ދުނިޔޭގެ ތެލުގެ ސިނާއަތް ހައްސާސީ ފައްތަރެއްގައި އޮތް މި ދަނޑިވަޅުގައި، އަވަށްޓެރި އިންޑިއާގެ ބާޒާރުގައި ހަކަތައިގެ އަގުތައް އަނެއްކާވެސް ބޮޑު ކޮށްފިއެވެ.

ޕެޓްރޯލާއި ޑީސަލް ލީޓަރަކުން 40 ޕެއިސޭ އަގުބޮޑުކޮށްފައި ވާ އިރު، މިއީ ފާއިތުވީ 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި އަގުތައް ބޮޑު ކުރި 12 ވަނަ ފަހަރެވެ.

ވެރިރަށް ނިއުދިއްލީގައި މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 103.81 ރުޕީޒްއަށެވެ. ޑީސަލް ލީޓަރެއް ވިއްކަނީ 94.67 ރުޕީޒްއަށެވެ. ވިޔަފާރީ ހަބް، މުމްބާއީއަށް ބަލާއިރު ޕެޓްރޯލް ލީޓަރެއްގެ އަގު ހުރީ 118.83 ރިޕީޒްއަށެވެ. މުމްބާއީގައި ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 103.07 ރުޕީޒްއަށެވެ.

އިންޑިއާގެ ހުރިހާ ހިސާބެއްގައި ހަކަތައިގެ އަގު ބޮޑު ކޮށްފައި ވާ އިރު، އެކި ސްޓޭޓްތަކުގައި އަގުތައް ތަފާތެވެ. އެކަން ބަރޯސާ ވަނީ އެ ސަރަހައްދެއްގައި ޓެކްސްގެ ކަންކަން ހަމަޖެހިފައި އޮތް ގޮތެއްގެ މައްޗަށެވެ.

އެންމެ ފަހުން މިއަދު އަގަށް ގެނައި ބަދަލުތަކާއެކު، ފާއިތުވީ 14 ދުވަހުގެ ތެރޭގައި ލީޓަރަކުން 8.40 ރުޕީޒް ބޮޑުކޮށްފައި ވާ ކަން ފާހަގަ ކުރަންޖެހެއެވެ. ނޮވެމްބަރު 2021 އިން ފަށައިގެން މާޗް މަހުގެ 3 ވަނަ ހަފުތާގެ ނިޔަލަށް ފާއިތުވީ 4 މަހާއި ބައިގެ މުއްދަތުގައި ހަކަތައިގެ އަގުތަކަށް ބަދަލު ގެނެސްފައެއް ނުވެއެވެ.