ރޯދަމަހު ހިޔާ ފަލެޓްގެ ކުލި ނުނަގާ އެކަން ފަސްކޮށްދިނުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

މުއިއްޒު މިހެން ވިދާޅުވީ، މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހިޔާ ފްލެޓްތަކުގެ ކުލި ނަގން ފެށުމާ އެކުގައެވެ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ އަތްމަތި އެންމެ ބޮޑަށް ދަތިވެ، އެންމެ ބޮޑަށް ހަރަދު ބޮޑުވާ މަސް ކަމަށް ވާ ރޯދަމަހު ހިޔާ ފްލެޓްގެ ކުލި ނަގަން ފެށުމަކީ އެތައް ހާސް އާއިލާއަކަށް ނުހަނު ބޮޑު ތަކުލީފެއް ކުރިމަތިވެގެން ދާނޭ ކަމެއް ކަމަށެވެ. އެހެންކަމުން އެ ނިންމުން ބަދަލުކޮށް ކުލި ދައްކަން ފަށަންޖެހޭ ތާރީހް ފަސްކޮށް ދެއްވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ހިޔާ ފްލެޓްގެ ކުލި ނަގަން ފަށާފައިވާ ކަމަށް އެޗްޑީސީން އިއުލާންކޮށް އެ ފައިސާ ދައްކަމުން ދިއުމަށް ވަނީ އާންމުކޮށް އަންގާފައެވެ. އެގޮތުން 25 އަހަރުގެ މުއްދަތަށް ބަހާލައިގެން ހިޔާ ފްލެޓްގެ ކުލި އިންސްޓޯލްމަންޓުގެ ގޮތުގައި ދައްކާ އިރު މަހު ކުއްޔަށް ޖެހެނީ 7،500 ރުފިޔާއެވެ. މީގެ އިތުރުން ފްލެޓުތަކުގެ މެނޭޖްމަންޓް ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ ދައްކަން ޖެހެއެވެ.

ހިޔާ ފްލެޓްގެ ކުލި މި އޭޕްރިލް މަހުން ނަގަން ނިންމާ ފައިވާ އިރު، މިދިޔަ މހަު ފަހު ކޮޅު ހިޔާ ޔޫނިއަނުން ވަނީ ހިޔާ ފްލެޓްވެރިންގެ ޝަކުވާތަކާއެކު 1500 ސިޓީއެއް އެޗްޑީސީއަށް ހުށަހަޅާފައެވެ. މީގެ އިތުރުން ވެސް އެކި ފަހަރު މަތީ ހިޔާ ފްލެޓްވެރިން ނިކުމެ އިހްތިޖާޖު ކޮށް، އަދި ސަރުާރަށް ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފައެވެ.

ހިޔާ ފްލެޓްވެރިންގެ އެދުމަކީ ކުލި ކުޑަކޮށްދިނުމެވެ. އަދި ފިނިޝިން މަސައްކަތް ނިންމުމަށް ދީފައިވާ ގްރޭސް ޕީރިއަޑް އިތުރުކޮށް ފިނިޝިން މަސައްކަތުގެ ހަރަދުން ބައެއް ކުޅި އުނިކޮށް ދިނުން ފަދަ ކަންކަމެވެ. މިއަދާ ހަމައަށް އެ ޝަކުވާތައް ފްލެޓްވެރިން އުފުލަމުން އައި ނަމަވެސް އަދި މިހާތަނަށް ކުލި ކުޑަކުރުމާ ގުޅޭ ގޮތުން ސަރުކާރުން ބުނެފައި ވަނީ، އެއީ ނެގެން އޮތް އެންމެ ކުޑަ ކުލި ކަމަށެވެ.