ޗައިނާގެ ވިޔަފާރި އަދި މާލީ މަރުކަޒީ ހަބުގެ ގޮތުގައި ސިފަ ކުރަމުން އަންނަ ޝަންހާއީއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް އަދަދަކަށް ފެންނަމުން ދިއުމާ ގުޅިގެން މުޅި ސިޓީ ލޮކްޑައުން ކުރަން ނިންމި ނިންމުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށަށް ހިނގައްޖެއެވެ.
ގާތްގަނޑަކަށް 9 ދުވަހުގެ މުއްދަތައް ޝަންހާއީ ލޮކްޑައުން ކުރަން ނިންމާފައި ވާ އިރު، އެކަމަކު ސަބަބުން ތެލަށް ޑިމާންޑް ދަށްވެގެންދާނެ ކަމަށް ބެލެވޭތީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށަށް ދިޔަ ގޮތަށް ބަލާއިރު، އިނގިރޭސިވިލާތުގެ ބްރެންޓް ކުންފުނިން ވިއްކާ ސާފު ނުކުރާ ތެޔޮ ފީފާއަކުން 4.50 ޑޮލަރު ވަނީ ވެއްޓިފައެވެ.
ބައިނަލްއަގުވާމީ ތެލުގެ ބާޒާރުގެ އަގުތައް ކަނޑައެޅުމުގެ ބެންޗްމާކެއްގެ ގޮތުގައި ބަލަމުން އަންނަ ބްރެންޓް ކުރޫޑްގެ އަގުތަކުން 4 ޕަސެންޓް ހެޔޮވެ، ފީފާއެއްގެ އަގު ވަނީ، 115.80 ޑޮލަރަށް ވެއްޓިފައެވެ.
ނަމަވެސް މި އަގަގަކީ، މީގެ އަހަރެއްހާ ދުވަސް ކުރިން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ހުރި ގޮތާ އަޅާ ބަލާއިރު 80 ޕަސެންޓް ބޮޑު އަގެއްކަން ފާހަގަ ކުރަންޖެހެއެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އިންތިހާއަށް އުފުލިގެން ދިޔައީ ރަޝިއާއިން ޔޫކްރައިންއަށް އަރާ، ހަނގުރާމަ ފެށި ހިސާބުންނެވެ.
ޝަންހާއީ ލޮކްޑައުން ކުރުމާއެކު ގިނަ ކާރުހާނާތަކެއްގެ މަސައްކަތްތައް ވަނީ މަޑުޖައްސާލަން ޖެހިފައެވެ. އަދި ބައެއް ވިޔަފާރިތަކުން މިހާރުވެސް ވަނީ ޝަންހާއީގައި އޮޕަރޭޓް ކުރުން ހުއްޓާލާފައެވެ.
ރެކޯޑް އަދަދުތަކުން ކޮވިޑް ކޭސްތައް އިތުރުވުމުގެ ސަބަބުން، 2 ފިޔަވައްސަކަށް ބަހަލައިގެން ވިޔަފާރި މަރުކަޒު ޝަންހާއީ ލޮކްޑައުން ކޮށް، ޓެސްޓު ކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންދާކަން ވަނީ ހާމަކޮށްފައެވެ.
ކަމާ ބެހޭ ފަރާތްތަކުން ބުނީ ހުއާންގްޕޫ ކޯރު މިންގަނޑަކަށް ބަލައިގެން ސިޓީ ދެބައިކޮށްގެން މި ހަރަކާތް ކުރިއަށް ދާނެ ކަމަށެވެ. މި އޮޕަރޭޝަނަށް 9 ވަރަކަށް ދުވަސް ހޭދަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ކޯރުގެ އިރުމައްޗާއި ހުޅަނގަށް އޮންނަ ބައެއް ސަރަހައްދުތައް އިއްޔެއިން ފަށައިގެން އޭޕްރިލް 1 ވަނަ ދުވަހުގެ ނިޔަލަށް ލޮކްޑައުން ކޮށްގެން ޓެސްޓު ކުރުން ކުރިއަށް ގެންދާ އިރު، ބާކީ ހުރި ސަރަހައްދުތަކުގައި މި އޮޕަރޭޝަން ހިންގާނީ އޭޕްރިލް 1 އިން 5 ވަނަ ދުވަހުގެ ނިޔަލަށެވެ.