ދުނިޔޭގެ އެންމެ ވަރުގަދަ ޖަލުތަކުގެ ގޮތުގައި ސިފަ ކުރަމުން އަންނަ ގުއަންޓަނަމޯ ބޭ ޖަލުގައި ހުރި ސޫފިޔާން ބަހްރޫމީ، ވިއްސަކަށް އަހަރު ދުވަހަށް ފަހު، އޭނާގެ އުފަން ވަޒަން ކަމުގައި ވާ އަލްޖަޒާއިރަށް ބަދަލު ކޮށްފައި ވާ ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ސޫފިޔާން ބަރްހޫމީ ހައްޔަރު ކުރީ 2002 ވަނަ އަހަރު، ޕާކިސްތާނުންނެވެ. އެއީ އޭރުގެ އެންމެ ވަރުގަދަ ޓެރަރިސްޓު އެއް ޖަމާއަތުގެ ގޮތުގައި ސިފަ ކުރަމުން އައި އަލް-ގައިދާގެ އިސް މެންބަރަކާއެކު، ފިލާ އޮއްވާއެވެ. އަދި އެމެރިކާއިން ވަނީ، އެ ގައުމަށް ބޮމުގެ ހަމަލާ ދޭން އުޅޭ ކަމުގެ ތުހުމަތުގެ އިނގިލި، ސޫފިޔާންއަށް އަމާޒު ކޮށްފައެވެ.
ކަން މިހެން އޮތް ނަމަވެސް އެމެރިކާގެ ދިފާއީ ވުޒާރާއިން މިހާރު ބުނަމުން ދަނީ ސޫފިޔާން ބަންދުގައި ބެހެއްޓުމުގެ ބޭނުމެއް ނެތް ކަމަށެވެ.
އަލްޖަޒާއިރުން ވަނީ، ސޫފިޔާން އާ މެދު، އިންސާނިއްޔަތުކަން ގެންގުޅޭނެ ކަމުގެ ޔަގީންކަން ދީފައި ކަމަށް ހަބަރު ލިބެއެވެ.
އެމެރިކާއިން ދަނީ ގުއަންޓަނަމޯ ބޭ ޖަލު ފެސިލިޓީގައި ތިބި ގައިދީންގެ އާބާދީ މަދު ކުރުމުގެ ގޮތުން، އެ ގައިދީން ނިސްބަތްވާ ގައުމުތަކާ މަޝްވަރާކޮށް، ޒިންމާދާރު އުސޫލެއްގެ ދަށުން ގައިދީން ދޫކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ސޫފިޔާން ބަހްރޫމީއާ ބެހޭ އިތުރު ތަފްސީލުތަކެއް އެމެރިކާއިން ހާމަ ކޮށްފައި ނުވާއިރު، މި ކަމާ ބެހޭ ގޮތުން އަލްޖަޒާއިރުންވެސް ފާޅުގައި އެއްޗެއް ބުނެފައެއް ނުވެއެވެ.
ގުއަންޓަނަމޯބޭ ޖަލުން އެންމެ ފަހުން މި ދޫކޮށްލި ގައިދީ ދޫކޮށްލުމުން، އެ ޖަލުގައި މިހާރު ތިބީ 37 ގައިދީއެކެވެ. އޭގެ ތެރެއިން 18 މީހަކީ، ކިއުބާގައި ހިންގާ ގުއަންޓަނަމޯ ބޭ ފެސިލިޓީއިން ބަދަލު ކުރުމުގެ ޝަރުތު ހަމަވާ ބައެކެވެ. 2002 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ގުއަންޓަނަމޯ ބޭ ފެސިލިޓީ ބޭނުން ކުރަމުން ދަނީ، ޓެރަރިޒަމާ ދެކޮޅަށް އެމެރިކާއިން ހިންގި ހަނގުރާމައިގެ ތެރޭގައި އަތުލަގަތް، ޣައިރު ގާނޫނީ ހަނގުރާމަވެރިން ހައްޔަރު ކޮށްފައި ބައިތިއްބަން ހާއްސަ ޖަލެއްގެ ގޮތުގައެވެ.