މާލޭގެ މާފަންނުގައި ހުންނަ މ. ލަވް ނެސްޓުގެ ކޮޓަރިއެއްގެ ތަޅުން ދަށުން 42 ކިލޯގެ މަސްތުވާތަކެތި އިއްޔެ ފެނުނު މައްސަލައާ ގުޅިގެން ޕީއެންސީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުރި އަހްމަދު ހުސައިން އެ މަގާމުން ވަކިކޮށްފައިވާ ކަމަށް، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ފެނުނު 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ އެންމެ އިސްމީހާ ހައްޔަރުކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވާއިރު، އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އަހްމަދު ހުސައިނެވެ.

އިދިކޮޅުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަހްމަދު ހުސައިންގެ މައްޗަށް ކުރެވޭ ތުހުމަތުގައި އޭނާ ހައްޔަރުކުރި ކަމުގެ މައުލޫމާތު ލިބުމާއެކު، ޕީއެންސީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ކައުންސިލްގެ މަގާމުން އޭނާ ވަކިކޮށް، އާންމު މެންބަރެއްގެ ގޮތުގައި ޕާޓީގެ ހަރަކާތްތަކުގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.

އިދިކޮޅުން ބުނިގޮތުގައި، ޕީއެންސީގެ ސިޔާސަތުތަކާ ހިލާފުވެ، ގާނޫނާ ހިލާފު ބޮޑެތި ކުށްތަކަށް އަރައިގަންނަ މެންބަރުންނާ މެދު ފިޔަވަޅު އެޅުމުގެ ބާރު އެ ޕާޓީއަށް ލިބިފައިވުމާއެކު، އަހްމަދު ހުސައިންގެ މައްޗަށް ދައުވާ ކުރުމަށް ނިންމާފައިވަނީ މީގެ ކުރިންވެސް އެފަދަ މައްސަލަތަކުގައި އަމަލުކުރާ ގޮތަށް ބެލުމަށް ފަހުގައެވެ.

ހަމަ އެއާއެކު، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުގެ މައްސަލަ ބަލައި، ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުން އަވަސްކުރުމަށް ކަމާބެހޭ ފަރާތްތަކަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

އަހްމަދު ހުސައިންގެ އިތުރުން، އެ މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފައިވީ ނަމަވެސް، އޭނާގެ ވަނަވަރެއް ފުލުހުން އާންމު ނުކުރެއެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަން ތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ދޭތެރެ ދޭތެރެއިން އަތުލައިގަނެއެވެ. އެގޮތުން މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ވެސް ޕިކަޕަކަށް އަރުވަގެން ގެންދަނިކޮށް ސޯސަން މަގުން ހުއްޓުވާ ފުލުހުން ވަނީ 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އަދި މި މަހުގެ 11 ވަނަ ދުވަހު ފުލުހުންވަނީ 12 ކިލޯގެ މަސްތުވާތަކެތި އަތުލައިގެން 3 މީހަކު ހައްޔަރުވެސްކޮށްފައެވެ.

ގިނަ އަދަދުން މަސްތުވާތަކެތި އަތުލައިގެން ނަމަވެސް އެ މައްސަލަތަކުގައި ފުލުހުން ކަން ކުރާ ގޮތުން، ނުވަތަ ޗެއިން އޮފް ކަސްޓަޑީ ގޯސްވެގެން ގިނަފަހަރަށް މައްސަލަތައް ސާބިތެއް ނުވެއެވެ. ކޯޓު މަރުހަލާ ތަކުގައި ތުހުމަތުވާ އެންމެން ގިނަ ފަހަރު ހުރީ ދޫވެފައެވެ.