ތެލެސީމިއާ ބައްޔާ އަހަރެމެންގެ ތެރެއިން ގިނަބަޔަކު ހަނގުރާމަ ކުރަމުންދެއެވެ. މަހަކު އެއްފަހަރު ނުވަތަ ދެ ފަހަރު ލޭ އަޅަން ޖެހެއެވެ. ދަގަނޑުގެ ބައި ދައްކުރުމަށް ގަޑިއިރުތަކެއް ވަންދެން ޑެސްފަރޯލް ގުޅައިގެން އޮންނަން ޖެހެއެވެ. އެންމެ ތުއްތު އިރުން ފެށިގެން މި ހުރިހާ ވޭނެއްގައި އުޅުނު ނަމަވެސް އެކަން ކަމަށް ނުހޭނޭނެ ކަމީ ޝައްކެތްވެސް އޮތް ކަމެއް ނޫނެވެ. އެ ތޫނު ކަށިތަކުގެ ޝިކާރައަކަށް އަބަދުވެފައި ވިޔަސް، އެ ތަކުލީފު އުފުލަމުންވެސް ހަޔާތުގެ އެންމެ ސަފުހާއަކުންވެސް އުންމީދުން ފުރިގެންވާ ޖޯޝް ގެނުވަން މަސައްކަތް ކުރާ ޒުވާނުން މަދުން ނަމަވެސް ފެނެއެވެ.

އާބާދީގައި ހާހެއްހާ މީހުން ދިރިއުޅޭ ނ. ލަންދޫ، އުމުރުން 24 އަހަރުގެ މަރިޔަމް ނިޝާ އަކީ ބީޓާ ތެލެސީމިއާ މޭޖާ ބަލީގެ ތަކުލީފު ތަކަކާއެކުވެސް ތަފާތު އެކި މަސައްކަތުގައި ކުރިއަރަމުން އަންނަ ޒުވާނެކެވެ. ނިޝާ އަންނަނީ ކޭކު އެޅުމާއި ކައިވެނީގެ ހަފްލާތަކަށް މާބޮނޑި ހެދުމުގެ އިތުރުން ކައިވެނީގެ ރަން ތައްޔާރުކުރުމުގައި އޭނާގެ ހުނަރު ދައްކަމުންނެވެ.

ނިޝާގެ ބައެއް މަސައްކަތްތައް

ކުޑައިރުން ފެށިގެން ކޭކު އެޅުމަށް ޝައުގުވެރިކަން ހުންނަ ނިޝާ، މި މަސައްކަތްތައް ފެށުނު ގޮތް ކިޔައިދެމުން ބުނީ އޭނާ އަބަދުވެސް ކޭކު އެޅުމަށް ޝައުގުވެރިކަން ހުންނަ ކަމަށާއި ފުރަތަމަ ކޭކެއް އެޅީ ގްރޭޑް 6 ގައި އުޅެމުން ކްލާސް ކުއްޖެއްގެ އުފަންދުވަހަށް ކަމަށެވެ. އަދި އޭގެ ފަހުން ކޮންމެވެސް ވަރަކަށް ކޭކު އަޅަމުން އަންނަ ކަމަށާއި އެހެންނަމަވެސް ކޭކު އަޅަން ބޮޑަށް ފެށުނީ ކޮވިޑް 19 ގެ ލޮކްޑައުންގެ ތެރޭގައި ކަމަށް ނިޝާ ކިޔައިދިނެވެ.

ނިޝާ ބުނީ "ފޯމް" ގަނޑުން މާ ހަދަން ދަސްކޮށްދޭ ކްލާހެއްގައި ބައިވެރިވެ މާ ހަދަން ދަސްކޮށް، ފުރަތަމަ ހެދީ "ފްލާވާ ބޭންޑް" ކަމަށާއި އޭގެ ފަހުން 2013 ވަނަ އަހަރު މާބޮނޑި އާއި ރަން ހަދަން ފެށި ކަމަށެވެ.

ނިޝާގެ ބައެއް މަސައްކަތްތައް
"މާ ހަދަން ދަސްކޮށްދޭ ކްލާހެއްގައި ބައިވެރިވިން އެކަމު ކޭކް އަޅަން ދަސްކުރާކަށް އަދި ކޯހެއް ނުހަދަން. ދަސްކުރީ އަމިއްލައަށް"
މަރިޔަމް ނިޝާ

ނިޝާ އާއްމުކޮށް ދުވާލަކު 5 ވަރަކަށް ގަޑިއިރު ކޭކު އެޅުމުގެ މަސައްކަތުގައި އުޅޭއިރު އާއްމުކޮށް ދުވާލަކު 3 ކޭކު އޭނާ އަޅައެވެ. އޭނާ 4 ކޭކަށްވުރެ ގިނައިން އޯޑަރެއް ނުނަގައެވެ.

