ރާއްޖޭގެ އާންމު ހާލަތު ރަނގަޅު ކުރުމަށް އިންޑިއާއިން ހިންގާ އެހީގެ ޕްރޮގްރާމް، "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" (އެޗްއައިސީޑީޕީ) ގެ އެހީގެ ދަށުން އާ ހަތް މަޝްރޫއަކަށް ފަންޑުކުރަން ނިންމާފައިވާކަން މިއަދު އިއުލާން ކޮށްފިއެވެ.

މި މަޝްރޫއުތަށް ކުރިއަށް ގެންދަން ނިންމެވީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރު މިދިޔަ މަހު ރާއްޖެއަށް ކުރެއްވި ދަތުރުގައެވެ.

އިންޑިއާގެ ހައި ކޮމިޝަނުން ބުނީ މި މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ 7 އަތޮޅަަކަށް ބަހާލައިގެންނެވެ. ސިއްހީ ހިދުމަތާއި، ޒުވާނުން ކުރިއެރުވުމާއި ތަރިކަ ދިރުވައި އާލާކުރުމުގެ ދާއިރާއިން ހިންގާ މި މަޝްރޫއުތަކަށް 27 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެ ކަމަށް އިންޑިއާއިން އަންދާޒާ ކުރެއެވެ. އެ މަޝްރޫއުތަކަކީ:

  • ކުޅުދުއްފުށީ ހޮސްޕިޓަލުގައި އޯޑިއޮލޮޖީ ޔުނިޓް
  • ނ. ނިލަންދޫ މާބުދުގެ އާއި ތ. ދިޔަމިގިލި ގަނޑުވަރުގައި ސައިޓް މިއުޒިއަމްތަށް
  • ނ. މަނަދޫގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް
  • ހުޅުމާލެ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް ފެސިލިޓީ
  • އދ. ދިއްގަރުގައި ޒުވާނުންގެ މަރުކަޒު
  • ގއ. ގެމަނަފުށީގައި ޒުވާނުންގެ މަރުކަޒު
  • އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތް ޔުނިޓް

މިއާއެކު އެޗްއައިސީޑީޕީ އިން ރާއްޖެގައި ހިންގާ މަޝްރޫއުތަކުގެ އަދަދު 27 އަށް އަރައެވެ. މީގެ ތެރޭގައި ހިމެނޭ ދެ މަޝްރޫއުއެއް އިފްތިތާހު ކޮށްދެއްވީ ވެސް ޑރ. ޖައިޝަންކަރު ކުރެއްވި ދަތުރުގައެވެ. އެއީ އައްޑޫގައި ހެދި "ވިލުނު" ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރާއި އައްޑޫ މީދޫގައި ގާއިމުކުރާ އިކޯ ޓޫރިޒަމް ޒޯނެވެ.

ރާއްޖޭގައި ހިންގާ އެޗްއައިސީޑީޕީ މަޝްރޫއުތަކަށް 155 މިލިއަން ދިވެހި ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫއުތައް ފަރުމާ ކުރަނީ އެރަށެއްގެ ބޭނުންތަކަށް ބަލާފައި ކަމަށް ހައިކޮމިޝަނުން ބުނެއެވެ.

މީގެ ތެރެއިން ގިނަ މަޝްރޫއުތައް ހިންގާނީ ލޯކަލް ކައުންސިލްތަކުންނެވެ. އެޗްއައިސީޑީޕީ ގެ ދަށުން ހިންގާ މަޝްރޫއުތަކުގެ އިތުރުން އިންޑިއާގެ ފަރާތުން ފޯރުކޮށްދޭ 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ދަށުން އިތުރު 18 މަޝްރޫއެއް ހިންގަން ހަމަޖެހިފައި ވާއިރު އޭގެތެރެއިން، 15 މަޝްރޫއުއެއް ވަނީ މިހާރު ނިންމާ އިފްތިތާހު ކޮށްފައެވެ.