަނަ އަހަރުތެރޭ ކަމަށާއި 2008 ވަނަ އަހަރުގެ އެމްޑީޕީ ސަރުކާރުން މިކަން އިތުރަށް ފުޅާކުރި ކަމަށް ނަޝީދު ވިދާޅުވިއެވެ. އެ ދުވަސް ވަރު މަސް ގަންނަ އަމިއްލަ ކުންފުނިތައް ގިނަވެ، މަހުގެ އަގު އުފުލުނު ކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެއަށްފަހު 2012 ވަނަ އަހަރު އެމްޑީޕީ ސަރުކާރު ވައްޓާލުމަށް ފަހުގައި އެންމެ ފުރަތަމަ ގެނެވުނު އެއް ބަދަލަކީ މަސްވެރިކަމުގެ ސިޔާސަތައް ގެނެވުނު ބަދަލު ކަަމަށާއި ނަތީޖާއެއްގެ ގޮތުން މަހުގެ އަގު އިންތިހާއަށް ދަށްވެގެން ދިޔަ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މަސްވެރިންނަށް ވީ ވައުދު ފުއްދައި ނުދޭ ކަމަށް ބުނެ ދޭތެރެ ދޭތެރއިުން މަސްވެރިން އިހުތިޖާޛު ކުރަމުން އަންނަ ތަން ފެނެއެވެ. އެ ގޮތުން އެންމެ ފަހުން މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ބޮޑު ކަންނެލީގެ މަސްވެރިން ވަނީ ކަނޑުމަތީގައި އިހުތިޖާޖެއް ކޮށްފައެވެ. އެ އިހުތިޖާޖުގައި މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި ވަނީ ބޮޑު ކަންނެލި ގަތުމުގައި އެންމެ ކުޑަ އަގު ކަނޑަނާޅާ އޮތުމެވެ.