އުމުރުން 3 މަހުން ފެށިގެން ލޭ އަޅަން ޖެހޭ ވާހަކަ ކިޔައިދެމުން ނިޝާ ބުނީ އޭރު އެ އަތޮޅުގެ އެއްވެސް ރަށަކުން އެ ހިދުމަތް ލިބެން ނުހުންނާތީ ކޮންމެ މަހަކު ލޭ އަޅަން މާލެ އަންނަން ޖެހޭ ކަމަށެވެ. އަދި ބައެއް ފަހަރު ލޭ އަޅަން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށްވެސް ގޮސްފައިވާނެ ކަމަށްވެސް ނިޝާ ކިޔައިދިނެވެ. ލޭ އެޅުމަށް ދިމާވެފައިވާ ދަތިތަކާއެކު ނިޝާ 2010 ވަނަ އަހަރު މާލެ ބަދަލުވެ، މާލެއިން ގްރޭޑް 10 ނިންމި ކަމަށް ނިޝާ ވަނީ ބުނެފައެވެ. އަދި އެ ރަށުން ލޭ އެޅެން ފެށުމުން ނިޝާ މިހާރު ދިރިއުޅެމުން ދަނީ ރަށުގައެވެ. މިހާރުވެސް ކޮންމެ މަހަކު އެއްފަހަރު 2 ޕޮއިންޓް ލޭ ނިޝާ އަޅަން ޖެހޭއިރު ޑެސްފަރޯލް ގުޅައިގެން 12 ގަޑިއިރަށްވުރެ ގިނަ ވަގުތު އޭނާ ހޭދަކުރެއެވެ.

ނިޝާގެ ބައެއް މަސައްކަތްތައް

ނިޝާގެ މަސައްކަތްތަކުގައި އޭނާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށުން ބޭނުންވާ އެއްޗެހި ނުލިބުން ކަން އޭނާ ފާހަގަކުރެއެވެ. ނިޝާ އެއިން ކޮންމެ މަސައްކަތެއްވެސް ކުރަމުން އަންނަނީ ވަރަށް ޝައުގުވެރިކަމާއެކުގައެވެ. އެހެންނަމަވެސް ކައިވެނި ހަފްލާތަކަށް ތައްޔާރުކުރާ މާބޮނޑި އަކީ ނިޝާގެ މަސައްކަތްތަކުގެ ތެރެއިން އޭނާ ފާހަގަކޮށްލާ މަސައްކަތެކެވެ. ނިޝާ ހަދާ މާބޮނޑި ފެނި އެކަމުގެ މައުލޫމާތު ހޯދައިގެން އޯޑަރު ދޭ މީހުންނެއް މަދެއް ނޫނެވެ. މާބޮނޑީގެ އިތުރުން ރަން ހަދަން އެއް މަސްކުރިން އޯޑަރުތައް އޭނާ ނަގައެވެ. ސަބަބަކީ މާލެއިން ބޭނުންވާ އެއްޗެހި ރަށަށް ގެންގޮސް މާބޮނޑި ހަދާ މާލެ ފޮނުވަން އެހާ ވަގުތު ނަގާނެތީ ކަމަށް ނިޝާ ބުނެއެވެ.

ނިޝާގެ ބައެއް މަސައްކަތްތައް

މި މަސައްކަތް ފެށިގެން މިހާތަނަށް އައި އިރު ނިޝާއަށް ގިނަބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާއިރު 2019 ވަނަ އަހަރު އޭނާގެ ކައިވެންޏަށްފަހު ފިރިމީހާގެ ފަރާތުން އިތުރަށް އެހީތެރިކަން ލިބެމުން އަންނަކަން ނިޝާ ވަނީ ފާހަގަކޮށްފައެވެ. އަދި އެކަންކަން ފާހަގަކޮށް މަންމަ އާއި ފިރިމީހާގެ އިތުރުން އާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިންނަށް ނިޝާ ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ނިޝާ ކޮންމެ މީހަކަށްވެސް ދޭ ބޭނުންވާ މެސެޖެއް އޮވެއެވެ. އެއީ ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ މީހަކަށްވެސް ކާމިޔާބު ވާނެ ކަމަށާއި ކޮންމެ ކަމެއްވެސް ވާނީ އެއްފަހަރުވެސް "ޓްރައި" ކޮށްގެން ކަމަށެވެ.

ނިޝާގެ ބައެއް މަސައްކަތްތައް
"ތިއްބަކަސް ކޮންމެ ކަމެއް ނުވާނެ. ޓްރައި ކްރީމަ ކޮންމެ ކަމެއްވެސް ވާނީ. ނުވާނެއޭ ކިޔާފަ ތިއްބަކަސް ނުވާނެ، ހިތްވަރާއެކު މަސައްކަތް ކޮށްގެން ކޮންމެ މީހަކަށްވެސް ކާމިޔާބު ލިބޭނެ"
މަރިޔަމް ނިޝާ

ކުރިއަށް އޮތްތަނުގައި ކޭކު ކޯހެއް ހެދުމުގެ ވިސްނުން ނިޝާ ގެންގުޅޭއިރު، އެ ހުރިހާ މަސައްކަތްތަކެއްގައި ވެސް އިތުރު ހަރުފަތަކަށް ދިއުމަކީ އޭނާ ދެކޭ ވަރަށް ބޮޑު ހުވަފެނެކެވެ.