ކަނޑު ފަޅުތަކާއި، ކަނޑުގެ ގުދުރަތީ ވަސީލަތްތަކާ ގުޅޭ ދިރާސާތައް ކުރުމަށް ދޫކުރާ ހުއްދައަށް އެދުމަށް އޮންލައިން ޕޯޓަލްއެއް ތައާރަފްކޮށްފިއެވެ.

ޕިޝަރީޒް މިނިސްޓްރީން ބުނީ، މި ޕޯޓަލް އަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ކަނޑުގެ ގުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމާ ބެހޭ ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ދިރާސާތައް ކުރުމުގެ ހުއްދައަށް އެދުމާއި، ހުއްދަ ދޫކުރުން އަދި ހުއްދަ އާ ކުރުމާ ގުޅިގެން ހިނގާ އެންމެހާ އިދާރީ މުއާމަލާތްތަކާ ގުޅޭ ކަންކަން އެއް ތަނަކުން ކުރިއަށް ގެންދިއުމަށްޓަކައި ފަރުމާކޮށްފައި ވާ ޕޯޓަލްއެއް ކަމަށެވެ.

ޕޯޓަލް ގެ މަގުސަދަކީ ދިވެހިރާއްޖޭގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ޔުނިވާސިޓީތަކުންނާއި، ޖަމިއްޔާ ޖަމާއަތްތަކުން ދިވެހިރާއްޖޭގެ ކަނޑުގެ ވެށީގެ ދިރާސާ ކުރުމަށް އިތުރަށް މަގުފަހިކޮށް ދިނުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން، އެކި އެކި ދިރާސާތައް ކުރަމުންދާ ސަރަހައްދުތަކާއި، ދިރާސާއާ ގުޅޭ ހުލާސާ މައުލޫމާތު ހިމެނޭ ޗާޓެއް ފެންނަން ހުންނާނެއެވެ.

އަމާޒަކީ މެރިން ރިސާޗް ޕާމިޓް ޕޯޓަލް ތައާރުފު ކުރުމާ ގުޅިގެން ކަނޑުގެ ވެއްޓާ ބެހޭ ގޮތުން ކުރާ ތަހުލީލުތަކާއި ދިރާސާތައް އިތުރުވެ، މުހިންމު ވަސީލަތާ ބެހޭ ގޮތުން ހޯދޭ މައުލޫމާތާއި އިލްމް އިތުރަށް މުއްސަނދިވެ، މުޖުތަމައުގައި ކަނޑާއި، ކަނޑުގެ ދިރުންތަކާ މެދު އޮންނަ ހޭލުންތެރިކަން އިތުރުވެގެން ދިއުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ ޕޯޓަލް ތައްޔާރުކޮށްފައި ވަނީ ދިވެހި ސަރުކާރާއި އިންޓަނޭޝަނަލް ޔޫނިއަން ފޮ ކޮންޒަވޭޝަން އޮފް ނޭޗާ އައިޔޫސީއެން ގުޅިގެން ތަންފީޒު ކުރަމުންދާ "ރީޖެނަރޭޓް" މަޝްރޫގެ ތެރެއިންނެވެ. ރީޖަނަރޭޓް އަކީ ޔުނައިޓަޑް ސްޓޭޓްސް އެޖެންސީ ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ޔޫއެސްއޭއައިޑީގެ ދީލަތި އެހީއާއެކު ހިންގާ މަޝްރޫއެކެވެ.