އަވަށްޓެރި އިންޑިއާގައި 5 ދުވަހުގެ ތެރޭގައި 4 ވަނަ ފަހަރަށް ތެލުގެ އަގު ބޮޑުކޮށްފިއެވެ.

ހޮނިހިރު ދުވަހު އަގުތަކަށް ގެނައި މި ބަދަލާއެކު ވެރިރަށް ނިއުދިއްލީގައި ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 98.61 ރުޕީޒްއަށް އުފުލިފައެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 89.87 ރުޕީޒްއަށް އުފުލިފައެވެ.

އަގުތަކަށް ބަދަލު ގެނައި ފާއިތުވީ 4 ފަހަރަށް ޖުމުލަ ގޮތެއްގައި ބަލާއިރު ޑީސަލާއި ޕެޓްރޯލް ލީޓަރަކުން، 3.20 ރުޕީޒް ވަނީ ބޮޑުކޮށްފައެވެ. މިދޭތެރެއިން އިންޑިއާގައި ކުރިއަށް ސްޓޭޓް އިންތިހާބުތަކާ ދިމާކޮށް، ތެލުގެ އަގުތަކަށް ބަދަލު ގެނައުން އޮތީ މަޑުޖައްސާލާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އުޅެނީ 117 ޑޮލަރުގައެވެ. އިންޑިއާއަށް ބޭނުންވާ ސާފުނުކުރާ ތެލުގެ ޝިޕްމަންޓްގެ 85 ޕަސެންޓް އަކީ އެ ގައުމަށް އިމްޕޯޓް ކުރާ އެއްޗެކެވެ. އަދި ރަޝިއާއިން ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމަ އާ ގުޅިގެން އަގުތަކަށް ދަނީ އަވަސް އަވަހަށް ބަދަލު އަންނަމުން ކަންވެސް ފާހަގަ ކުރަން ޖެހެއެވެ.

ސަރަހައްދީ އިމުން ބޭރަށް ބަންޑުންވާ ސިޔާސީ ހައިޖާނުތަކާއި ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުމުގެ ކަންބޮޑުވުންތަކާއެކު، މިއަހަރުގެ މި ހާ ހިސާބަށް، ބޭރުގެ އިންވެސްޓަރުން، އިންޑިއާގެ ބާޒާރުތަކުން 114855.97 ކްރޯރް ރުޕީޒް އަނބުރާ ގެންގޮސްފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މައިގަނޑު މައްސަލައަކީ ޔޫކްރައިންގައި ރަޝިއާއިން ކުރަމުން ދާ ހަނގުރާމައެވެ.