ސާނަވީ ތައުލީމު ނިމުމުން ކޮންމެ މީހަކުވެސް އެ މީހަކު ކުރިއަށްދާނެ ދާއިރާއެއް ކަނޑައަޅާ އެ ދާއިރާއަކުން ކުރިއަށްދާން މަސައްކަތްކުރެއެވެ. ހުވަފެންތައް ހަގީގަތަކަށް ހަދަން ރެޔާ ދުވާލުގެ ނިދިނަގާލާ ކިޔަވައެވެ. އެހެންނަމަވެސް އޭގެ ތެރެއިން ބައެއް ކުދިންނަކީ ބޭނުންވާ ދާއިރާއަކުން ކިޔެވުމަށްފަހު ވެސް އެ ދާއިރާއިން ލިބުނު ތަޖުރިބާއާއެކު ދާއިރާއިން އެއްފަރާތަށް ޖެހި އަމިއްލަ އުފެއްދުންތެރި މަސައްކަތެއްކޮށް ކުރިއަރަން ބޭނުންވާ ކުދިންނެވެ. ފަހަރެއްގައި ވެސް ކިޔެވުނު އެއްޗެއްސާއި ދާއިރާ ކަމުނުގޮސް ގެންނެއް ނޫނެވެ. އަމިއްލަ އުފެއްދުންތެރި މަސައްކަތެއް ކޮށްގެން ކުރިއަށްދާ ހިތުންނެވެ.

އެތައް ތައުލީމީ ދަރިންނާއި ގައުމު ފަހުރުވެރިވާ ފަދަ ގިނަ ހިދުމަތްތެރިން ތަކެއް އެ ރަށަކަށް އުފަން ކުޅުދުއްފުށީ ސިޓީގެ، އުމުރުން 23 އަހަރުގެ އިނާޔަތު މުހައްމަދު (އިނާ) އަކީވެސް އޭނާ ކިޔެވި ޝަރުއީ ދާއިރާއިން އެއްފަރާތް ވެ، ކޭކު އެޅުމުގައި އެހެން ހަރުފަތަކަށް ދިއުމަށް ކަމަރު ބަނދެލައިގެން ހުރި ޒުވާނެކެވެ. "ޝުގާ ބޮކްސް ބައި އިނާ"ގެ ނަމުގައި އިންސްޓާގްރާމުގައި އޭނާގެ ބޭކިންގެ އިތުރުން އިތުރު ހުނަރުތައްވެސް އަންނަނީ ދައްކަމުންނެވެ.

އިނާ އަޅާފައިވާ ކޭކުތަކެއް

ތައުލީމީ ހަޔާތާއި ޝަރުއީ ދާއިރާ:

ކުޅުދުއްފުށިން އިނާގެ ސާނަވީ ތައުލީމު ނިންމާލީ ނޭޝަނަލް ޓޮޕް 10 ގެ 8 ވަނަގައި ހިމެނި، ރަނގަޅު ނަތީޖާއަކުގައެވެ. އެއަށްފަހު ގާނޫނީ ވަކީލަކަށްވުމުގެ ފުރިހަމަ އަޒުމާ، އުންމީދުގައި އިނާ މާލެ އައިސް ބެޗްލާސް އޮފް ޝަރީއާ އެންޑް ލޯއިން ކިޔަވަން ފެށިއެވެ. ކިޔަވަމުން އިނާ މާލޭގެ ކޯޓެއްގައި ވަޒީފާ އަދާކުރިއިރު އޭނާވަނީ 3 އަހަރަށް ވުރެ ގިނަ ދުވަސްތަކެއް ވަންދެންވެސް އެތާ މަސައްކަތް ކޮށްފައެވެ. އަދި އޮފީސް މާހައުލަކީ މާ ކަމުދާ މާހައުލަކަށް އިނާއަކަށް ނުވުމުން އުފެއްދުންތެރި ދާއިރާއަކުން ކުރިއަށްދާން ހުރި ޝައުގާއެކު އޭނާ ކޭކު އަޅަން ފެށި ކަމަށް ވެސް އިނާ ކިޔައިދިނެވެ.

"އެކަމަކު ވަކި ހިސާބަކުން އެނގިއްޖެ މީ އެންމެ ކުރަން ބޭނުންވާ ކަމެއް ނޫންކަން ތަން ކޮޅެއް ކްރިއޭޓިވް ފީލްޑެއްގަކަން އުޅެން ބޭނުން ވަނީ.. އެހެންވެ އަސްލު މައިންޑް ޗޭންޖްވީ އަދިވެސް ވަކި ހިސާބަކުން މޭބީ އައިވިލް ގޯ ބެކް ޓު އިޓް. ފުލް ޓައިމްކޮށް ނޫނަސް ލޯ އާ ބެހޭ ކޮންމެވެސް ކަމެއް ކޮށްލެވިދާނެ އެކަމު ޕުލް ޓައިމްކޮށް ދެން އެކަމަށް ދާކަށް ބޭނުމެއް ނޫން"
އިނާ
އިނާ އަޅާފައިވާ ކޭކުތަކެއް

