މިދިޔަ އަހަރުގެ މޭ މަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއާ ގުޅުން އެބަ އޮތް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ތުހުމަތުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަމުން ބޮންޑޭ ވިދާޅުވީ އިމްރާނަކީ ފެބްރުއަރީ 7، 2012 ގައި ހިންގި ބަޣާވާތުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅާ ކަމަށާއި ނަޝީދާ ބެހޭ ގޮތުން ވަރަށް ހުތުރުކޮށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުވެސް ވާހަކަދައްކަވާފައިވާ ކަމަށެވެ.
ބޮންޑޭ ވިދާޅުވީ މިއީ ވަަރަށް ސީރިއަސް މައްސަލައެއް ކަމަށާއި ރައްޔިތުންނަށް ބާރު ހޯއްދަވައިދެއްވުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުންދާ އިރު އެމްޑީޕީގެ ގައުމީ މަޖިލިސް މިހާރު އޮތީ ހިސާރުކޮށްފައި ކަމަށާއި އަދި ރައްޔިތުންގެ މަޖިލިސް ވެސް އޮތީ ސަރުކާރުގެ އަތް ދަށުވެފައި ކަމަށެވެ.
މީގެކުރިން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަނީ ރައީސް ނަޝީދަށް ހަމަލާ ދިނުމުން އެމްޑީޕީގެ މަޖިލީހުގެ ބައެއް މެންބަރުން އެކަން ޖޯކަކަށް ހައްދަވައިގެން ހީސަމާސާ ކޮށް ހެއްދެވި ކަމަށް ވެސް ތުހުމަތުވެސް ކުރައްވާފައެވެ.