އިނާ ބުނީ ޝަރުއީ ދާއިރާއިން ކިޔަވުމާއި ކޯޓުގައި ވަޒީފާއަދާކުރެވުނީތީ އޭނާ އެއްވެސް ވަރަކަށް ދެރަވެ ހިތާމަ ނުކުރާ ކަމަށާއި އެ ދާއިރާއިން ވަރަށް ބައިވަރު އެއްޗެހި ދަސްވި ކަމަށެވެ. އެގޮތުން މީހުންގެ ތެރޭގައި އުޅޭނެ ގޮތާއި މުއާމަލާތްކުރާނެ ގޮތް ދަސްވި ކަަމަށާއި އެކަންކަން ދަސްވީ އިނާގެ ބޮސްގެ ފަރާތުން ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން ބޮސް އާ އެކުގައި އޮފީހުގައި އުޅުނު މީހުން ވަރަށް ހިތްވަރު ދިން ކަންވެސް އިނާ ފާހަގަކުރެއެވެ. އިނާ ޝަރުއީ ދާއިރާއިން އެއްފަރާތަކަށް ޖެހިފައި ހުރި ނަމަވެސް ޕާޓް ޓައިމްކޮށް އަދިވެސް އެ ދާއިރާގެ މަސައްކަތެއް ކުރެވިދާނެ ކަމަށާއި އެހެންނަމަވެސް ފުލް ޓައިމްކޮށް ދެން އެ މަސައްކަތުގައި އުޅެން ބޭނުން ނުވާ ކަމަށް ވެސް ބުނެފައެވެ.

އިނާ އަޅާފައިވާ ކޭކުތަކެއް

ކޭކު އެޅުމާއި އިތުރު ހުނަރުތައް:

އޮފީސް މާހައުލުން ނިކުމެ، މާލެއާ ދުރަށް ދާން ބޭނުންވެ، އިނާ ރަށަށް ބަދަލުވާން ފުރަތަމަ ނިންމީ ކޭކު އެޅުމުގެ އެއްވެސް ނިޔަތެއް އޮވެގެންނެއް ނޫނެވެ. ކުޑައިރުންސުރެ ކޭކު އެޅުމަށް ޝައުގުވެރިކަން ހުންނަ އިނާ ބުނާ ގޮތުގައި އޭނާ އެންމެ ފުރަތަމަ ކޭކެއް އެޅީ އުމުރުން 13 އަހަރުގައި ކަމަށެވެ. އަދި ރަށަށް ބަދަލުވެ ގޭގައި ހުރެ ކޭކު އެޅުމުގެ ވިސްނުން އައިސް އެކަމަށް ތައްޔާރުވެ ރަށަށް ބަދަލުވީ މީގެ އަހަރެއްހާ ދުވަސްކުރިންނެވެ.

މިވީ އަހަރެއްހާ ދުވަސް ތެރޭގައި ފާހަގަކޮށްލެވޭ ގިނަ މަސައްކަތެއް އިނާ ކޮށްފައި ވާއިރު އޭނާ އެކި ފްލޭވާތަކަށް ކޭކާއި ކަޕްކޭކް، ބްރައުނީސް، ޑޯނަޓްގެ އިތުރުން ކުކީސްވެސް ހަދައެވެ. ދުވާލަކު 8 ގަޑިއިރާ 12 ގަޑިއިރުގެ ވަގުތެއް އިނާ އެ މަސައްކަތުގައި ހޭދަކުރާ އިރު ހާއްސަކޮށް ފާހަގަކުރާ ކޮންމެ ދުވަހަކީ އިނާއަށް ވަރަށް ހާއްސަ ދުވަހަކަށް ވަނީވެފައެވެ. އެގޮތުން މަންމަމެންގެ ދުވަސް، ޓީޗަރުންގެ ދުވަސް ކަހަލަ ކޮންމެ ހާއްސަ ދުވަހަކީ އިނާއަށް ހާއްސަ ދުވަހަކަށް ވަނީ ވެފައެވެ.

މިހާތަނަށް ކޭކު އެޅުމުގައި އިނާއަށް އެންމެ ހާއްސަ މަސައްކަތަކީ އޭނާ ވަރަށްފަހުން ތައްޔާރުކުރި ވެޑިން ޑެޒާޓް ޓޭބަލްއެވެ. އިނާ ބުނީ އެ ޑެޒާޓް ޓޭބަލްއަކީ އޭނާ ވެޑިއަކަށް ޑެސާޓް ޓޭބަލްއެއް ހެދި ފުރަތަމަ ފަހަރު ކަމަށާއި އެ މަސައްކަތަށް ގާތްގަނޑަކަށް 2 ދުވަސް އެއްކޮށް ހޭދަވެފައިވާނެ ކަމަށެވެ.

އިނާ ދެ ދުވަސް ހޭދަކޮށްގެން ހަދާފައިވާ ވެޑިން ޑެޒާޓް ޓޭބަލް

ކޭކު އެޅުމުގައި ގޮންޖެހުން ތަކަކާ އިނާއަށް ވެސް ކުރިމަތި ވެއެވެ. އެގޮތުން އިނާގެ ހިޔާލުތައް އެހެން ބައެއް މީހުން ކޮޕީކުރާތަން ފެންނަ ކަމަށާއި އޭގެ އިތުރުން މަސައްކަތަށް ބޭނުންވާ އެއްޗެހި ރަށަށް ގެންދިއުމުގައި ވަރަށް އުނދަގޫވާކަން އިނާ ފާހަގަކުރެއެވެ.

ކޭކު އެޅުމުގެ އިތުރުން ޕާޓީތަކަށް އިނާ ޕާޓީ ސެޓަލް ހަދައިދީ ޑެކަރޭޝަންގެ މަސައްކަތްވެސް ކުރެއެވެ. އިނާ އެ މަސައްކަތް ފެށުނު ގޮތް ކިޔައިދެމުން ބުނީ އޭނާގެ ރައްޓެއްސެއްގެ އުފަން ދުވަހަކަށް އެކަން ކުރާ ބަޔަކު ބެލިއިރު އެ ރަށުން އެހާ ފަސޭހަ ގޮތަކަށް އެކަން ކޮށްދޭނެ ބަޔަކު ވަރަށް މަދު ކަމަށެވެ. އަދި އަމިއްލައަށް އެކަން ކުރެވޭތޯ ބަލާ، އެކަން ވީމަައި ދެން އެކަން ފެށީ ކަމަށް އިނާ ކިޔައިދިނެވެ.

އިނާގެ މަސައްކަތްތައް، ކޭކާއި ޕާޓީ ޑެކަރޭޝަން
"ކޭކެއް ހަދާފަ ރައްޓެއްސެއްގެ އުފަން ދުވަހު ފާހަގަކުރަންވެގެން އެކަން ކޮށްދޭނެ ބަޔަކު ރަށުން ބަލާލީ. އެހާ ފަސޭހަ ގޮތަކަށް އެކަން ކުރާ ބަޔަކު ވަރަށް މަދު އެހެންވީމަ ހިތަށް އެރީ އަމިއްލައަށް އެކަން ވޭތޯ ބަލާލާނީއޭ. ކްރިއޭޓިވް މަސައްކަތެއް. ދެން އެކަން ވެސް ފެށީ. އެކަންތައްވެސް ކުރާ ހިތްވީމާ އެކަންވެސް ކުރަނީ. އެހާ ބޮޑު އިސްކަމެއް އަދިވެސް ނުދެން އަދި ބޭކިންއަށް ދެވޭ ވަގުތު މަދުވެދާނެތީ"
އިނާ

މި މަސައްކަތްތަކުގެ އިތުރުން ޕާޓީއަށް ބޭނުންވާ އެއްޗެހި ގެނެސްދިނުމާއި ފޮޓޯ ނެގުމަކީ އިނާ ކުރިމަގަށް ދެކޭ ހުވަފެނަކަށް ވެފައިވާއިރު މި ދާއިރާއިން އިނާ އެންމެ ދެކޭ ހިތްވާ ދުވަހަކީ އަމިއްލަ ކޮންމެވެސް ކަހަލަ އައުޓްލެޓް ހުޅުވައިގެން ކޭކު އެޅުމުގެ މަސައްކަތް ބޮޑަށް ފުޅާކުރުމެވެ.

އިނާ މި ހިސާބަށް އައި އިރު އެތައް ބައެއްގެ އެހީތެރިކަމާ އެއްބާރުލުމުގެ އިތުރުން ހިތްވަރުވެސް ލިބިފައިވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އިނާ ވަނީ އޭނާގެ ފިރިމީހާއާއި މައިންބަފައިނާއި ދޮންތައާއި ތިއްތަ އަދި ކުޑަބެގެ އިތުރުން ރައްޓެހިންނާއި އާއިލާއަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

އިނާ އަކީ ބޭކިން ނުވަތަ ކޭކުގެ އެއްވެސް ކޯހެއް މީގެ ކުރިން ހަދައިފާވާ މީހެއް ނޫނެވެ. އަދި ކޯހެއް ހެދުމުގެ ވިސްނުމެއްވެސް އިނާ ނުގެންގުޅެއެވެ. އިނާގެ މިހިސާބަށް އައުމުގައި ބޭކިންއާ ގުޅޭ ގޮތުން އޭނާ ހުރިހާ އެއްޗެއްވެސް ކިޔެވީ އަމިއްލައަށް ޔޫޓިއުބުން ހިޔާލުން ހޯދައިގެންނެވެ. އަދި އެކަމަކީ ކޮންމެ މީހަކަށްވެސް ކުރާ ހިތުން ކޮށްފިނަމަ ކުރެވޭނެ ކަމެއްކަން އިނާ ދަނީ ސާބިތުކޮށްދެމުންނެވެ.